މެމްބަރުން އިތުރުކުރުމުގެ މަގުސަދަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުން އެދޭ ގޮތުގެ މަތިން ބަދަލުތައް ގެނައުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން ކުރިއަށް ގެންދާ މެމްބަރޝިޕް ޑްރައިވް އާއި ގުޅޭގޮތުން ”ސަންގުޓީވީ“ އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރު ނަސީރުވަނީ އެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، މެމްބަރުން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތަކީ ރައީސް ޑރ މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރިއަށް ގެންދާ މަސައްކަތްތަކެއްކަމަށެވެ.
އާދަމް ނަސީރު ވިދާޅުވީ، މިކަމުގެ މައިގަނޑު އަމާޒަކީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމާއި ޕާޓީއަށް މިހާރު އޮތް އިތުބާރު އިތުރަށް ޔަގީންކުރުމާއި މި ސަރުކާރުން ދިވެހިރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންދާ ބަދަލުތަކާއި އިސްލާހުތައް ގެނައުމުގައި ހަގީގީ މާނައިގައި ރައްޔިތުން ބައިވެރުކުރުންކަމަށެވެ.
،އަމާޒަކީ ރައްޔިތުންގެ ފުރިހަމަ ހިޔާލާއި އެއްބާރުލުމާއިއެކު ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ ކަންކަން ބަދަލުކުރުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މެމްބަރޝިޕް ޑްރައިވް މެވެރިކޮށް ހާސިލުކުރުމަށް މަސައްކަތްކުރަމުންދަނީ ގިނަ ރައްޔިތުންގެ ހީޔާލާއި ތާއީދުގެ އިތުރުން ޝުއޫރުތައް ހިމެނިގެން މަސައްކަތްތައް ކުރުންކަމަށެވެ.
އާދަމް ނަސީރުވަނީ ސަރުކާރުން ގެނައުމަށް މަސައްކަތްކުރަމުންދާ ހައްލުތަކާއިމެދުވެސް މައުލޫމާތު ދެއްވާފައެވެ. އެގޮތުން ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ ފުރަތަމަ ތަގުރީރުގައިވެސް މައިގަނޑު ދެ ބަދަލެއް ގެނެސްދެއްވާނެކަން ހާމަކުރައްވާފައިކަމަށާއި ފުރަތަމަ ކަމަކީ ރައްޔިތުނާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމަށް ހިއްސާކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެއީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށާއި ރައީސް ގެންގުޅުއްވަނީ ކޮންމެ ރައްޔިތަކުވެސް ބިންވެރި މީހަކަށް ހެއްދެވުމުގެ ސިޔާސަތުކަމަށެވެ. އަދި އެމަނިކުފާނުވަނީ އެ ސިޔާސަތުގެ ދަށުން މި ފަސް އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަމާއި ބިންވެރިކަމެއް ނެތް އެއްވެސް ރައްޔިތަކު ނުހުންނާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ދެއްވާފައިކަމަށް ފާހަގަކުރެއްވިއެވެ.
ދެވަނަކަމަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި މި ފަސްގަނޑުގެ މައްޗަށް ދިވެހިންގެ މިލްކުވެރިކަން ކަށަވަރުކުރުންކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް މުހިންމު ކަމެއްކަމަށާއި އެކަމަށްޓަކައި ފިކުރީގޮތުނާއި އިލްމީގޮތުން ރައްޔިތުންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް ދީނީގޮތުންނާއި ފިކުރީގޮތުން ގެންނާނެކަމަށެވެ. އަދި މި ބަދަލުތައް ގެނައުމަށް ޑިމޮކްރެސީއެއްގައި ޖާގަ ފަހިވެގެންދަނީ ރައްޔިތުން އެ ޖާގަ ވެރިއަކަށް ދިނުމުންކަމަށްވުމުން މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން ބޭނުންވާކަމަށާއި ރައްޔިތުން އެދޭ ގޮތުގެ މަތިން ރައްޔިތުންގެ ރާއްޖެއަކަށް މި ގައުމުގެ ބަދަލުކުރެވޭނީ އޭރުންކަމަށް ވިދާޅުވިއެވެ.

