ކުންފުނިތަކުގައި ބޭނުންކުރާ ތެލުގެ %35 ޚަރަދު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރ މިސް އޭން ޖީނެޓް ގްލޯބަރ އާއި ވަނީ މަޝްވަރާ ކުރައްވައިފައެވެ.
މި ބައްދަލުމުގައި ވަޒީރު ވަނީ ވޯލްޑް ބޭންކުން ފަންޑުކޮށްގެން ވުޒާރާއިން ކުރިއަށް ގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، މިފްކޯއަށް ގަންނަ މަހުގެ %65 އަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ރޯ މަސްކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މަސް ޕްރޮސެސްކޮށް އެ އަދަދު މަދުކުރުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ 3 ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެސިލިޓީތައް ގާއިމުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި މިސް އޭން ޖީނެޓް ގްލޯބަރ ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ތިމާވެށީގެ ދާއިރާއިންނާއި، އަންހެނުން ބާރުވެރިކުރުވުމާއި އަދި އެހެނިހެން ދާއިރާތަކުން ކުރާ މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް ފައިނޭންސް ލިބޭނެ ގޮތްތައް އެބަހުރި ކަމަށް މިސް އޭން ޖީނެޓް ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ގުޅިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލުމަށް ވޯލްޑްބޭންކުގެ ޓީމެއް ރާއްޖެއަންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

