މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް މަދު ކުރުމުގެ މަސައްކަތުގެ އޮޮޕަރޭޝަންގެ ތެރެއިން، ކޮންމެ ފަސް މިނެޓަކުން ފުލުން މަގުމަތި ބަލަހައްޓާ ފުލުސް އޮފިސަރަކާއި ދިމާވާ ގޮތަށް ޕޮލިސީއެއް ކަނޑައަޅާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
މިފަހުން މާލެ ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކެއްގައި ދެ ޒުވާނަކު ނިޔާވިއިރު، މަގުތަކުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފަައްދަ އެވެ. ލައިސެންސް ނެތި ސައިކަލު ދުއްވާ މައްސަލަ ބޮޑުވެފައިވާއިރު، ފުލުހުން މަގުތައް ބަލަހައްޓަން ނިކުންނަ މިންވަރު ވަނީ އިތުރުކޮށްފަ އެވެ.
މި މަސައްކަތަށް އުސޫލެއް ކަނޑައަޅައި އެކަމުގެ މައުލޫމާތު ދެއްވަމުން ކޮމިޝަނރ ވިދާޅުވީ ޓްރޭނިންއަށް ފަހު އަންނަ ފުލުހުނ ފްރޮންޓްލައިންގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
ސީޕީ ވިދާޅުވީ މައިގަނޑު މަގުސަދަކީ ސީނިއާ ފުލުހުން ހިމެނޭގޮތަށް މުޅި ރާއްޖޭގަވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް ފުލުހުންގެ ޕްރެޒެންސް އިތުރުކުރުން ކަމަށާއި މިއީ ފުލުހުންގެ ސީނިއަރ މެނޭޖްމަންޓުގެ ނިންމުމެއް ކަމަށެވެ. އެގޮތުން ސްކޫލްތައް ކައިރީ ސީނިއާ ފުލުހުން ހަރަކާތްތެރިވާގޮތަށް ފެށި މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މާލޭގެ ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގަ ވަކި ހާއްސަ ސަރަހައްދުތަކެއް ފާހަގަކޮށް ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށެވެ. މިހާރުވެސް 360 އެއްހާ ރެކްރޫޓް ފުލުހުން ތަމްރީން ފުރިހަމަ ކުރުމުން ގެންދާކަމަށާއި އެ ފުލުހުން ތަމްރީންކޮށް ހިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ ގިނަ އޮފިސަރުންތައް މިވަގުތު ތިބީ ޓްރެއިނިންގައިކަން ފާހަގޮށް ޝުޖާއު ވިދާޅުވީ، ހިދުމަތް ފޯރުކޮށްދިނުމާއި ދުރުގައި ތިބުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށް ފްރޮންޓްލައިނަށް ބޭނުންވާ ފުލުހުން އެޑްމިނިސްޓްރޭޓިވް އަދި ސަޕޯޓް ބަހާތަކުން ނަގައިގެން ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ޝުޖާއު ވިދާޅުވީ މި މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސް ހުއްޓާލާނެ މަސައްކަތެއް ނޫންކަމަށާއި ފުލުހުންގެ ހިދުމަތް ދިނުމުގައި މިއީ މޮޑެލްއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް އޮތް ތަނުގައި ހިދުމަތް ދެމުން ގެންދާނެކަމަށެވެ. މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގަ މާލެއަށް ބެލި ކަމުގައި ވިޔަސް 21 ސަރަހައްދެއްގަ ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި މަސައްކަތްތައް މޮނިޓާކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ ސީނިއާ ފުލުހަކު މި ސެންޓަރުގައި 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެކަމަށެވެ. އަދި މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ ކޮންޓްރޯލްކޮށް މޮނިޓަރ ކުރަމުން ގެންދާނީ އެ ސެންޓަރުން ކަމަށް ވިދާޅުވިއެވެ. ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު އެ ސެންޓަރުން ވަގުތުން ބަލޭނެކަމަށާއި އަދި އެ ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި މި ސެންޓަރުގައި ވަގުތުން އެއްކުރެވި އެނަލައިޒް ކުރެވެމުން ދާނެ ކަަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތްތަކާއެކު ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތަށް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށްވެސް ތަފާތު މަސައްކަތްތައް ކުރެވެމުން ދާކަމަށާއި އެގޮތުން އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާއެކު ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ހާއްސަ ވިންގެއް ގާއިމް ކުރުމާއި،
މިހާރު މިފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ ކަމަށާއި އަދި ފާއިތުވި ދުވަސްތަކުގައި ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.
މި ކަންކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަހާއާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބަހާގެ އިސް ފުލުހަކު ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތް ކުރާނެ ކަމަށާއި މާލެއާއި ހުޅުމާލޭގެ އާންމު ހާލަތުވެސް ސީދާ މި ބަހާތަކުންވެސް މޮނިޓަރ ކޮށް ދިމާވާ އެކި ކަންކަމަށް ރިއާޔަތް ކޮށް ނިންމަންޖެހޭ ނިންމުންތައް ވަގުތުންވަގުތައް ނިންމުމުގައި ކުރިއަށްވުރެ މިހާރު އަވަސް ވާނެ ކަމަށް ވަނީ ބުނެފައެވެ.
މި މަސައްކަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ހުއްޓުމެއްނެތި ރައްޔިތުން އެދޭފަދަ ހިދުމަތެއް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުން ކަމަށާއި އިންސާނީ ވަސީލަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމާއި، ފުލުހުން ޕްރެޒެންސް އިތުރުކޮށް ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސްކޮށްދިނުމާއި އަދި ފުލުހުންގެ ހުރިހާ ވަސީލަތެއް އެކަންކަން ހާސިލުކުރުމަށް ބޭނުން ކުރުން ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މުޅީ ރާއްޖެއަކީވެސް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންގެ ދައުރު ފުޅާކޮށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަކީ ސަރުކާރުގެވެސް އެދުމެއް ކަމަށާއި އަދި މިކަމަށްޓަކައި ސަރުކާރުން ފުލުހުންގެ ޚިދުމަށް ގިނަ ވަސީލަތްތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާކަމަށެވެ. ސުޖާއު ވިދާޅުވީ މި ކުރާ މަސައްކަތުގެ ނަތީޖާ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ރައްޔިތުންނާ ހަމައަށް ފޯރާނެ ކަމަަށާއި އަދި އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން އަތޮޅު ތެރޭގަވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މޮޑެލްއަށް އަމަލުކުރަމުން ގެންދާ ކަމަށާއި އަދި ރައްޔިތުންނާއި ކައުންސިލްތަކުގެ ފަރާތުން ޕޮޒިޓިވް ފީޑްބެކްވެސް ލިބެމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތްތަކީ މުޅި މުއައްސަސާއިން ނިންމާފައިވާ ނިންމުމެއް ކަމަށް ފާހަގަކުރައްވާ ސުޖާއު ވިދާޅުވީ ލީޑަޝިޕުން މަޝްވަރާކޮށް ނިންމާފައިވާ ނިންމުމެއް ތަންފީޒް ކުރުމަށް ކުރެވެމުންދާ މަސައްކަތެއްކަމަަށެވެ. އަދި މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބޭ ބިނާކުރަނިވި ހިޔާލަކީ ބަލައިގަންނާނެ ކަމެއް ކަމަށާއި އާންމުންނާ ފުލުހުން ބައްދަލުވެ ހިނގާ މުއާމަލާތްތައް ގެންދަނީ މޮނިޓަރ ކޮށް ބަލަމުން ކަމަށާއި އަދި ރަނގަޅުކުރަންޖެހޭކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށް ސީޕީ ވިދާޅުވިއެވެ.

