ދުނިޔޭގެ ޑިމޮކްރަސީއާއި ދިވެހި ޑިމޮކްރަސީއާއި ވަނީ ގުޅިލާމެހިފައި ކަމަށާއި، މި ނިޒާމުގައި ރާއްޖެއިން ދުވަހުން ދުވަހަށް ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައިންސް ދަރިވަރުން ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާއި ގުޅިގެން ރަސްފަންނުގައި ބޭއްވި ޕަބްލިކް ފޯރަމް ޝަރަފުވެރިކޮށްދެއްވާ ވިދާޅުވީ މީގެ 2500 އަހަރުކުރީއްސުރެ އެކި ގައުމުތަކުން ޑިމޮކްރަސީގެ ނިޒާމު ބަލައިގަނެ އެގޮތަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މި ދިގު ތާރީހު އޮތްނަމަވެސް ގައުމުތަކުގައި ޑިމޮކްރަސީ ދެމިގެންދާތަން ނުފެންނަކަމަށް ފުވާދު ވިދާޅުވިއެވެ.
ޑިމޮކްރެޓިކް އުސޫލުން ވަކި ހިސާބަކަށް މަސައްކަތްގޮސް ދިރާސީ ވެރިކަމެއް ނުވަތަ އަސްކަރީ ނުވަތަ އެހެން ބާވަތެއްގެ ވެރިކަމެއް އުފެދިގެން އަންނަތަން އެބަފެނޭ.
ފުއާދު ވިދާޅުވީ ދުނިޔޭގެ ކަންކަން ހިންގުމުން އައިއިރު ފަހުގެ ތާރީހުގައި ދިވެހިން ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން ކުރިއެރުންތަކެއް ހޯދަމުން ދިޔަ ކަމަށެވެ. އެގޮތުން ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން އޭގެ ފަހުން ރަސްކަމަށް ބަދަލުވިއިރުވެސް އެ އުސޫލަށް ނިޒާމު ހިންގުމުގެ ވާހަކަތައް ދެކެވުނު ކަމަށް ފުވާދު ވިދާޅުވިއެވެ. އަދި ދެވަނަ ޖުމްހޫރިއްޔާއާއެކު ރާއްޖެ މިނިޒާމުގައި ކުރިއެރުންތަކެއް ހޯދަމުން އައިސް 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީއާއެކު ގިނަ ހައްޤުތަކެއް ކަށަވަރު ކުރި ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. އދ. ގެ ގަރާރަކުން ފާހަގަކުރަށން ފެށި މި ދުވަހުގެ މި އަހަރުގެ ޝިއާރު ބިނާވަނީ މަސްނުއީ ސިކުނޑި ބޭނުންކޮށްގެން ހަރަދުނާ ހިންގުމުގެ ނިޒާމެއް ގާއިމްކުރުމުގެ މައްޗަށެވެ.

