ހައުސިންގ މިނިސްޓްރީ ހުރި އިމާރާތުގައި ރޯވި އަލިފާނުގެ ޙާދިސާގެ މައުލޫމާތު މޯލްޑިވްސް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއަށް ލިބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 06:27 ގައި ކަމަށާއި، އަލިފާނުގެ ބޮޑުބައި ނިވާލެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ އިންސިޑެންޓް ކޮމާންޑަރ ވިދާޅުވީ، މި ޙާދިސާގެ މައުލޫމާތު ހެނދުނު 06:27 ހާއިރު ލިބިފައިވާ ކަމަށާއި، އެއާއެކު ވަގުތުން އުޅަނދުތައް ފޮނުވައި، އެޓެންޑުވެފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ފެނުނު މަންޒަރުތަކުންވެސް މިއީ ބޮޑު އަލިފާނުގެ ޙާދިސާއެއްކަން އެނގިގެންދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އަލިފާން ހިފި އިމާރާތަކީ ޓިނާއި ދަގަނޑު ބޭނުންކޮށްގެން ޑެގު އަޅައިގެން ހަދާފައިވާ އިމާރާތަކަށް ވާތީ، އަލިފާންގަނޑު ބޮޑަށް ފެތުރެން މެދުވެރިވި ކަމަށެވެ. އެގޮތުން އެ އިމާރާތަކީ އޭގެ ޒާތުގައި ވަރަށް ބަލިކަށި އިމާރާތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފާ ގުޅިގެން އެމްއޭސީއެލް، އެމްޕީއެލް، ދިވެހި ފުލުހުންގެ ޚިދުމަތް، އަދި އިތުރު ވުޒާރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރޯވެފައި ހުރި ސަރަޙައްދުގެ ބޮޑުބައި ނިވާލެވިފައިވާ ކަމަށާއި، ޚާއްސަކޮށް އަމީނީ މަގާ ވީ ފަޅީގައި ބޮޑުބައި ނިވާލެވިފައިވާ ކަމަށެވެ. އެ ސަރަޙައްދުގެ ދުމުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ވަނީ ކުޑަވެފައެވެ.

އެހެންނަމަވެސް އެންވަޔަރމަންޓް މިނިސްޓްރީ ތެރޭގައި އަދިވެސް އަލިފާނުގެ އަސަރު ހުރިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިވަގުތު މަސައްކަތް ކުރަމުންދަނީ އަލިފާން ކޮންޓްރޯލް ވިޔަނުދީ ވީހާވެސް އަވަހަށް ނިވާލުމަށް ކަމަށެވެ.

