ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ހުޅުމާލެ 2 ވަނަ ފިޔަވަހިން ބިން ވިއްކުމަށް ހުޅުވައިލައި ފިއެވެ.
އެޗްޑީސީން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިން ދޫކުރަން ނިންމާފައިވަނީ ބީލަމުގެ އުސޫލުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ ބިމާއި ބީޗް ސައިޑުން ވިއްކާ ބިމެވެ. އެގޮތުން، ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
މިއީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ ފުރުސަތެއް ކަމަށާއި އެގޮތުން އުމުރުން 18 އަހަރުވެފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ބީލަމަށް ހުށަހެޅޭނެ ކަމަށް ވަނީ ބުނެފައެވެ. ބީލަމަށް ހުށަހަޅާނީ ކުންފުންޏަކުންނަމަ އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންޖެހެއެވެ.

ބިން ވިއްކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހައިލައިގެންނެވެ. އެގޮތުން، ފުރަތަމަ މަރުހަލާއަކީ، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީ..އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.
ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ. އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ. އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެ ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެންހުންނާނެ އެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު، އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެ އެވެ.

