މި ސަރުކާރުގެ ކެބިނެޓު ވަޒީރުން މަސައްކަތް ކުރައްވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ގެއްލުންވާ ގޮތަށްކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
މިއަދު ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ ކުންފުނިތަކުގެ ގާނޫނަށް ގެންނަ އިސްލާހަކީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކުރިއަށް ގެންދަން ޖެހޭ ވަރުގެ މައްސައްކަތެއް ނޫންކަމަށެވެ. އަދަދުތަކެއް ޖަހައިގެން ގާނޫނަށް އިސްލާހު ގެންނަނީކަމަށް ވިދާޅުވާއިރު، މިހާރު އޮތް ގާނޫނުގައިވެސް އެ މުއްދަތުތަކުގައި ކަންކަން ތަންފީޒު ކުރެވެން އެބަހުރިކަމަށް ނާޒިލް ވިދާޅުވިއެވެ.
ތަފްސީލުކޮށްދެއްވާ ނާޒިލް ވިދާޅުވީ 21 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށް ގާނޫނުގައި އޮންނަ އޮތުން 3 ދުވަހަށް ބަދަލުކުރަން އިސްލާހު ހުށައެޅިއިރު، މިގާނޫނުގައި އޮތް ގޮތުން މިހާރުވެސް 21 ދުވަހުގެ ތެރެއިން ތިން ވަނަ އަށްވާ ދުވަހުވެސް ޖަލްސާ ބޭއްވޭނެކަމެވެ. އެއްވެސް ހާލެއްގައި ޖަލްސާ ބޭއްވޭނީ 21 ދުވަހަށް ފަހުއޭކަމަށް ގާނޫނުގައި ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ.
މިއީ ބަލަން ޖެހޭ މިންވަރަށް ނުބަލާ، އަވަސް އަރުވާލައިގެން ކަންކަން ކުރުމުން ވާ ގޮތްކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ މިނިސްޓަރު މަސައްކަތް ކުރައްވަނީ ރައީސްއަށް ގެއްލުންވާ ގޮތަށްކަމަށެވެ.
ތިބޭފުޅުން ބައްލަވާ، ޖަލްސާ ބޭއްވުމަށް އެދި ހުށައަޅާތާ 10 ދުވަހުގެ ތެރޭގައި، ޖަލްސާ ބޭއްވިދާނެ. ވަރަށް ފަސޭހަ، ދެ ދުވަހުންވެސް ބޭއްވޭނެ އެ ޖަލްސާ. އެއީ ޕަބްލިކް ކުންފުންޏެއްކަމުގައިވިޔަސް، ޕްރައިވެޓް ކުންފުންޏެއްކަމުގައިވިޔަސް، ހަމަ އެ އުސޫލުން މި އޮންނަނީ ލިޔެފަ ގާނޫނުގައި.
ނާޒިލް ވިދާޅުވިއެވެ.
މި ބިލުގެ ތެރެއިން ކުންފުނިތަކުގެ ވެރިންނާއި، ބޯޑުގެ އިސްވެރިން އިސްތިއުފާ ދެއްވާ ވާހަކަ ދެކެވެމުން ނާޒިލް ވިދާޅުވީ އިސްތިއުފާ ދެއްވަން މަޖުބޫރު ކުރާކަމަށެވެ. މިހާރު ހުށައަޅާފައި މިއޮތް އިސްލާހު ގާނޫނަކަށްވުމުން ގަނޑުކޮށް، ކުންފުނިތަކުގެ ވެރިންނާއި ބޯޑު މެންބަރުން ވަކި ކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހެން ކަންކުރުމުގެ ސަބަބުން ކުންފުނިތަކުގެ ބޯޑަށް އިލްމީ، ގާބިލް ބޭފުޅުން ނުލިބޭނެކަމަށާއި، ލިބޭނީ ސިޔާސީ ބޭފުޅުންކަމަށެވެ.
މީގެ އިތުރުން ނާޒިލް ވަނީ މާރަންދޫގެ ބައި އިލެކްޝަންއާއި ގުޅިގެން ވާހަކަދައްކަވާފައެވެ. އިންތިހާބާއި ދިމާކޮށް، މާރަންދޫއަށް ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކޮށްދީފައިވާކަމަށް ފާހަގަކޮށް އެގޮތުން ނާޒިލް ވިދާޅުވީ އިންތިހާބާއި ދިމާކޮށް ރަށުގެ 13 މީހަކަށް ވަޒީފާވެސް ދިންކަމަށެވެ. ގާބިލް ނޫން މީހުންވެސް މަގާމުތަކަށް ލީކަމަށް ނާޒިލް ވިދާޅުވިއެވެ. ޖަނަރޭޓަރެއްވެސް އެ ރަށަށް ގެންދިޔަކަމަށާއި، ނަމަވެސް އޭގެން ހިދުމަތް ދެވޭނެ ތާރީހެއް އަދި ނޭގޭކަމަށް ނާޒިލް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި މާރަންދޫގައި ފަށާފައި ހުރި ގިނަ މަޝްރޫއުތައް މިހާރު ހުރީ ވަރަށް ބޮޑުތަން ނިމިފައިކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، މި މަޝްރޫއުތަކުގެ ނިންމުމުގެ އެންމެ ފަހުގެ މަރުހަލާވެސް މި ސަރުކާރަށް ފުރިހަމަނުކޮށްދެވުނުކަމަށެވެ. އެހެންކަމުން އެ މަޝްރޫއުއިން ރައްޔިތުންނަށް ކުރަން ޖެހޭ ފައިދާ އަދިވެސް ނުކުރާކަމަށެވެ.

