އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ހުރި ރިފޯމްތަކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތުތައް ފަތުރަމުންދާކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ، މިދިޔަ އަހަރުތަކުގައި އެއްވެސް ޒިންމާދާރުކަމެއް ނެތި މާލިއްޔަތު ގެންގުޅެފައިވާތީ މި ސަރުކާރުން ހުރިހާކަމެއް އަލުން ފަށަން ޖެހިފައިވާކަމަށެވެ. މި މައްސަލަތަކާއި ކަންބޮޑުވުންތައް ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސައްވުރު ކުރައްވަނީ ކެބިނެޓުން ފާސްކޮށްފައިވާ އިކޮނޮމިކް ރީފޯމް އެޖެންޑާ ތަންފީޒު ކުރުމުގެ ތެރެއިން ދިވެހި ރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާއި ހަމައަށް ގެންދިއުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތައް އަންނަން ޖެހޭކަމަށެވެ. އަދި އެސްއޯއީތައް ރީފޯމް ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައިވާކަން ފާހަގަކޮށް ޒަމީރު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ސަރުކާރު ހިއްސާވާ ކުންފުނިތައް އުފައްދާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދު ފަހަނަޅައި ގޮސް ހަރަދު ކުރުމަށްކަމަށެވެ.
ޒަމީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކުންފުނިތަކަކީ ޖަވާބުދާރީވާ ކުންފުނިތަކަކަށް ހަދައި، އެ ކުންފުންޏެއްގެ ޝެއާހޯލްޑަރުން އެންހޭންސް ކުރެވޭ ނިޒާމެއް ގެނައުމަށް ކަމަށެވެ. އެއް މަސައްކަތެއް ކުރާ ގިނަ ކުންފުނިތައް ވެސް ހުރުމާއިއެކު، ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި އެ ކުންފުނިތައް މާޖްކުރުން ހިމަނާފައިވާނެކަމަށް ޒަމީރު ވިދާޅުވިއެވެ.
އެންސްޕާ އާސަންދައިގެ ވާހަކަ ދެންމެ ވާހަކަދެއްކެވި ބައެއް ބޭފުޅުން ވެސް ވިދާޅުވެފައިވޭ.. މީގައި އަޅުގަނޑަށް ހީވަނީ އޮޅިވަޑައިގަންނަވާ ބައެއް ކަންކަން ވެސް އެބަހުރި ކަންނޭނގެ.. މިހާރު ބަލްކް ޕްރޮކިއުމަންޓާއި އަދި ބައެއް މޮނީޓަރިންނާއި އެއްކޮށް އަޅުގަނޑުމެން ރާވާފައިހުރި ރީފޯމްއާއި އެކު އާންމު ރައްޔިތުންނަށް ލިބޭ.. ހިދުމަތަށް ބަދަލު ނައައިސް ނޫނިއްޔާ، އެއްޗެއް ދައްކަން ނުޖެހި ކުރިން މި ދެންނެވިހެން ލީކޭޖު ރަނގަޅުކޮށްގެން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 500 މިލިއަނާއި ގާތަށް ސޭވް ކުރެވޭނެކަމަށް މިހާރު ވެސް ހިސާބުތަކުން އެބަދައްކާ..
އަންނަ އަހަރުގެ ބަޖެޓުގައި އާންމު ރައްޔިތުންނަށް ލިބެމުންދާ ގިނަ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާކަމަށް ދެކެވޭ ވާހަކައަށް ޒަމީރު ވިދާޅުވީ ޕެންޝަން ނުވަތަ އުމުރުން ދުވަސްވީ ފަރާތްތަކުގެ އެލަވަންސް ކުޑަކޮށް ކަނޑާލުމަށް އެއްވެސް ވިސްނުމެއް ނެތްކަމަށެވެ. އެހެން ނަމަވެސް މަޝްވަރާ ކުރެވެމުން ދަނީ ނުވަތަ ހިޔާލަކީ ޑަބަލް ޕެންޝަނާއި އެކު މާބޮޑު އުސޫލެއް ނެތި އޮތް ނިޒާމު ރީފޯމް ކުރުންކަމުގައި ޒަމީރު ވިދާޅުވިއެވެ.
މީގެއިތުރުން ބަޖެޓުގައި މުސާރައަށް ހިމަނާފައިވާ އަދަދު ބޮޑުކަމަށް ދައްކާކަމަށް ބުނެ، އެކަމަށް ބައެއް ފަރާތްތަކުން ނުރުހުންފާޅު ކުރަމުންދާތީ އެކަމަށް ޒަމީރު ވިދާޅުވީ އެއީ ސިވިލްސާވިސްގެ މިހާރު ޕޭހާމަނައިޒް ނުކުރެވި ހުރި ހުރިހާ މުވައްޒަފުންނާއި ޖުޑިޑަރީގެ މުސާރަ އެއް ހަމަކުރުމުގެ ބައިކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ހުރި ނިޒާމީ ބޮޑެތި ބަދަލުތަކުގައި އާސަންދަ ރީފޯމް ކުރުމާއި، ސަބްސިޑީގެ ނިޒާމަށް ގެންނަ ބަދަލުތައް ހިމެނެއެވެ.

