ދިވެހި ފުލުހުންގެ މުވައްސަސާގެ ތެރޭގައި ގޯހެއް ހެދިކަމަށް ގަބޫލު ކުރެވި އެކަމުގެ ތަހުގީގުތައް ކުރިޔަށް ދަނިކޮށް، ހޯމް މިނިސްޓަރ ނިކުންނަވައި އެކަމެއް ދިފާއުކޮށް ދެން އިތުރަށް މައްސަލަ ބަލަން ޖެހޭކަމަށް ނުފެންނަކަމަށް ވިސްނުން ހާމަކުރެވިގެން ނުވާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިފަދައިން ވިދާޅުވީ މާލޭގައި އަންހެނަކު ރަހީނުކޮށް ބިރު ދެއްކި މައްސަލައިގެ ބަންދުގައި ހުއްޓައި، ކުށުގެ ތުހުމަތު ކުރެވޭ އާދަމް އަތުހަރު، 32 އަހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ވަނީ މަރުވެފަ އެވެ. މި މައްސަލައިގައި ފުލުހުންގެ މަސައްކަތާއި މެދު ސުވާލު އުފައްދާ ދެކަމެއް އޮތް އިރު އެއީ އަންހެން މީހާ ސަލާމަތް ކުރުމަށް އަތުހަރުގެ ބޮލަށް މުގުރުން ހަމަލާ ދިން ގޮތާއި، ޖަލު ބަންދުގައި ހުރި އަތުހަރު މޮނީޓާރ ނުކުރުމެވެ.
އަތުހަރަކީ މީހަކަށް އަނިޔާއެއް ދީފާނެކަމަށް އިންޒާރު ދީ، އަމިއްލަ މީހާއަށް ޒަހަމް ދީފާނެކަމަށް އިންޒާރު ދިން މީހެއްކަމުން އޭނާ މޮނީޓަރ ކުރަން ޖެހުނު ނަމަވެސް، ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ އަތުހަރު ފުލުހުންނަށް ފެނިފައި ވަނީ 30 މިނެޓު ފަހުންނެވެ. މިއީ ފުލުހުންގެ އިހުމާލެއްކަމަށް ބަހުސްތަކެއް ފަށައި، މައްސަލައިގައި ވަނީ ހިޔާލުތައް ދެކަފިވެފަ އެވެ.
މި މައްސަލައިގައި އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އަތުހަރު ޖަލު ގޮޅީގައި ދަންޖެހިގެން މަރުވި ހާދިސާއާއި ދިމާވިއިރު، އަންހެނަކު ރަހީނު ކުރި މައްސަލައިގައި އޭނާ ސަލާމަތް ކުރުމަށް ކުރި މަސައްކަތުގައި ބޮލަށް މުގުރުން ހަމަލާ ދިނުމަށް ފަހު އެ ދެކަންތަކުގައި ބަލަން ޖެހޭކަމެއް ނެތްކަމަށް ހޯމް މިނިސްޓަރ ވިދާޅުވުމަކީ ގޯހެއްކަމަށެވެ.
މިއީ މަޖިލިސް މެދުވެރިވެގެން ކަން ހިނގި ގޮތް ބަލައި، މިނިސްޓަރު ވެސް ހާޒިރު ކުރަން ޖެހޭ ވަރުގެ މައްސަލައެއްކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަންހެނަކު ރަހީނުކޮށް އޭނާއަށް އަނިޔާއެއް ދިނުމަށް މަސައްކަތް ކުރުމަކީ ގޯހެއްކަމަށާއި، އެފަދަ އެއްވެސްކަމަކަށް ޖާގައެއް ނުވާނެކަން އޭނާ ގަބޫލު ކުރާކަމަށެވެ.
އަންހެނަކަށް އަނިޔާއެއް ދިނުމުން އެކަމަށް ދޭން ޖެހެނީ ހަރުކަށި އަދަބުކަމަށާއި، އެހެން ނަމަވެސް އަތުހަރުގެ މައްސަލައިގައި އަމަލު ކުރި ގޮތުން އާއިލާގެ ކަންބޮޑުވުންތައް ހުރިއިރު ރައްޔިތުން އުފައްދާ ސުވާލުތައް ވެސް އެބަހުރިކަމަށް މާރިޔާ ވިދާޅުވި އެވެ.
އެމްޑީޕީގެ ފަސް އަހަރަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ އޭރު ފުލުހުންގެ އެތެރެ އިސްލާހު ކުރުމަށް ކުރެވުނު މަސައްކަތަށް ލިބިފައި އޮތީ އިންގިލާބީ ހެޔޮ ބަދަލެއް ކަމަށެވެ. އެގޮތުން ފުލުސް ބޯޑާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ރަނގަޅު ކުރުމަށް މަސައްކަތް ކުރެވުނުކަމަށް މާރިޔާ ވިދާޅުވި އެވެ.
އެ ގެންދާތަނަކަށް ގެންދިޔައީމަ، ރަނގަޅަށް ބެލެހެއްޓޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ގޮތަށް.. މިނިސްޓަރ ނިކުމެވަޑައިގެން މަސައްކަތް ކުރައްވަން ޖެހޭނީ.. އެއީ އެބޭފުޅާގެ އަމިއްލަ ރައްކާތެރިކަމަށް އެބޭފުޅާ ވެސް ކުރަންވަން ޖެހޭނެކަމެއް.. ދެން އެނގިވަޑައިގަންނަވާނެ ފުލުސް ބޯޑު އޮވޭ، ފުލުސް އެތެރެ ވެސް ބެލެން އޮވޭ.. އިންޓެގްރިޓީ ކޮމިޝަން އޮވޭ.. މިހުރިހާކަމެއް ވެސް ވެގެން ދިޔަ ގޮތުން ފަހަކަށް އައިސް ފުލުހުން ވެސް ވަރަށް ބައިވަރު މަސައްކަތްކޮށްފި ކަންކަން ރަނގަޅު ކުރަން.. މިދިޔަ ފަސް އަހަރު ހަމަ ބައިވަރު މަސައްކަތް ކުރެވުނު އެތާ އެތެރޭގައި ހުރި ކަންކަން.. ރަނގަޅު ކުރަން..
އަތުހަރު ޖަލު ގޮޅީގައި އަމިއްލައަށް ދަން ޖެހޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުން ވަނީ ނޫސްވެރިންނަށް، އޮފް ދަ ރެކޯޑު ބައްދަލުވުމެއްގައި ދައްކާފަ އެވެ. އެ ވީޑީއޯ ފުލުހުން ނޫސްވެރިންނަށް ދައްކާފައި ވަނީ އަތުހަރު މަރުވީ ޖަލު ގޮޅީގައި ދިން އަނިޔާތަކަށްކަމަށް ތުހުމަތު ކުރާތީ އެވެ.

