ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާންތައް އެމެރިކާ ޑޮލަރުން ތައްޔާރުކުރުމަށާއި އެފަދަ ފަރާތްތަކުން އެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސްތައް އެމެރިކާ ޑޮލަރުން ދެއްކުމަށް ލާޒިމުކޮށް، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު މީރާއިން އިސްލާހުކޮށްފިއެވެ.
ރާއްޖޭގެ ބޭރު ފައިސާ ރިޒާވް އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް ޕެންޝަން ފައިސާ އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދެއްކުން ލާޒިމްކުރުމަށް ނިންމެވީ ކެބިނެޓްއިން ނެވެ. ކެބިނެޓުގެ މި ނިންމުން ނިންމައިފައިވަނީ ބޭކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ބޭރަށް ކުރެވޭ މުޢާމަލާތްތަކުގެ ޑޮލަރު ލިމިޓް ކުޑަކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ބޭންކާއި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅުގައެވެ.
ޑޮލަރު ލިބުމުގެ ދަތިކަމަކީ މީގެކުރިން އެއްވެސް ސަރުކާރަކަށް ހައްލު ކުރެވިފައިވާ މައްސަލައެއް ނޫނެވެ. ރާއްޖެއަކީ ފަތުރުވެރިކަމުގެ ނަން މަޝްހޫރު މަންޒިލަކަށްވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އަހަރުން އަހަރަށް އިތުރުވިނަމަވެސް މިކަމަށް ދާއިމީ ހައްލެއް އަދާހަމައަށްވެސް އައިސްފައެއްނުވެއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤަވައިދުއަށް ގެނެވުނު އިސްލާޙުގައިވާ ގޮތުން، ޓެކްސް ނެގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ( ށ ) ގައި، އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއަކީ އެމެރިކާ ޑޮލަރު ކަމުގައި ވާ ނަމަ، ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޓެކްސް، މީރާއަށް ދައްކަންވާނީ އަދި އެ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.
މީގެއިތުރުން، އެ ފަރާތެއްގެ ފަންކްޝަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއްނަމަ، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ގެ ބަޔާންތައް ތައްޔާރުކޮށް އެ ޓެކްސްތައް ދައްކަންވާނީ އެމެރިކާ ޑޮލަރުންކަމުގައި މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
އަދި މި ވިތުހޯލްޑިންގ ޓެކްސްތަކާ ގުޅިގެން މި ގޮތަށް ޢަމަލުކުރަން ލާޒިމުވާނީ 31 އޮކްޓޯބަރ 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ނިމޭ މުއްދަތުތަކަށް ޓެކްސް ބަޔާން ތައްޔާރުކުރުމަށާއި ޓެކްސް ދެއްކުމުގައި މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

