ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫންގެ އިލްތިމާސް؛ ސިޔާސީ ކަންކަމަށް ވުރެ، އިސްކަން ދޭންވީ ގައުމީ އުސޫލުތަކަށް!

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ކަމެއްގެ ސަބަބުން ގައުމީ ވަހުދަތަށް އުނިކަން އައިސްގެން ނުވާނެކަމަށާއި، ނުގުޑާ ފަދަ ޢަޒުމަކާއެކު ދިވެހިންގެ އެއްބައިވަންތަކަން ހިފަހައްޓަންވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ ޒަމާނާ އެކަށީގެންވާ ގޮތަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ބަދަލުވެ، މުޖްތަމައުގެ އެތެރޭގެ ކަންކަމުގެ އަސަރު ގައުމީ ވަހުދަތަށްކޮށްގެން ނުވާނެކަމަށެވެ. އަދި ސިޔާސީ ޕާޓީތަކެއް އުފެދި އަންނަ ހިޔާލުތަފާތުވުމެއްގެ އަސަރު ދިވެހިންގެ އެއްބައިވަންތަކަމަށް ވެސް އައިސްގެން ނުވާނެކަމަށް ވިދާޅުވި އެވެ.

މިއަދު ހާސިލު ކުރަންވީ އިބުރަތްތައް ފާހަގަކުރައްވައި ރައީސް މައުމޫން އިލްތިމާސް ކުރެއްވީ ގައުމީ އުސޫލުތަކަކީ ސިޔާސީ ކަންކަމަށް ވުރެ އިސްކަން ދޭން ޖެހޭ ކަމަކަށް ހެދުމަށެވެ. އަދި ގައުމުގެ އިއްޒަތާއި ޝަރަފަށްޓަކައި ފުރާނައިން ގުރުބާންވުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ފުނަށް ބިންވަޅު ނެގިފައިވާ ކަމެއްކަން ނަސްރުގެ ދުވަހުން އެނގިވަޑައިގެންނެވިކަމަށް ވިދާޅުވި އެވެ.

ގައުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި އާއި ދިވެހިރާއްޖޭގެ އިއްޒަތާއި ޝަރަފަށްޓަކައި ޝަހީދުވެ ދިޔަ ސިފައިންނާއި އެކު ގައުމަށް ލިބުނު ނަސްރަކީ މާތް ﷲ ގެ ހަޟްރަތުން ލިބުނު ނަޞްރެއްކަން ހަނދާން ކުރަން ޖެހޭކަމަށާއި، މުޖްތަމައުގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް އަމިއްލަ އީމާންކަން ވަރުގަދަކޮށް، މާތް ﷲ އަށް އޮންނަ ލޯބި އިތުރުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސް މައުމޫން ވިދާޅުވީ އޭރާއި މިއަދު ވެސް ދިވެހި ސިޔާދަކަށް ތާއީދުކުރާ އެކުވެރި ގައުމުތަކާއި ބައިނަލްއަޤުވާމީ ޖަމާއަތްތަކަށް ޝުކުރު ދަމަހަައްޓަން ޖެހޭ ކަމަށެވެ. އަދި ނަސްރުގެ ދުވަހު އެހީތެރިވެދިން ގައުމުތަކާއި ޖަމިއްޔާތަކުގެ އަގުވަޒަން ކުރަންޖެހޭކަމުގައި ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުންދާގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ ވެދާނޭ ކަމެއްކަމަށާއި، ދިވެހިން އަބަދުވެސް ތިބެންވާނީ ހޭލާކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަކުރައްވައި ދެމެހެއްޓެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތައް، އެމަނިކުފާނު މަރުހަބާ ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހި ގައުމު އިސްލާމްވީއްސުރެ، ދިވެހި ރާއްޖެ އޮތީ އިސްލާމީ އުއްމަތުގެ ރޫޙާނީ ވިންދު ޖަހާ ގުނަވަނެއްގެ ގޮތުގައިކަމަށް ވިދާޅުވެ، ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުން، އަދި ވަކިން ޙާއްސަކޮށް ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އިޒްރޭލުގެ ލާއިންސާނީ އަނިޔާ ކުށްވެރިކޮށް ފަލަސްތީނުގެ ޖިހާދަށް ތާއީދުކުރުމުގައި ދިވެހިން ދެމިތިބުމަށް އިލްތިމާސް ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: