މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ތަޤުރީރު ކުރައްވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި، ޕޮލިއުޝަން އަދި، ބަޔޯޑައިވަރސިޓީއަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މުހިންމު މަސަައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލާއި ގޮންޖެހުންކަމަށާއި، ފިޔަވަޅުތައް އަޅަން ޖެހޭނީ އެއްބައިވަންތަކަމާއި އެކު ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުން އައި ކުރިއެރުންތައް ވެސް ހަލުވިކަމާއި އެކު ހަލާކުވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގައުމުތަކުން އެ ހާލަތުން އަރައިގަތުމަށް ހުރި ގާބިލުކަމަށް ހުރަސްއެޅިގެންދާކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ، ކްލައިމެޓް ފައިނޭންސްގެ އަމާޒެއް އޮތް އިރު މިހާރު މިސްރާބު ޖަހާފައި މިވަނީ ކޮޕް29 އަށް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ 2028 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ ކަރަންޓުގެ ޑިމާންޑުގެ 33 އިންސައްތަ އިޔާދަކުރުވަނި ހަކަތައިގެ ވަސީލަތްތަކުން ފުުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މީގެ އިތުރުން، ޕްލާސްޓިކް ތަޣައްޔަރުވުމާއި، ބަޔޯޑައިވަރސިޓީ ހިމާޔަތްކުރުމަށާއި، ނުރައްކަލަށް ހުށަހެޅިފައިވާ ދިރޭތަކެތީގެ ބާވަތްތައް ހިމާޔަތްކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކާއި، ތަޣައްޔަރުވުމާއި، ބަޔޯޑައިވަރސިޓީ ގެއްލުމާއި ގުޅޭގޮތުން ދުނިޔޭގެ މުޖުތަމަޢުން ނިންމަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތުގައި ކަނޑުތައް އަދާކުރާ މުހިންމު ދައުރު ފާހަގަ ކުރެއްވިއެވެ. އަދި ޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލައާ ދިރުންތައް ހިމާޔަތްކުރުމާއި ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ދިރުންތައް ޙިމާޔަތްކުރުމުގައި އިތުރު ބާރެއްލައިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކާއި ވައި ތަޣައްޔަރުވުމާއި ދިރުންތައް ނެތިދިއުންފަދަ މައްސަލަތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުގެ ކިބައިން އެދިވަޑައިގެންފައެވެ.

