ދިވެހިބަހާއި ތަރިކައަކީ އަޅުގަނޑުމެންގެ ޤައުމީ ހަޒާނާއެވެ. އެއީ އަޅުގަނޑުމެންގެ މާޒީއާއި މުސްތަޤުބަލު ގުޅުވައިދޭ މުހިންމު ވަސީލަތެކެވެ. އަދި އަޅުގަނޑުމެންގެ ޤައުމީ އަމިއްލަވަންތަކަމުގެ އަސާސެވެ. ނަމަވެސް، ދުނިޔެ ބަދަލުވަމުންދާ ހަލުވި ދުވެލީގައި، އަޅުގަނޑުމެންގެ ބަހާއި ތަރިކަ ހިމާޔަތްކުރުމަކީ އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހޭ މައްސަލައެކެވެ. މި މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވުމަށްފަހު، ދިވެހިބަހާއި ތަރިކަ ހިމާޔަތްކުރުމަށް ޚާއްޞަ ވުޒާރާއެއް ވަނީ އުފައްދަވާފައެވެ.
މި ވުޒާރާ އުފެއްދެވުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި، ދިވެހިބަހާއި ތަރިކައާ ގުޅޭ ކަންކަން ރޭވުމާއި ހިންގުމަށް ޚާއްޞަ ސަމާލުކަމެއް ދެވިގެންދާނެއެވެ. މީގެ ކުރިން މި މަސައްކަތް ކުރެވެމުން އައީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުންދިޔަ ދިވެހިބަހުގެ އެކެޑަމީންނެވެ. ނަމަވެސް މިހާރު ދިވެހިބަހާއި ތަރިކައާ ގުޅޭ މަސައްކަތްތައް އެއް ވުޒާރާއެއްގެ ދަށުން ކުރެވުމުން، ވަސީލަތްތައް އެއްތަނަކުން ބެލެހެއްޓި، ހަރުދަނާ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ އިތުރުން، މި ވުޒާރާއިން ދިވެހިބަހާއި ތަރިކައާ ގުޅޭ ދިރާސާތަކަށް އިތުރު ބާރެއް ލިބިގެންދާނބިގެންދާނެއެވެ. މީގެ ސަބަބުން، އަޅުގަނޑުމެންގެ ބަހާއި ތަރިކައިގައިވާ އަގުހުރި މަޢުލޫމާތުތައް ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި ވުޒާރާގެ ސަބަބުން ދިވެހިބަހާއި ތަރިކައާ ގުޅޭ ތަޢުލީމީ ޕްރޮގްރާމްތައް ތަރައްޤީކޮށް، ސްކޫލްތަކާއި މަތީ ތަޢުލީމުގެ މަރުކަޒުތަކުގައި މި ދާއިރާއަށް އިތުރު އަހައްމިއްޔަތުކަމެއް ދެވިގެން ކުރިއަށް ގެންދިއުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން، ޒުވާނުންގެ މެދުގައި ދިވެހިބަހާއި ތަރިކައަށް ލޯބި ޖެއްސުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، މި ވުޒާރާއިން ދިވެހިބަހާއި ތަރިކަ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ކުރިއެރުވުމަށް މަސައްކަތްކުރެވޭނެއެވެ. މީގެ ސަބަބުން، ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ދިވެހިބަހާއި ތަރިކަ ދިރުވައި އާލާކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
ދިވެހިބަހާއި ތަރިކައާބެހޭ ވުޒާރާއިން ވަނީ މޯލްޑިވްސް ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އާ ގުޅިގެން ތަރިކަ ދިރާސާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މި މަސައްކަތުގެ ތެރޭގައި، ރާއްޖޭގެ ނުޖޫމީ ތަރިކައާ ބެހޭ މަޢުލޫމާތު އެއްކުރުމާއި، ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތައް ދެނެގަތުން ހިމެނެއެވެ.
އެމްއެސްއާރްއޯއިން މިހާރު ކުރަމުންދާ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، އިހުޒަމާނުއްސުރެ ރާއްޖޭގައި އޮތް ފަލަކީ ޢިލްމުގެ މަޢުލޫމާތު އެއްކުރުމެވެ. މީގެ ތެރޭގައި ނަކަތްތައް ދެނެގަތުމާއި، ނަކަތްތަކާއި ރާއްސާ ހުރި ގުޅުން ދެނެގަތުމުގައި އިހުގެ ދިވެހީންގެ ޢިލްމު ތަރައްޤީވެފައިވާ މިންވަރު ދިރާސާކުރުން ހިމެނެއެވެ. އަދި ސަމުގާގެ މާހިރުންގެ ތަޖުރިބާތަކާއި، ފިލާއެޅުން ފަދަ ކަންކަން ރާއްޖޭގެ ސަގާފަތުގައި އޮތްގޮތް ބަލައި ދިރާސާކުރުންވެސް ހިމެނެއެވެ.
