ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި ގުޅޭގޮތުން މިދިޔަ ހަތަރު މަސް ތެރޭގައި 1000 އަށް ވުރެ ގިނަ މައްސަލަ ލިބިފައިވާކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ގަވައިދާއި ހިލާފަށް އުޅޭ މީހުން ހޯދައި އެ މީހުން ފުރުވާލުމުގެ މަސައްކަތުގެ ތެރެއިން މިހާތަމަށް ގިނަ ތަންތަން ބަލާ ފާސްކޮށްފައި ވެއެވެ. އަދި އިމިގްރޭޝަނުގެ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެފަދަ މައްސަލަ ހުށަހެޅޭނެ ވަސީލަތެއް ގާއިމުކޮށްފައި ވާތީ އާންމުންގެ ފަރާތުން ލިބޭ ރިޕޯޓުތަކުގެ މައްސަލަ އިމިގްރޭޝަނުން ދަނީ ބަލަމުންނެވެ.
އެގޮތުން މިދިޔަ ޖުލައި މަހު ތައާރަފު ކުރި އިމިގްރޭޝަން ވޮޗްއަށް މިދިޔަ މަހުގެ ނިޔަލަށް ލިބުނު ރިޕޯޓުތަކުގެ އަދަދު 1،017 އަށް އަރައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި ގުޅުން ހުރި މައްސަލަތަކެވެ.
އިމިގްރޭޝަންގެ ބައެއް ތަފްސީލުތަކުގައިވާ ގޮތުން ރިޕޯޓުކޮށްފައިވަނީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި ގުޅުް ހުރި 239 މައްސަލައާއި، ވިސާއާއި ހިލާފުވެގެން 239 މައްސަލަ އަދި ހަށި ވިއްކުމުގެ 65 މައްސަލައާއި ގެއްލިގެން ރިޕޯޓުކޮށްފައިވާ 37 މައްސަލަ އަދި ޓޫރިސްޓު ވިސާއާއި ހިލާފުވެގެން 14 މައްސަލަ އެވެ.
މިހާތަނަށް ކުރިޔަށް ގެންދިޔަ ރެއިޑުތަކުން ހިފެހެއްޓި ބިދޭސީންގެ ތެރެއިން ޑީޕޯޓު ކުރި މީހުންގެ އަދަދު 5،000 އަށް އަރަ އެވެ.
އިމިގްރޭޝަނުން ބުނީ ޑީޕޯޓު ކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހުންނާއި ލިޔެކިއުންތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށެވެ. މީގެތެރޭގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާ މީހުން ވެސް ހިމެނޭކަން އިމިގްރޭޝަނުން ފާހަގަކުރި އެވެ.
އިމިގްރޭޝަންގެ އޮޕަރޭޝަންތަކާއި ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވިދާޅުވީ ބޭނުންވާ އަދަދަށް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ނުގެނުވުނު ނަމަވެސް މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ ތަންތަން ބަލާ ފާސްކޮށްފައިވާނެކަމަށެވެ.
މި މަސައްކަތް ފެށިފަހުން ބިދޭސީން ފޮރުވިގެން ތިބެ ހިދުމަތް ދެމުން ގެންދާކަން ފާހަގަކުރެވިވާތީ ޝަމްއާން ވިދާޅުވީ ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް މަސައްކަތެއް ކުރުމަށް ޖާގައެއް ނުދޭނެކަމަށެވެ. ކެފޭތަކާއި، ކާބޯތަކެތި ތައްޔާރު ކުރަމުން އައި ކުދިކުދި ގޮޅިތަކުގައި ވަކި ގޮތަކަށް ހިދުމަތް ދެމުން ގެންދާއިރު އެފަދަ ބައެއް ތަންތަން ފާހަގަކޮށް ބަލައި ފާސް ކުރާނެކަމަށް ޝައްމާން ވިދާޅުވި އެވެ. އަދި ބައެއް ތަންތަން މޮނީޓަރ ކުރަމުން ގެންދާކަމަށް ވެސް ހާމަކުރެއްވި އެވެ.
މީގެއިތުރުން ރާއްޖޭގައި އުޅޭ ބިދޭސިންގެ މައުލޫމާތު އެއްކުރެއްވުމަށް ސަރުކާރުން ވަނީ އޮޕަރޭޝަން ކުރަނގިގެ ނަމުގައި ހަރަކާތެއް ފަށައިފައެވެ. އަދި މިހާރުު މި އޮޕަރޭޝަން ވަނީ 136 ރަށެއްގައި ހިންގާފައެވެ. އޭގެތެރެއިން ނޮވެންބަރ 17 އާއި ހަމައަށް 12،113 މީހުންގެ ބަޔޯމެޓްރިކް މިހާރު ވަނީ ނަގައިފައެވެ.

