ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން 1000 ޑޮލަރު ހަމަޖައްސައިދީފައިވަނީ އުސޫލާއި ހިލާފަށް: އެންސްޕާ

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގައި 1000 ޑޮލަރު ލިބެމުންދިޔަ ކަމަށް އެކްސްގައި ޕޯސްޓުކޮށްފައިވާ މައްސަލައިގައި އޭނާއަށް ޑޮލަރު ދީފައިވަނީ އެހީ ހަމަޖައްސައިދެވޭ އުސޫލާއި މިންގަނޑުތަކާއި ހިލާފަށް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކެންސަރު ފަރުވާ ހޯދަމުންދާ މީހަކަށް އޭޖެންސީން އެހީ ހަމަޖައްސައި ނުދިން ކަމަށް ލިޔެ ކޮށްފައިވާ ޓުވިޓަކީ މުވައްޒަފުން ބަދުނާމުވާގޮތަށް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ މީހާއަށް އާސަންދަ އަދި ވެލްފެއާގެ އެހީއަށް އެދި ހުށަހެޅި ކަމަށް ސިސްޓަމުން ފެންނަ އޮތީ ޖުމްލަ 9 ފަހަރު ކަމަށާއި އެހުރިހާ ފަހަރަކު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އެންސްޕާއިން ބުނީ އެމީހާ އެންމެ ފުރަތަމަ އެހީއަށް އެދި ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގައި ކަމަށާއި އެފަހަރު ވެލްފެއާ ކޭސްގެ ދަށުން ފައިސާގެ އެހީގެ ގޮތުގައި 3،855 ރުފިޔާ ހަމަޖައްސަދީފައިވާނެ ކަމަށެވެ.

ފައިސާގެ އެހީ ހަމަޖައްސައިދިން ތަފްސީލް:

  • 11-05-2023: އާސަންދަ ކޭސްގެ ދަށުން ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލް ކަވާރޭޖް ހަމަޖެއްސި
  • 10-07-2023: ވެލްފެއާ ކޭސްގެ ދަށުން އަމިއްލައަށް ނަގާފައިވާ 1 ޓިކެޓުގެ ރިއިމްބާސްމަންޓާއި ފައިސާގެ އެހީގެ ގޮތުގައި ޖުމްލަ 900 ޑޮލަރަށްވާ ފައިސާ ދިން
  • 06-11-2023: އާސަންދަ ކޭސްގެ ދަށުން ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލް ކަވަރޭޖް ހަމަޖެއްސި
  • 13-11-2023: ވެލްފެއާގެ ކޭސްގެ ދަށުން އާސަންދަ މެދުވެރިކޮށް އިތުރު އެހީތެރިއެއްގެ ޓިކެޓު އަދި 3،084 ރުފިޔާ ހަމަޖެއްސި
  • 09-05-2024: އާސަންދަ ކޭސްގެ ދަށުން ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ބަލިމީހާގެ ބޭސްފަރުވާގެ ފުލް ކަވަރޭޖް ހަމަޖައްސައިދިން
  • 24-0502024: ވެލްފެއާ ކޭސްގެ ދަަށުން ފައިސާގެ އެހީގެ ގޮތުގައި 3،855 ރުފިޔާ ހަމަޖައްސައިދިން
  • 27-11-2024: އާސަންދަ ކޭސްގެ ދަށުން ބަލި މީހާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލް ކަވަރޭޖް ހަމަޖެއްސި
  • 28-11-2024: ވެލްފެއާގެ ކޭސްގެދަށުން އާސަންދަ މެދުވެރިކޮށް ބަލިމީހާގެ އެހީތެރިޔާގެ ޓިކެޓް އަދި 3،084 ރުފިޔާ ހަމަޖެއްސި

އެހެންކަމުން އޭނާ ހުށަހެޅި ކޮންމެ ފަހަރަކު އޮންނަ އުސޫލުގެ ތެރެއިން އެހީދީފައިވާނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. އަދި ހަމަ އެހެންމެ، އަމިއްލައަށް ނެގި ޓިކެޓުގެ ރިއިމްބާސްމަންޓުގެ ގޮތުގައި ދެވުނު ފައިސާ ފިޔަވައި ކޮންމެ ފަހަރަކު ވެސް ފައިސާގެ އެހީގެ ގޮތުގައި ދީފައިވަނީ 200-250 ޑޮލަރަށްވާ ދިވެހި ރުފިޔާކަން އެނގޭ ކަމަށެވެ. އަދި އެއްވެސް ފަހަރަކު 1000 ޑޮލަރު ދީފައިވާކަން ލިޔުމަކުން އަދި ސިސްޓަމުން ނުދައްކާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެންސްޕާއިން ބުނީ، އެކަމާއި ގުޅިގެން މިއަދު އެއޭޖެންސީގެ އިސްވެރިންނާއި ކަމާބެހޭ ކޮމިޓީއާއެކު ޓުވިޓް ކުރި މިހާއާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެހީތައް އެމީހާގެ ހާޒިރުގައި އެންސްޕާގެ ސިސްޓަމްތަކުން ބަލައި، އެ އެހީތަކަކީ އެކައުންޓަށް ޖަމާވެފައިވާ އެހީތައްކަން އެމިހާ އެއްބަސްވެ، މައުލޫމާތުގެ ސައްހަކަމަށް ”އިއުތިރާފު“ވެފައިވާ ކަމަށެވެ.

ނަމަވެސް ކުރީ ސަރުކާރުގައި 1000 ޑޮލަރު ލިބެމުންދިޔަ ކަމަށް ޓުވިޓުގައި ބުނެފައިވާތީއާއި ބައްދަލުވުމުގައި ވެސް ތަކުރާރުކޮށް އޭރު ލިބުނު ކަމަށް ބުނެފައިވާތީ، އެކަމާިއ ބެހޭ ގޮތުން އޮޅުން ފިލުވުމުން އޭނާ ބުނެފައިވަނީ ”ކޭސް އަވަސް ކުރުމުގެ ގޮތުން އޭރު އާސަންދަ ހިންގެވުމަށް ހުންނެވި އިސްބޭފުޅާއަށް ގުޅާފައި ދެންނެވި ކަމަށާއި، އެއަށްފަހު ކުއްޖަކު ގުޅާފައި އަންނަން ބުނި ކަމަށާއި، ދިއުމުން އޭ4 ސައިޒް ގަނޑެއްގައި ސޮއިކުރުވާފައި އެއަދަދަށް ފައިސާ ހަވާލުކުރި“ ކަމަށެވެ.

އެންސްޕާއިން ބުނީ، އޭރު ދިން ކަމަށް އޭނާ ބަޔާން ކުރާ 1000 އަށްވާ ފައިސާ ހަމަޖައްސައިދީފައިވާ ކަމަށް އެއްވެސް ލިޔެކިޔުމަކުން އަދި އޭޖެންސީގެ އެއްވެސް ސިސްޓަމެއްގައި ފެންނަން ނެތް ކަމަށެވެ. އަދި އެކަމާއި ގުޅުން ހުރި ލިޔެކިޔުމެއް އެމީހާގެ އަތުގައިވެސް ނެތް ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

އެހެން ކަމުން އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ފައިސާއެއް ދޫކޮށްފައިވާ ކަމަށްވާނަމަ، އެއީ އެހީ ހަމަޖައްސައިދެވޭ އުސޫލާއި މިންގަނޑުތަކާއި ހިލާފަށް އަދި އެހީދޭ ނިޒާމުން ބޭރުން ހިންގާފައިވާ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: