ރާއްޖޭގައި ރަޖިސްޓްރީނުކޮށް ސިއްހީ ހިދުމަތް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި އެއްވެސް ބާވަތެއްގެ ޞިއްޙީ ޙިދުމަތެއް ދޭންވާނީ، ޤޞިއްޙީ ޙިދުމަތް ދިނުމުގެ ޤާނޫނުގެ 11، 12، އަދި 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވައިދު ޞިއްޙީ ޚިދުމަތްދޭ ތަންތަން ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޞިއްޙީ ޚިދުމަތް ދޭ ތަން ރަޖިސްޓަރީކޮށް، އޮޕަރޭޓިންގ ލައިސަންސް ހޯދުމަށްފަހުގައި ކަމަށެވެ.
މިނިސްޓްރީން ވަނީ މި ޤާނޫނާއި ޙިލާފަށް މިހާރަކަށް އައިސް އޯލްޓަނޭޓިވް ބޭސްފަރުވާގެ ޙިދުމަތް ( ޙާއްސަކޮށް ދިވެހި ބޭހުގެ ޙިދުމަތާއި ހިޖާމާގެ ޙިދުމަތް ) ދެމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އެހެން ކަމުން މި ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓްރީނުކޮށް، އަދި ލައިސަންސް ނެތި އެއްވެސް ބާވަތެއްގެ ޞިއްޙީ ޚިދުމަތެއް ރާއްޖޭގައި ދިނުމަކީ ކުށެއް ކަމުގައިވުމުން، އެފަދަ ފަރާތްތަކާ ދޭތެރޭ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބޭސް ވިއްކުމުގައި ބޮޑެތި ފައިދާތައް ނެގުން ހުއްޓުވުމަށްޓަކައި އަަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް ރައީސް ވަނީ އަންގަވައިފައެވެ. އެގޮތުން ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ބޭސް ރާއްޖެއަށް އެތެރެކޮށްގެން ބާޒާރުގައި ވިއްކަމުންދާ އަގުތައް މިހާތަނަށް ހުރީ 200 އިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލާފައިކަމަށެވެ. އެހެންކަމުން އެ ކަންތައްތައް ހައްލު ކުރުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

