ރާއްޖޭގައި ހުރި ގިނަ މައްސަލަތަކުގެ ފެށުމަކީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެފައި ނުވާތީ، އެކަމުގެ ސަބަބުން އުޅެން ޖެހިފައިވާ ދަތި ހާލެވެ. މިކަމުގެ ސަބަބުން އެތައް އިޖުތިމާއީ މައްސަލައަކަށް މަގު ފަހިވެއެވެ. އާއިލާތައް ރޫޅި، ދަރިން ބިކަވެ، މިހެން ގޮސް އެތައް އުފާވެރި ވާހަކައަކަށް ހިތާމަވެރި ނިމުންތައް މިކަމުގެ ސަބަބުން ގެނުވައިފިއެވެ.
ކޮންމެ ވެރިއަކުވެސް ވައުދުވެވަޑައިގަންނަވަނީ މި ހުރިހާ މައްސަލައަކަށް ހައްލު ގެނައުމަށްޓަކައި، ބޭނުންވާ ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމެވެ. އެއްވެރިއަކު ވައުދުވީ، އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އިންވަކިކޮށް، ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދެއްވުމަށެވެ. ނަމަވެސް ވެރިކަމުގެ ދައުރު ނިންމާ ވަޑައިގެންނެވިއިރުވެސް، ވެވަޑައިގެން ވައުދު ފުއްދޭ ވަރެއް ނުވިއެވެ.
ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަވައިދެއްވުމަށް 2024 ވަނަ އަހަރު ކުރެވުނީ ކިހާ މަސައްކަތެއްތޯ ބަލާއިރު، ބޮޑެތި މަޝްރޫއުތައް ހުރީ ފެށިފައެވެ. އެގޮތުން މި ސަރުކާރުން ބޯހިޔާވަހިކަމަށްވީ ވައުދުތައް ފުއްދުމަށް ނެރުއްވި ފޯމިއުލާކަމަށްވާ، ރަސްމާލެ މަޝްރޫއު އޮތީ ފަށާފައެވެ. އެހެން ނަމަވެސް އެތައް ގޮން ޖެހުމެއް އޮތްކަން ޔަގީނެވެ. ކުރިއަށް ނުގުޑައި އެތައް ދުވަހެއް އޮތުމަށްފަހު އަނެއްކާ މި މަސައްކަތް މިއޮތީ ފަށާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ، އެދެވޭ ހައްލެއް ގެނެވެން އޮތީ ގާނޫނުތަކަށް ބޭނުންވާ ބަދަލުތައްވެސް ގެނައިސްގެންކަމުން ސަރުކާރުން ވަނީ މި މަގުންވެސް މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން:
- އެއްމެދު އިމާރާތް ރީޑިވެލޮޕްކުރުމާއި ގުޅޭ ގަވާއިދު
- އެއްމެދު އިމާރާރާއި ޔުނިޓް ރަޖިސްޓްރީކުރުމުގެ ގަވާއިދު
- އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭޝަން ހިންގުމުގެ ގަވާއިދު
- ސްޓޭޖް ޑިވެލޮޕްމެންޓް ހިންގުމާއި ބެހޭ ގަވާއިދު
- ސްޓްރާޓާ ޕްލޭން އަދި ސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރުމާއި ބެހޭ ގަވާއިދު
- މިހާރު އަމަލުކުރަމުންދާ ޒަމާންވީ ބިމާ ބެހޭ ގާނޫނުގެ ބަދަލުގައި ބިމުގެ މިލްކުވެރިކަން ނުވަތަ ”ކޮންވޭޔަންސިން“ އާއި ފްރީ ހޯލްޑް އާއި ލީސް ހޯލްޑްއާއި ބެހޭ ބައިތަކާއި، ލޭޏްޑް ރީ އެޖެސްޓްމަންޓާ ބެހޭ ބައިތައް ހިމެނޭ ގޮތަށް، ދިވެހިރާއްޖޭގެ ބިމާ ބެހޭ ބިލުގެ ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.
- އަދި އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުަތާކއި މިންގަނޑުތައް ބަޔާންކޮށް ގާނޫނެއް ފަރުމާކޮށް، އެޓާރނީ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މިހާރު ކުރިއަށް ދަނީ މި ބިލް މަޖިލީހަށް ހުށައެޅުމަށްޓަކައި ފައިނަލް ރިވިއު ކުރުމުގެ މަސައްކަތް.
މީގެ އިތުރުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ގުޅިގެން ޕްރޮޕަޓީ މެނޭޖްމަންޓް އަދި ކޮމިއުނިޓީ މެނޭޖްމަންޓްގެ ދާއިރާތަކުން ސަނަދު ހާސިލްކުރުމަށް ހާއްސަ ޕްރޮގްރާމެއް އެކުލަވާލުމާއި، ސިނާމާލެއާއި މާލެ ހިޔާ ފްލެޓުތަކުގެ ވެރި ފަރާތްތައް ކޮންޑީމިނިއަމް ރަޖިސްޓްރީއެއްގައި ހިމެނުންވެސް ހިމެނެއެވެ.
2024 ވަނަ އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމާއި ގުޅުންހުރި އެންމެހާ ކަންކަން އެއް ޕްލެޓްފޯމަކުން ކުރުމަށް އަދި ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށައެޅުމާއިއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް ”ހިޔާވަހި ޕޯޓަލް“ ގެ ނަމުގައި ޕޯޓަލްއެއް ގާއިމްކޮށްފައެވެ. މިއާއިއެކު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަންވީ ކިހާ މިންވަރަކަށްކަމާއި، އަދި ހިންގާއިރު އެއަށް ބޭނުންޖެހިފައިވާ މީހުންނަކީ ކޮބައިކަން ފަސޭހަކަމާއިއެކު ދެނެގަނެވޭނެކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މި ސަރުކާރުން ވަނީ ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖޭގެ އެކި ރަށް ރަށުގައި ތަރައްގީ ކުރެވިފައިވާ ފްލެޓާއި، ރޯ ހައުސްތަކަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ އަދަދު ޔުނިޓަކަށް މަހަކު 3،333.33 ރުފިޔާކަމަށް ކަނޑައަޅައި ޔުނިތަކުގައި ފިރިއުޅޭ ފަރާތްތަކަށް ލުއިކޮށްދީފައެވެ.
އެކިއެކި ސިނާއަތުތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ވަކި ހާއްސަކޮށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ހިމަނާފައެވެ. އޭގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި އާއިލާތަކަށް ގެދޮރުވެރިކަން ހޯދައިދިނުމަށް ހާއްސަ ”ސޯޝަލް ހައުސިންގ“ ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ.
މިއަހަރުގެ ތެރޭގައި ”ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ ޓްރަސްޓް ފަންޑް“ އެއްވެސް ސަރުކާރުން ވަނީ ގާއިމްކޮށްފައެވެ.

