ޕަބްލޯ އެސްކޮބާގެ ކާޓެލްގެ އިސްވެރިއެއްގެ ގޮތުގައި ހުރި މީހަކު 25 އަހަރަށްފަހު ޖަލުން މިނިވަންވެއްޖެއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ކޮލަމްބިއާގެ އެންމެ މަޝްހޫރު އެއް ޑްރަގްލޯޑް އަދި މެޑެޔިން ކާރޓެލްގެ އިސް އެއް އޮޕަރޭޓަރުކަމަަށްވާ ފެބިއޯ އޮޗޯއާ ވަސްކެޒް ޖަލުން ދޫކޮށްލާފައިވަނީ 30 އަހަރުގެ ހުކުމަކުން 25 އަހަރު ޖަލުގައި ހޭދަކުރުމަށްފަހުއެވެ. އަދި މިހާރު އޭނާ އަނބުރާ ގައުމަށް ފޮނުވާލުމަށް މަސައްކަތްކުރާކަމަށް ބެލެވޭކަމަށެވެ. އޭނާ ޖަލުން ދޫކޮށްލާފައިވާކަން އެމެރިކާގެ ޖަލުތަކާއި ބެހޭ ވުޒާރާގެ މައުލޫމާތުން ކަށަވަރުވާކަން ނޫސްތަކުން ފާހަގަކުރެއެވެ.
މިހާރު 67 އަހަރުވެފައިވާ އޮޗޯއާ އަދި އޭނާގެ ބޭބެއަކުވަނީ 1970ގެ އަހަރުތަކާއި 1980ގެ ކުރީ ކޮޅުގައި އެމެރިކާއަށް ކޮކެއިން އެތެރެކުރުން ފުޅާވުމާއިއެކު އެ ވިޔަފާރިން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިކަމަށް އެމެރިކާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ފޯބްސް މެގަޒިންގެ ބިލިއަނަރުންގެ ލިސްޓަށް އޭނާގެ ނަން އެރުމާއިއެކު، އެކަން ޔަގީންކުރެވޭކަމަަށާއި އޮޗޯއާ ފަހުން ކުރަމުން އައި މަސައްކަތްތަކަކީ އެމެރިކާގެ މަޔާމީގައި ހުރެގެން ކޮލަމްބިއާގެ އެންމެ މަޝްހޫރު ޕަބްލޯ އެސްކޮބާއަށް މަސްތުވާތަކެތީގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ހިންގައިދިނުންކަމަށެވެ.
އޭނާ އަދި ބައިވެރިންގެ މަތިން ޒަމާންތަކުގެ ތެރެއިން ހަނދާން ނެތިގެންދިއުމަށްފަހު، އަލުން ހަނދާންކޮށްދީފައިވަނީ މަގުބޫލު ނެޓްފްލިކްސް ސީރީޒް ނާކޮސްއިންކަމަށެވެ. އަދި އެ ސީރީސްގައި އޭނާގެ ހަގީގަތާއި އިންތިހާއަށް ގާތް ވާހަކަތަކެއް ގެނެސްދީފައިވާކަން މީޑިއާތަކުގެ މައުލޫމާތުން އެނގެއެވެ. އޮޗޯއާގެ މައްޗަށް އެމެރިކާގައި އެންމެ ފުރަތަމަ ދައުވާއެއް ކުރެވިގެންދިޔައީ އެ ގައުމުގެ ޑްރަގް އެންފޯސްމެންޓު އިންފޯމަންޓެއްކަމަށްވާ ބެރީ ސީލް 1986 ވަނަ އަހަރުގައި މަރާލި މައްސަލައިގައެވެ.
އޮޗޯއާގެ މައްޗަށް ދައުވާކުރުމަށްޓަކައި ހަރަކާތްތެރިވި ޓީމުގައި ހިމެނޭ ކުރީގެ އެޓާނީއެއް ބުނާގޮތުން އޭނާ ހޯދާފައިވާ ހުރިހާ ފައިސާއެއް އަތުލެވުނުކަމަށް ގަބޫލުނުކުރެވެއެވެ. އެހެންކަމުން އޭނާ ގައުމަށް ދިއުމުން މަރުހަބާ ކިޔާނެކަމަށް ބެލެވޭކަމަށާއި ޔަގީނުންވެސް ފަގީރެއްގެ ގޮތުގައި ނިމިގެން ނުދާނެކަމަށެވެ. އޮޗޯއާގެ ވަކީލުންވަނީ މި މައުލޫއަށް ޖަވާބެއް ދިނުމަށް އިންކާރުކޮށްފައެވެ.

