ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރާ މަސައްކަތްތަކަށް ފާރަލައި ވީޑިއޯ ނެގުމަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ބާރެއް ނޫންކަމަށާއި، އެފަދަ ހިތްވަރެއް ލިބޭ ގޮތަށް ކަމެއް ވެގެން ދިއުމުން ފުރާނައަށް ނުރައްކާ ވެދާނެކަމުގެ ބިރު މެމްބަރުންނަށް އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނަށް، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ފައިސާ ބަހާކަމަށް ތުހުމަތުކޮށް އޮންލައިން ނޫހެއްގައި ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ޕީއެންސީގެ އޮފީހުން މެމްބަރުން ވަދެ ނިކުމެވަޑައިގަންނަވާ މަންޒަރު ފެންނަ އެ ވީޑިއޯގައި ބުނެފައި ވަނީ އެއީ ފައިސާ ބަލައި ދާ މެމްބަރުން ކަމަށެވެ.
މިއީ ފިތުނަވެރި ދޮގު ހަބަރުތައް ފެތުރުންކަމަށް ބުނެ ރައީސް އޮފީހުން ވަނީ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައި ތަހުގީގުކޮށް ދިނުމަށް އެދިފަ އެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވައި، ”ސަންގު ޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރައްވާ ރިފާއު ވިދާޅުވީ މެމްބަރުން ކުރާ މަސައްކަތަށް މުސާރަ ހިނގާއިރު، އޭގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވަކި ހާއްސަ ފައިސާއެއް ކޮންމެ މަހަކު މަޖިލިސް މެމްބަރުންނަށް ދޭން ޖެހޭ ސަބަބެއް ނެތްކަމަށެވެ.
ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ފަށައި މަސައްކަތް ކުރާ މިވަގުތަކީ، ރިފާއު ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގެ އިންތިހާބަށް ތައްޔާރީވުމުގެ ދުވަސްވަރެކެވެ. އެހެންކަމުން އާންމު އުސޫލުން ކޮންމެ ދުވަހަކު އެކި މަސައްކަތްތަކަށް މެމްބަރުން ޕާޓީގެ އޮފީހަށް ގޮސް އުޅޭނެކަން ފާހަގަކުރެއްވި އެވެ.
ރިފާއު ވިދާޅުވީ މެމްބަރުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ މެމްބަރެއް ނިސްބަތްވާ ދާއިރާއަކުން މެމްބާޝިޕް އިތުރު ކުރުމަށްކަމަށްވުމާއި ފޯމުތަކުގެ އެކި މަސައްކަތްތައް ކުރިޔަށް ދާކަމަށެވެ.
އެހެންވީމަ އެއް ވަގުތެއްގައި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މެމްބަރެއް އެތަނުން ވަދެ ނިކުމެ ހަދާ ކޮންމެ ވަގުތަކީ، އެއީ އެގޮތަށް ފައިސާ ލިބޭ ވަގުތެއްކަމަށްވަންޏާމު، އަޅުގަނޑަށް ހީވަނީ، އަޅުގަނޑު އެތަނަށް ކޮންމެ ދުވަހަކު ވަދެ ނިކުމެވާނެހެން.. އެއަށްވުރެ ބޮޑު ޖޯކެއް ނެތް.. އަޅުގަނޑުމެން ސިޔާސީ މަސައްކަތްތައް ކުރުމުގައި، ކެމްޕެއިން ފަންޑްސް ބޭނުން ކުރާނެ.. އެއީ ހަމަ އަބަދުވެސް ކަންތައް ކުރާނެ..
ރިފާއު ވިދާޅުވީ ޕާޓީގެ ހަރަކާތްތަކަށް ހަރަދު ކުރާނެ ފައިސާތަކެއް ހުންނާނެކަމަށާއި، އެއީ ކޮންމެ ތަނެއްގައި ވެސް ހިނގާ މުއާމަލާތެއްކަމަށެވެ. އެހެން ނަމަވެސް މެމްބަރުންނަށް ހާއްސަކޮށްގެން މުސާރައެއްގެ ސިފައިގައި ނުވަތަ ރިޝްވަތެއްގެ އުސޫލުން ފައިސާއެއް ނުދޭކަމަށް ވިދާޅުވި އެވެ.
