ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރްޖާއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް އެއަރ އެރޭބިއާގެ ސީދާ ދަތުރުތައް ފަށައިފިއެވެ.
އެއަރ އެރޭބިއާގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު މެންދުރު ގައެވެ.
މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
ރަސްމިއްޔާތުގައި ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސަޑަރ ޙަސަން ވަހީދު، އެއަރ އެރޭބިއާގެ ޔޫއޭއީގެ އޭރިއަރ މެނޭޖަރ ޝަހްޒަދް ނަގްވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްއާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސްބޭފުޅުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިދުމަތް ފެށުމާއި ގުޅޭގޮތުން އެމްއޭސީއެލް އެމްޑީ ޝަރީފް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޝާރްޖާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ ގިނަ ސިޓީތަކާއި ރާއްޖެއާއި ދެމެދު ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި މިގޮތަށް އުފެދޭ އިތުރު ކޮންމެ ކަނެކްޝަނަކާއިއެކު ސަރަޙައްދީ ވައިގެ ދަތުރުފަތުރާއި ދުނިޔޭގެ މި ސިނާޢަތުގައިވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގާމު ރަނގަޅުވެގެންދާނެކަމަށް ވިދާޅުވި އެވެ.
އެއަރ އެރޭބިއާގެ މި ފްލައިޓަކީ ޝާރްޖާއިން ދިވެހި ރާއްޖެއައް ސީދާ ދަތުރުކުރަން ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓްއެވެ.
ޝާރްޖާއާއި ވީއައިއޭއާއި ދެމެދު އެއަރ އެރޭބިއާއިން ދުވާލަކު ފްލައިޓެއް އޮޕަރޭޓްކުރުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓެވެ.
އެއަރ އެރޭބިއާއަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ފުރަތަމަ އަދި އެންމެ ބޮޑު ލޯ-ކޮސްޓް ކެރިއަރއެވެ. މި އެއާލައިނުން މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ 170 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރެއެވެ.