މި މަސައްކަތްތަކުގެ މުހިންމު މަޤްޞަދެއްގެ ގޮތުގައި، އިހުގެ މި ސަގާފަތްތަކުން މިއަދުގެ ޒަމާނީ ދިރާސާތަކުގައި އެ ޢިލްމު ބޭނުންކުރެވޭނެ ދާއިރާތައް ދެނެގަތުން ހިމެނެއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމިއްޔަތު އިޔާދަކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ މުހިންމު ބައެއްކަމުގައި ބެލެވެއެވެ.
ދިވެހިބަހުގެ އެކެޑަމީގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިބަސް ހިމާޔަތްކޮށް ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ އިދާރީ ހިންގުމާއި، ވިޔަފާރިއާއި، ތަޢުލީމާއި، އެހެނިހެން އާންމު މުޢާމަލާތުތަކުގައި ދިވެހިބަސް ބޭނުންކުރުން ކުރިއެރުވުން ހިމެނެއެވެ. އަދި ދިވެހިބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ބަހުގެ ގަވާއިދު އެކުލަވާލުމާއި، މި ކަންކަން އާންމުކޮށް ފެތުރުން ހިމެނެއެވެ.
މީގެ އިތުރުން، ދިވެހިބަހާއި ތާރީޚާބެހޭ ތަފާތު ޝާއިޢުކުރުންތައް ނެރުމާއި، މަޢުލޫމާތު ފެތުރުމުގެ މަރުކަޒެއްގެ ގޮތުގައި ހަރަކާތްތެރިވުމާއި، ކުރު ކޯސްތަކާއި ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. އަދި ސެމިނާރުތަކާއި، މައުރަޒުތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ކޮންފަރެންސްތައް އިންތިޒާމުކޮށް ހިންގުމަށްވެސް ވަނީ ނިންމާފައެވެ.
މި މަސައްކަތްތަކުގެ ތެރެއިން، ”ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު“ ގެ ނަމުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ ވަނީ ބޭއްވިފައެވެ. މި މަހާސިންތާގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން 9 ޢިލްމީ ކަރުދާސް ހުށަހަޅާފައިވެއެވެ. މި ކަރުދާސްތަކުގައި ރާއްޖެއަށް އިސްލާމްދީން ތަޢާރަފުވުމާއި ތަރައްޤީވެގެން އައި ގޮތާ ބެހޭ ދިރާސާތަކާއި، ދިވެހިބަސް، ސަގާފަތް އަދި އިހުގެ އިސްލާމީ ފަރުމާތަކާ ބެހޭ ދިރާސީ ހުށަހެޅުންތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތުގެ ޢިލްމީ ކަރުދާސްތައްވެސް ވަނީ ހުށަހަޅާފައެވެ.
މި ހުރިހާ މަސައްކަތްތަކަކީވެސް ދިވެހި ޤައުމިއްޔަތު ވަރުގަދަކޮށް، އަޅުގަނޑުމެންގެ ބަހާއި ތަރިކަ ދިރުވައި އާލާކުރުމަށް އަމާޒުކޮށްގެން ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ މުއްސަނދި ތަރިކަ ތަރިކަ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
ދިވެހިބަހާއި ތަރިކައާބެހޭ ވުޒާރާގެ މި މަސައްކަތްތަކަކީ ޒަމާނީ ޓެކްނޮލޮޖީއާއި ޢިލްމީ ދިރާސާތައް ބޭނުންކޮށްގެން، އަޅުގަނޑުމެންގެ އަމިއްލަވަންތަ ތަރިކަ ރައްކާތެރިކޮށް، ދިރުވައި އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ ސަބަބުން، ދިވެހިންގެ ޤައުމީ ލޯބި އިތުރުވެ، އަޅުގަނޑުމެންގެ ތާރީޚާއި ސަގާފަތަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ދިވެހިބަހާއި ތަރިކައާބެހޭ ވުޒާރާގެ މަސައްކަތްތަކަކީ ދިވެހި ޤައުމިއްޔަތު ވަރުގަދަކޮށް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ދަމަހައްޓައި، ކުރިއަށް އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ މުއްސަނދި ތަރިކަ ފޯރުކޮށްދިނުމަށް ކުރެވޭ އަގުހުރި މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ ސަބަބުން، ދިވެހި ދަރިންނަށް އެމީހުންގެ މާޒީއާއި ތަރިކައިގެ އަގު ވަޒަންކުރެވި، ޤައުމީ ލޯތްބާއި ފަޚުރުވެރިކަން އިތުރުވެގެންދާނެކަން ޔަޤީނެވެ.