މި ތުހުމަތުތައް ރިފާއު ސިފަ ކުރީ ފާޑުކިއުމެއް އުފެއްދުމުގެ ބޭނުމުގައި ދައްކާ އަސްލެއް ނެތް ހުސް ވާހަކައެއްގެ ގޮތުގެ އެވެ. އެއީ އެއްފަހަރު މެމްބަރުންނަށް ދެނީ ފަންސާސް ހާސްކަމަށް ބުނުމަށް ފަހު އެ އަދަދު ހަތްދިހަ ފަސްހާސްކަމަށް ވެސް ބުނަމުން ދާތީކަމަށާއި އެ ވާހަކަ ދައްކާ ބައެއްގެ ބޭނުމަކީ މެމްބަރުންގެ މެދުގައި އޮތް ގުޅުމުގެ ތެރޭގައި މައްސަލަ އުފެއްދުމުގެ ނިޔަތެއް އޮތުމުންކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އާންމު ކުރި ވީީޑިއޯއަށް ކަންބޮޑުވުންފާޅުކޮށް ރިފާއު ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ފާރަލައި ގޮސް އުޅޭތަނެއް ބަލައި ހެދުމުން ކަންބޮޑުވާކަމަށެވެ. އެއީ މީޑިއާއެއް ނަމަވެސް ނުވަތަ އާންމު ފަރުދެއް ނަމަވެސް އެ ކުރެވޭ އަމަލީ ހެދޭ ވަރަށް ބޮޑު ގޯހެއްކަމަށް ރިފާއު ވިދާޅުވި އެވެ. އަދި މިއީ މެމްބަރުންގެ ރައްކާތެރިކަމާއި، ސަލާމަތަށް ނުރައްކާވެދާނެ ފަދަކަމެއް ބަޔަކުކޮށްފާނެކަމަށް ބެލެވޭ އަމަލުތަކެއްކަމަށް ވެސް ވިދާޅުވި އެވެ.
ހަގީގަތުގައި މިފަދަ ވީޑިއޯތައް ދިއުމަކީ އަޅުގަނޑުމެންނަށް ނުރައްކަލެކޭ.. ސަބަބަކީ މިއަދު އަޅުގަނޑުމެންގެ ޕްރައިވެސީ ގެއްލިގެން ގޮސްފިކަން ހާމަވެއްޖެ މި ވީޑިއޯއާއި އެކީ.. އަޅުގަނޑުމެންގެ ފަހަތުން މީހުން އެބަ ދަތުރު ކުރާކަން.. ހާމަވެގެން ގޮސްފި.. މިއީ ވަރަށް ނުރައްކާތެރިކަމެއް.. އެހެންވީމަ މިފަދަ ފަރާތްތަކުގެ ރައްކާތެރިކަމާއި ހިމާޔަތްތެރިކަމަށް ވެސް، ނުރައްކާ ހުރިކަން މި ވީޑިއޯތައް ފެނުނީމަ އެބަ އެނގޭ.
ރިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފާރަލައި، ގޮސް އުޅޭ ތަންތަން ބަލައި ހެދުމަކީ އެއްވެސް މީޑިއާއަކަށް ނުވަތަ އެހެން ބަޔަކަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ.
މި މައްސަލައިގައި ޕީއެންސީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ”ސަންގު“ އަށް ވިދާޅުވީ މިއީ ދައުރު ފެށުނީއްސުރެ ހުއްޓުމެއް ނެތި ބަޔަކު އަޑީގައި ތިބެގެން ބަޔަކު ފަތުރަމުން އައި ވާހަކައެއް ކަމަށެވެ. ފަލާހު ވިދާޅުވީ ދައުރު ނިންމައި އެމްޑީޕީ ދިޔައީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްކަމަށާއި، މެމްބަރުން ޕާޓީ ދޫކޮށްދާނެކަމަށް ނުވަތަ މެޖޯރިޓީ ގެއްލިދާނެކަމަށް ބެލެވޭ އެއްވެސް ހާލަތެއް ރައީސަށް ނެތްކަމަށެވެ.

