ރައީސުލްޖުމްހޫރިއްޔާ އާންމުތަނެއްގައި އުޅުއްވާ މަންޒަރު ފެންނަ ގޮތަށް ފޮޓޯ ނަގައި އާންމު ކުރިކަމަށް ބުނާ މައްސަލައިގައި ރާއްޖޭގައި މީހެއްގެ ފޯނު ހިފެހެއްޓުމުން ސުވާލު އެ އުފައްދަނީ ސިންގަޕޫރުގެ ސަރުކާރުން ބެލެހެއްޓި ސެކިއުރިޓީއަށްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯއެއް ސިންގަޕޫރުގެ ހޮސްޕިޓަލް މޯލްއެއްގައި ހުންނަވަނިކޮށް އާންމުވި މައްސަލައިގައި ދިވެއްސެއްގެ ފޯނު ހިފަހައްޓައި އޭނާގެ މައްޗަށް ރައީސްއާއި އެމަނިކުފާނުގެ އާއިލާއަށް ފާރަލުމާއި ދިރިއުޅުއްވަމުން ގެންދެވިތަން އާންމުވާ ގޮތަށް ފޮޓޯ ނަގައި ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ގޮތަށް އަމަލު ކުރިކަމުގެ ތުހުމަތު ކުރި އެވެ.
މި މައްސަލައިގައި މާރިޔާ ވިދާޅުވީ ރާއްޖެއިން ބޭރުގެ ގައުމަކަށް ކޮންމެ މީހަކު ވެސް ދާ ހިސާބުން ހިނގާނީ އެ ގައުމެއްގެ ގާނޫނު ކަމަށެވެ. އެއީ އާންމު ރައްޔިތެއް ނުވަތަ، ދައުލަތުގެ އިސް މަގާމެއް އަދާކުރާ ބޭފުޅެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނަމަވެސް އުސޫލު ހިނގާނެ ގޮތްކަމަށް މާރިޔާ ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި އުޅުއްވާއިރު، އެ ހެޔޮ ރައީސުލްޖުމްހޫރިއްޔާއަކަސް އަޅުގަނޑުމެންގެ ޕީޖީ ލީޑަރު ވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާ ވިޔަސް އެތަނެއްގެ ގާނޫނު އެތަނަށް ހިނގާނީ.. އަޅުގަނޑުމެން ސެކިއުރިޓީ ބޭފުޅުން އަޅުގަނޑުމެންނާއި އެކީ ވަޑައިގަތަސް އެބޭފުޅުން ވެސް ކަންކަން ހިންގަވަން ޖެހޭނީ އެތާނގެ ގާނޫނު ހިނގާ ގޮތަށް.. އެ ތާނގެ ސެކިއުރިޓީ ބޭފުޅުން ވެސް، ވީއައިޕީ ބޭފުޅުން ވަޑައިގަތީމަ ހަވާލުވަނީ.. އެއީ އެއްކަންތައް..
މާރިޔާ ވިދަޅުވީ ސަރުކާރަށް ގޯހެއް އުޅޭހެން ހީވާ ހިސާބުން އެކަން، ސިންގަޕޫރުގައި ރައީސްގެ ސެކިއިރުޓީއާއި ހަވާލުވެ ތިބި ބަޔަކަށް އަންގަން ޖެހޭނެ ކަމަށެވެ. އެ ނޫން ހާލަތެއްގައި ފަހުން އަޅާ ފިޔަވަޅަކުން ސުވާލު އުފައްދަނީ އެހެން ގައުމެއްގެ މަަސައްކަތަށްކަމަށް ވިދާޅުވި އެވެ.
އެހެންވީމަ ސެކިއުރިޓީ ބްރީޗްވާ ގޮތަށް ފޮޓޮއެއް ނަގައިފިޔޭ ވިދާޅުވާކަމަށް ވަންޏާ، ސިންގަޕޫރުގެ ސަރުކާރުގެ ބޮލުގައި އެޅުވޭ ވަރަށް ބޮޑު އިލްޒާމެއް އެއީ.. އެއީ އެބޭފުޅުން ބަލަހައްޓަވަން ވާނެ އެހެން ގައުމެއްގެ ވެރިއަކު ވަޑައިގަތީމަ އެބޭފުޅުން އެ ހަވާލުވަނީ ސެކުއުރިޓީއަށް..
މާރިޔާ ވިދާޅުވީ އެހެން ގައުމެއްގެ ވެރިއަކު ވަޑައިގަތުމުން، ސެކިއުރިޓީގެ ޒިންމާ ނަގާނެ ބަޔަކީ އެއީކަމަށާއި ރާއްޖޭގެ އިސްވެރިއެއްގެ ސެކިއުރިޓީއަށް ތަނުގައި އަމއްލަ ގާނޫނެއް ހިންގައި ފިޔަވަޅު ނޭޅޭނެކަމަށެވެ. އެހެންކަމުން ރައީސްގެ ސެކިއުރިޓީއަށް ހުރަހެއް ދިމާވާ ގޮތަށް ކަމެއް ހިނގުމާއި އެކު، އެކަން އަންގަން ޖެހޭނީ އެވަގުތު ރައީސް ހުންނެވި ސިންގަޕޫރުގެ ސަރުކާރަށްކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ހިޔާލުފާޅުކުރުމާއި ބަސް ބުނުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވަ ގައުމެކެވެ. އަދި ސިންގަޕޫރުގައި ކުރާކަމެއްގެ ސަބަބުން، ކުށްވެރިވެގެން ނުވާނެކަމަށް މާރިޔާ ވިދާޅުވި އެވެ.

