ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއިއެކު ބިލު ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު ފާސްކޮށްފައިވަނީ މިއަދު މަޖިލީހުގައި ވޯޓުގައި ބައިވެރިވެވަޑައިގެން 65 މެންބަރުންގެ އިއްތިފާގުންނެވެ.
ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސްގެ ދަށުން ހިންގާތީ، ތަނުގެ މުވައްޒަފުންނަށް ވެސް ހިނގަނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވައިދުތަކެވެ. އެހެން ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ހިމެނޭ ގޮތަށް އެހެން މިނިވަން މުވައްސަސާތައް ހިންގަމުން ދަނީ ވަކި ގާނޫނެއްގެ ދަށުންނެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުގައި ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން ތަނެކެވެ. އެހެން ނަމަވެސް ސިވިލް ސާވިސްގެ ދަށުން ތަން ހިންގާތީ ގިނަ ދަތިތަކާއި އެ އޮފީހަށް ކުރިމަތިވެއެވެ. އޭގެ ތޭރޭގައި ވަކީލުން ހޯދުމުގައި ދިމާވާ އުނދަގޫތައް ހިމެނެއެވެ. އަދި ސިވިލް ސާވިސްގެ ދަށުން ހިންގާތީ ޕީޖީ އޮފީހާއި އަޅާބަލައި ބަންޑާރަ ނައިބުގެ އޮފީސް މުވައްޒަފުންގެ މުސާރަ ވެސް ކުޑައެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ބިލު ހުށަހަޅުއްވާފައި ވަނީ ވެސް މި މައްސަލަތައް ހައްލު ކުރުމަށެވެ. ބިލުގެ ބޭނުމަކީ އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަށް އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި ހަރުދަނާ އޮނިގަނޑެއްގެ ދަށުން މަސައްކަތް ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގެނައުމެވެ.
މިއާއި އެކު ބިލު ގާނޫނަކަށްވުމުން އޮފީސް ހިންގުމާއި މުވައްޒަފުންނާއި ގުޅޭ އުސޫލުތައް ކަނޑައެޅިގެން ދާނެއެވެ. އަދި މުވައްޒަފުންގެ ވަޒީފާގެ ހަމަތަކާއި އުސޫލާއި ތަބައަވާން ޖެހޭ ސުލޫކީ މިންގަނޑު ކަނޑައަޅާނީ ގާނޫނުގެ ދަށުންނެވެ.
ބިލުގެ ފަސްވަނަ ބާބުގައި ބަޔާން ކުރާ މުވައްޒަފުން ބެހިގެންވާ ބައިތަކުގައި ބުނެފައި ވާގޮތުން ބަނޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ބެހިގެން ވަނީ ލީގަލް ސާވިސްއާއި، އެޑްމިނިސްޓްރޭޓިވް ސާވިސްއަށެވެ.
ލީގަލް ސާވިސް މުވައްޒަފުން ގިންތީގައި ހިމެނެނީ ބަންޑާރަ ނައިބުގެ އޮފީހުން އަދާކުރަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އދާކުރުމަށްޓަކައި އައްޔަނު ކުރާ ދާއިރާގެ ފަންނީ މުވައްޒަފުންނެވެ. އެހެންކަމުން ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން ބަންޑާރަ ނައިބާއި ބަންޑާރަ ނައިބުގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ އެންމެހައި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ އަދަދަކަށް ލީގަލް ސާވިސްގެ މުވައްޒަފުން ބަންޑާރަ ނައިބުގެ އޮފީހަށް އައްޔަނު ކުރަންވާނެ އެވެ.
ލީގަލް ސާވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނޭ މަގާމުތަކާއި، މަގާމުގެ ރޭންކިން އަދި ޝަރުތުތައް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރަން ޖެހޭނެ އެވެ.
އެޑްމިނިސްޓްރޭޓިވް ސާވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނެނީ ބަންޑާރަ ނައިބުގެ އޮފީހުގެ ލީގަލް ޑިވިޜަންތަކުގެ އިދާރީ ހިންގުމާއި އޮފީހުގެ އާންމު އިދާރީ ހިންގުމުގެ މަގާމުތަކަށް އައްޔަނު ކުރާ މުވައްޒަފުންނެވެ.
މީގެއިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އަދާކުރަން ޖެހޭ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމާއި ވަޒީފާ އަދާކުރުމުގެ އުސޫލުތަކާއި އިޖުރާއަތު ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރަން ޖެހެއެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ދަށުން ނެޝަނަލް ޕޭ ކޮމީޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފިނޭންސް މިނިސްޓްރީ އެވެ.
އޮފީހުގެ މުވައްޒަފުން ތަބައަވަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި ލީގަލް ސާވިސްގެ މުވައްޒަފުން ހިފަހައްޓަން ޖެހޭ ހާއްސަ ހަމަތަކާއި މިންގަނޑުތައް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރަން ޖެހޭނެއެވެ.

