ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާއި ގުޅުވައިދޭ އެންމެ މުހިންމު ތަނބަކީ ފަތުރުވެރިކަން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ހަމައެކަނި މުހިންމުވަނީ ރާއްޖޭގެ އިގްތިސާދަށް ނޫންކަމަށެވެ. ބައިނަލްއަގްވާމީ މައިދާނުގައި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ވެސް އެއީ ވަރަށް މުހިންމު ވަސީލަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ތަފާތު ސަގާފަތްތަކުގެ ގައުމުތައް އެއްބައި ކުރުމަށާއި، އަދި އަމާންކަން ފެތުރުމުގައި ފަތުރުވެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާކަމަށެވެ. ފަތުރުވެރިކަމުގައި ރާއްޖެއިން މަސައްކަތް ކުރާނީ އެންމެނަށްވެސް ފައިދާވާނެ ގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އައުން މަދުވެފައިވާ މާކެޓުތަކަށް ހާއްސަކޮށްގެންވެސް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ އޮގަސްޓު 27 ވަނަ ދުވަހުގެ ނިޔަލަށް 1،343،911 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން 27 ގެ ނިޔަލަށް 160،854 މީހުން އައިސްފައިވާކަމަށް ރިޕޯޓުގައި ވެއެވެ.

