އެއްވެސް ނުފޫޒަކަށް އަދި ބިރަކަށް ނުލެނބޭނެ ކަމަށް ޕީޖީގެ މަގާމަށް އައްޔަން ކުރަން ރައީސް ނަން ފޮނުއްވާފައިވާ އައްބާސް ޝަރީފް ދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އައްބާސް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވީ ސިޔާސީ އެއްވެސް ބޭފުޅަކު ވިދާޅުވެގެން ނޫން ކަމަށެވެ. އައްބާސް ވިދާޅުވީ ޕީޖީގެ މަގާމަށް ހުޅުވާލުމުން އެކަމަށް ޝައުގުވެރިވާތީ ކުށުގެ ރެކޯޑް ސާފު ކުރަން ހުށަހެޅި ހިސާބުން އެކަން މީޑިއާއަށް ތިލަވި ކަމަށާއި އޭގެ ކުރިން އޭނާ އެ މަގާމަށް ޝައުގުވެރިވާކަން އެއްވެސް ބޭފުޅަކަށް ނޭނގޭނެ ކަމަށެވެ.
އަޅުގަނޑު ހުކުމްކޮށްފައި ރިޓަޔާ ކޮށްފައި މިއަދާ ހަމައަށް ވެސް މި އުޅެނީ، އަޅުގަނޑަށް އެނގިގެނެއް އަޅުގަނޑުގެ ވާހަކައެއް މިވީހާ ތަނަށް އެއްވެސް ފަރާތަކުން ދައްކާފައެއް ނެތް. އޭރު ވެސް އެކަން އެ ކުރެވުނީ އަޅުގަނޑު ނަޒާހަތްތެރިކަމާ އެކު އެކަމާ ކުރިމަތިލައިގެން ހުރީމަ. ހަމަ އެ ސްޕްރިޓްގައި މިއަދު ވެސް އަޅުގަނޑު މިހުރީ
އައްބާސް ވިދާޅުވީ އޭނާ ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރި ފަސް އަހަރުގެ ތަޖުރިބާގައި ސިޔާސީ ބޭފުޅުންގެ މައްސަލަތަކާއި ޖިނާއީ ބޮޑެތި މައްސަލަތައް ބެލިއިރު، އެކި ކަހަލަ އިންޒާރުތަކާއި ބިރު ދެއްކުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް މައްސަލައެއް ނިންމުމުގައި އިންޒާރަކަށް ލެނބިފައި ނުވާނެ ކަމަށާއި އަދިވެސް ހުންނެވީ އެގޮތުގައި ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވި ގޮތުގައި އެންމެ ފަހުން ހުންނެވި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ދައުރުގައި ޕީޖީ އޮފީހުގެ ހިންގުމަށް ވަރަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވެ އެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ޝަމީމް ނިންމާފައިވާ ބައެއް ނިންމުންތަކާ މެދު ސުވާލު އުފެދޭ ކަމަށް އައްބާސް ވިދާޅުވިއެވެ.
އޭރުގެ ޕީޖީ ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. އެކަން ކުރި ސަބަބެއް ކަމުގައި ބުނީ ޕީޖީ އިސްތިއުފާ ދެއްވި ސިޓީ މަޖިލީހަށް ލިބިފައި ނުވާތީ އެވެ. އެކަމަކު ޝަމީމް ވިދާޅުވެފައި ވަނީ އިސްތިއުފާގެ ސިޓީ އޭގެ ކުރިން ފޮނުއްވި ކަމަށެވެ.

