އައިޑީ ކާޑުގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށްފައިވާއިރު، އެ މަސައްކަތްތައް އިންތިޒާމުކޮށްފައިވަނީ މައުލޫމާތުގެ ރައްކައުތެރިކަން ގެއްލިގެން ނުދާނެ ގޮތެއްގެ މަތިންކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އައިޑީ ކާޑުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނާއި ގާތުން ހިދުމަތްތަކެއް ދިނުމާއި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފުރިހަމަ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އައިޑީ ކާޑަކީ އޭގައި ރައްޔިތުންގެ މުހިންމު މައުލޫމާތުތަކެއް ހިމެނޭ އެއްޗެއްކަމަށާއި އެ މައުޅޫމާތުތައް އެއްކޮށް ބަލަހައްޓަމުންދަނީ ވަރަށް ރައްކައުތެރިކަމާއިއެކުކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ރަށަކުން މިފަދަ ހިދުމަތްތައް ދިނުމަށް ބަލާއިރު މައުޅޫމާތުގެ ރައްކައުތެރިކަން ކަށަވަރުކުރުމާއި އައިޑީ އާއި ޕާސްޕޯޓުފަދަ ލިޔެކިއުންތައް ބައިނަލްއަގުވާމީ މިންގަނޑުގައި ބެލެހެއްޓޭނެ އިންތިޒާމުތައް ގާއިމުކުރުމަކީ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުތަކުގައި މި އިންތިޒާމުތައް ކޮށްދެވިފައިނުވަނީ މިފަދަ ގޮންޖެހުންތަކުން އަރައިނުގަނެވުމުގެ ސަބަބުންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
އިހުސާން ވިދާޅުވީ، ރައީސްގެ ދުރުވިސްނުންފުޅާއިއެކު މިއަދު ވުޒާރާގެ މަސައްކަތްތައް އެކުލަވާލެވިފައިވަނީ މައުލޫމާތުގެ ރައްކައުތެރިކަން ކަށަވަރުކުރެވޭނެ ގޮތުގެ މަތިންކަމަށްވުމުން މިކަމަށް މަގުފަހިވެގެންދިޔަކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އައިޑީކާޑުގެ މަސައްކަތްތައް ކުރާ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށް ރާއްޖޭގެ ކޮންމެ ސަރަހައްދަކުން އައިޑީއަށް އެދި ހުށައެޅިނަމަވެސް މިހާރު އޮތް ގޮތުން އެ ޑިޕާޓުމެންޓުން ކުރާނެ މަސައްކަތަކީ ހުށަައެޅުމުގެ ސައްހަކަން ޔަގީންކޮށް ޕްރޮސެސްކުރުމަށްފަހު ޕްރިންޓުކުރުމާއި ހިސާބަށް ދިއުމުން އެ އައިޑީއެއްގެ ހުއްދަ ދީ އެ އަތޮޅެއްގައި އެކަން ކުރުމަށް ހުއްދަ ދެވިފައިވާ ބައެއް މެދުވެރިކޮށް ހިދުމަތް ދިނުންކަމަށެވެ.
އެހެންކަމުން މައުލޫމާތުތަކުގެ ރައްކައުތެރިކަން ޔަގީންކުރެވިފައި އޮންނާނެކަމަށާއި އެއްވެސް އިތުރު ކާޑެއް ޕްރިންޓުކުރުމުގެ ފުރުސަތެއްވެސް ނެތްކަމަށެވެ. އަދި އެކަކުގެ ކާޑު ދެ ފަހަރަށްވެސް ޕްރިންޓު ނުކުރެވޭނެކަމަށާއި ހޯމް މިނިސްޓްރީއިން އެކަންކަން ޔަގީން ކޮށްފައިވާނެކަމަށެވެ.
އިހުސާން ވިދާޅުވީ، މިކަމުގެ ސަބަބުން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށްޓަކައި ރައީސް މުއިއްޒު ގެންގުޅުއްވާ އަހައްމިއްޔަތު ފެނިގެންދާނެކަމަށާއި ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެކަންވެސް ފެނިގެންދާކަމަށެވެ.
މިނިސްޓްރީގެ މި މަސައްކަތްތަކުގެ ތެރެއިން އިތުރު ފަސް ސަރަހައްދެއްގައި ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތްތައް ފެށިފައިވާއިރު، އައިޑީ ކާޑުގެ ހިދުމަތްވެސް ތިން ތަނެއްގައި ފަށާފައިވެއެވެ.

