ބައިނަލްއަޤުވަމީ ފެންވަރުގައި ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޑިމޮކްރެސީއާއި ދައުލަތުގެ ހިންގުން ހަރުދަނާކުރައްވައި، އިސްލާމީ ގިއުގަނޑުގެ ތެރޭގައި، ދިވެހިވަންތަ އުޞޫލުތަކުގެ މަތީގައި ދިވެހި ދައުލަތް ޒަމާނީ ކުރިއަރާފައިވާ ދައުލަތެއްގެ ގޮތުގައި ބައްޓަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް ކޮންގްރެސް ޕާޓީން ޝުކުރު އަދާކޮށްފިއެވެ.
ކޮންގްރެސް ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތަޢާރަފުކުރެވުނުތާ 16 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވީ ނަމަވެސް އެފަދަ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް އޮތީ ނުކުރެވި ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން ގެންނަންޖެހިފައި ހުރި މުހިއްމު އިޞްލާޙުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ކޮންގްރެސް ޕާޓީން ބުނެފައިވަނީ އަހަރުން އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރެއްވުމާއި، ބޮޑެތި އިންތިޚާބުތައް ވަކިވަކިން އޮތުމުގެ ބަދަލުގައި އިންތިޚާބުތައް އެއް ތާރީޚެއްގައި ބާއްވާގޮތަށް ނިޒާމު ބަދަލުކުރެއްވުން ފަދަ ދައުލަތުގެ ހިންގުން ހަރުދަނާކުރަން ކުރަންޖެހިފައި ހުރި މުހިއްމު މަސައްކަތްތައް ކުރައްވަން ރައީސް ނިންމަވާފައިވާކަމަށެވެ. އެކަންކަމަކީ ދުރުރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިޞްލާޙުވާނެ ކަންތައްތަކެއް ކަމުގައި ޕާޓީން ޤަބޫލުކުރާކަމެއް ކަމުގައި ވަނީ ބުނެފައެވެ.
ޕާޓީން ބުނެފައިވަނީ ޤާނޫނުއަސާސީގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް ކަމަށެވެ. ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލތުގެ ޞިފަތައް ވަރުގަދަކުރައްވައި ހަރުދަނާކުރެއްވުމަށް ގިނަގުނަ ފިޔަވޅުތަކެއް އަޅުއްވަމުންދާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރެއްވުމަށް ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭކަން ކަށަވަރުކޮށްދެއްވި ކަމަށް ވަނީ ބުނެފައެވެ. ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހިންގެ އަމިއްލަ ވިސްނުމާއި ފިކުރާ އެއްގޮތަށް، ދިވެހިރާއްޖޭގެ އަމިއްލަ މަޞްލަޙަތުތައް އިސްކޮށްގެންކަން ޔަޤީންކޮށްދެއްވުމަށް ”މޯލްޑިވްސް ފަސްޓު“ ސިޔާސަތު ތަޢާރަފުކުރައްވައި ހިންގަވަން ފެއްޓެވިކަމަށެވެ. ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި، ޖުޑީޝަރީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނެސްދެއްވާފައިވާ ކަމަށް ވަނީ ބުނެފައެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވައި ލޯކަލް ކައުންސިލުތަކަށް އާމުދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުތައްވެސް ފަހިކުރައްވާފައިވާ ކަމަށްވެސް ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮންގްރެސް ޕާޓީން ބުނެފައިވަނީ މިހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި، ޒާތީ ރުޅިވެރިކަމާއި، ނަފުރަތާއި ޙަސަދަވެރިކަމުގެ ނުބައި ދަމިލަ ފިލުއްވައި، އެފަދަ ކަންކަން ނިމުމަކަށް ގެންނެވުމަށް އެމަނިކުފާނު ގެންދަވަނީ ސިޔާސީ ކަންކަމުގައި ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވައިދެއްވަމުން ގެންދަވާ ކަމަށެވެ. ވާދަވެރިންގެ އަނބުރަށް އަރައިގަތުމާއި، ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުން ނިމުމަކަށް ގެންނެވުމަށް މަޑުމައިތިރިކަމާއެކު ޤައުމީ މައްސަލަތަކާމެދު ތެދު ބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ، އިސްލާމީ އަޚުލާޤީ ގިއުގަނޑުގެ ތެރޭގައި ޑިމޮކްރެޓިކް މާޙައުލެއް ބިނާކުރާނެ ގޮތް ޢަމަލުފުޅުންނާއި ބަސްފުޅުން ތަމްސީލުކޮށްދެއްވަމުން ކަމަށްވެސް ވަނީ ބުނެފައެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދައުލަތުގެ މުއައްސަސާތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ވާދަވެރިން ކަސްތަޅުއަޅުވައި ޤައިދުކުރުމުގެ ސަޤާފަތް އެމަނިކުފާނުގެ ވެރިކަމުގައި ނިމުމަކަށް ގެންނަވައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުޞަތު ހުރިހާ ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިކޮށްދެއްވި ކަމަށެވެ. އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން އިސްނުކުރައްވައި ވާދަވެރި މާޙައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ޞުލްޙަވެރިކަމާއެކު ވެރިކަންކުރެއްވޭނެކަން އެމަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކުމެ ސާބިތުކޮށްދެއްވަމުން ކަމަށްވެސް ބުނެފައިވެއެވެ.
ކޮންގްރެސް ޕާޓީން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދައުލަތުގެ ހިންގުމަށް ގެންނަވަން ފައްޓަވާފައިވާ އިޞްލާޙީ ބަދަލުތަކާއި، ހިފަހައްޓަވަމުންގެންދަވާ އަޚުލާޤީ މިންގަނޑުތަކާއި، ގެންގުޅުއްވާ ހަރުދަނާ އިޤުތިޞާދީ އިޖުތިމާޢީ ސިޔާސަތުތަކާއެކު ދިވެހިރާއްޖޭގެ ތާރީޚުގައި ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއްކަމާމެދު މި ޕާޓީން ޝައްކެއް ނުކުރާ ކަމަށެވެ.

