ވިސާ ނެތި ރާއްޖޭގައި 12 އަހަރު ވަންދެން އުޅެމުން ދިޔަ ފްރާންސްގެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
ތ. ވޭމަންޑޫގައި އުޅެމުންދާ އެއާއިލާގެ ވާހަކަތައް މިއަދު އާންމުންގެ ތެރެއަށް ތިލަވެގެން އައި ރާއްޖޭ ނޫހެއްގައި އެކަން ރިޕޯޓު ކުރުމުންނެވެ. މީގެ 12 އަހަރު ކުރިން ފެށިގެން ފްރާންސްގެ އެ އާއިލާ ރާއްޖޭގައި އުޅެމުން އައިސްފައި ވަނީ އިސްލާމް ދީން ގަބޫލުކޮށް އެ މީހުންނަށް އަމިއްލަ ގައުމުގައި އުޅެވެން ނެތުމުންނެވެ. އަދި އެނބުރި ފްރާންސަށް ގޮސްފި ނަމަ ޖަލަށް ދާން ޖެހިދާނެކަމުގެ ބިރު އެ މީހުންނަށް އެބައޮތްކަމަށް ރަށުގެ ބައެއް މީހުންނާއި ހަވާލާދީ އޮންލައިން މީޑިއާ ”މިހާރު“ ގައި ޝާއިއު ކުރި ރިޕޯޓުގައި ވެއެވެ.
އެ މީހުންނާއި ގުޅޭ މި ހަބަރާއި އެކު، އާންމުންގެ ތެރޭގައި ތަފާތު އެކި ހިޔާލުތައް ފާޅުކުރި އެވެ. އަދި އެ މައްސަލައާއި ގުޅޭގޮތުން މިރޭ ކުރި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ ވިސާ ނެތި ރާއްޖޭގައި އުޅެމުން ދިޔަ އެ އާއިލާގެ ރިޕޯޓު މިދިޔަ ޖުލައި މަހުގެ ތެރޭގައި އިމިގްރޭޝަން ވޮޗްއަށް ލިބުނު ކަމަށެވެ. އަދި އެ މީހުން ފުރުވާލުމަށް ބޭނުންވާ ލިޔެކިއުން ހަމަކުރަމުންދާކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ ޢާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު އިމިގްރޭޝަން ވޮޗް އަށް 18 ޖުލައި 2024 ވަނަ ދުވަހު ލިބުމާއި ގުޅިގެން، އެ މައްސަލަ މި އިދާރާއިން ބެލުމަށްފަހު 2024 އޮކްޓޫބަރު 23 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސްފަރާތް މި އިދާރާއަށް ވަނީ ހާޒިރު ކުރެވިފަ. އަދި އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، މި ޢާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ގުޅިގެން މި އިދާރާއިން ކުރަމުންދާ ކަމުގައި ދަންނަވަން. މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފަ. އިމިގްރޭޝަން ޤާނޫނީ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ.
ޝަމްއާން ވިދާޅުވީ އެ ރިޕޯޓު ލިބުމަށް ފަހު، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މައްސަލައިގައި ހިމެނޭ އިސްފަރާތް އެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާނެކަމަށެވެ. އަދި އެ މީހުންގެ އަތުގައި އޮތް ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި ވާތީ އާއިލާ ފުރުވާލުމަށް ބޭނުންވާ ޓްރެވެލް ޑޮކިއުމަންޓު ހޯދުމުގެ މަސަައްކަތް ފޮރިން މިނިސްޓްރީއާއި ގުޅިގެން ކުރިޔަށްދާކަމަށް ވިދާޅުވި އެވެެ.
އާއިލާގެ ލިޔެކިއުންތައް ލިބުނުހާ އަވަހަކަށް އެ މީހުން ފުރުވާލުމަށް ހަމަޖެހިފައިވާކަމަށް ޝަމްއާން ވިދާޅުވި އެވެ. ޝަމްއާން ވިދަޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅުމުގެ ފުރުސަތު އިމިގްރޭޝަނުން އެއްވެސް ފަރާތަކަށް ނުދޭނެކަމަށެވެ.

