ދިރާސީ އައު އަހަރަށް ބަދަލުތައް ގެންނަން ނިންމި އެއް ސަބަބަކީ ގިނަ ބަލެނިވެރިން އެހެން އެކަން ކުރަން ބޭނުންވެފައި ވުމުންނެވެ. ނަމަވެސް، ކުއްލިއަކަށް އެ ބަދަލު ގެނައުމުގެ ބަދަލުގައި ތައުލީމީ އައު އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން ނިންމީ ފަސް ސެމިސްޓާއަކަށް ގެންނަ ކުދި ބަދަލުތަކުންނެވެ.
މިހާރު ހިނގަމުންދާ 2023-2024 ގެ ދިރާސީ އާ އަހަރު ފެށީ އޮގަސްޓް 8، 2023 ގަ އެވެ. ކުރިން ހަމަޖައްސާފައިވާގޮތުން، 2023/2024 ގެ ކިޔެވުން ނިމޭނީ ޖޫން 13، 2024 ގަ އެވެ. ނަމަވެސް، އެއަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
ކުރިއަށް އޮތް 2025 ވަނަ އަހަރު ޖެނުއަރީ މަހުގައި ދިރާސީ އައު އަހަރު ފެށޭ ގޮތަށް ނިންމާފައިވާއިރު ޑިސެމްބަރު މަހުގެ ތެރޭގައި ބޮޑު ޗުއްޓީ ލިބޭނެއެވެ. އެކަޑެމިކް އަހަރެއްގައި 200 ދުވަސް ލިބުނަސް، ޓާމެއްގައި ކިޔަވައިދޭން މިހާރު ލިބެނީ ގާތް ގަނޑަކަށް 90-100 ދުވަހެވެ. ނަމަވެސް، ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހާއި ޓާމްގެ ޓެސްޓަށް ކަނޑައަޅާފައިވާ ހަތަރު ހަފުތާގެ ތެރެއިން ވަރަށް ގިނަ ސްކޫލުތަކުގައި ފަހު ހަފުތާ ކިޔަވައި ނުދިނުމާއި އެ ދޭތެރެއިން ސަރުކާރު ބަންދު ދުވަސްތައް އަންނާތީ، އެއް ޓާމެއްގެ ތެރެއިން ޓީޗަރުންނާއެކު ދަރިވަރުން ކްލާސްރޫމް ތެރޭގައި ހޭދަކުރާ ދުވަސް މަދުވެގެންދާ ކަމަށް މިނިސްޓަރ ވެސް ފާހަގަކޮށްފައިވެއެވެ.
މި ފަހަރު ޓާމުތަކަށް ބަދަލުތައް ގެނައި ނަމަވެސް، ކިޔަވައިދިނުމަށް މި އަހަރު 180 ދުވަސް އަދި 2025 ވަނަ އަހަރު 183 ދުވަސް ލިބޭނެއެވެ. ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރާއިރު ވެސް، މީގެ ކުރިން ގެއްލުނު ހަ މަސް ދުވަހު އަތުވާނެ ގޮތަކަށް ހަމަޖެއްސުމަށް ރައީސްގެ އަރިހުގައި ވަރަށް ގިނަ ބަޔަކު އެދުނު ކަމަށެވެ. އެހެންވެ، މަޑުމަޑުން ބަދަލު ގެނެސް، އާއްމުން އެދުނު ގޮތަށް ބަދަލުތައް ގެނައީ ކަމަށް ވިދާޅުވި އެވެ.
މި އަހަރު އަދި އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރިޔަސް ގްރޭޑު 9 އިން ފެށިގެން މަތީގެ ދަރިވަރުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިހާރު ވެސް ހަމަޖައްސާފައިވާ ގޮތަށް މެއި/ޖޫން މަހު އޯ ލެވެލް އިމްތިހާނު ހަދާނެ ކަމަށާއި، އެކަމަކު 2026 ވަނަ އަހަރުން ފެށިގެން ގްރޭޑު 10 ގެ ފަހު އިމްތިހާނު ހަދާނީ، އެންމެ ފުރަތަމަ އަމަލުކުރި ގޮތަށް، އޮކްޓޯބަރު/ނޮވެމްބަރުގައި ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

