ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮނޑި ގެއްލޭ އިސްލާޙު: 2024 ގެ ސިޔާސީ ބޮޑު ބަހުސް

މަޖިލިސް ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށްފަހު ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީޤު ކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.

މި ބިލުގެ މަސައްކަތް މަޖިލީހުގައި އެ ދުވަހުގެ ހެނދުނު ފަށައި، ކޮމިޓީން ނިންމި ގޮތަށް އިސްލާހު ފާސްކުރީ ހަމަ އެ ދުވަހުގެ ހަވީރު ބޭއްވި ޖަލްސާގައެވެ. އެއާއެކު ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ވެގެންގޮސްފައިވަނީ މިއަހަރުގެ އެންމެ ބޮޑު އެއް ސިިޔާސީ ބަހުސަށެވެ.

މި ބިލާއެކު ޤާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިޞްލާޙެއް ގެނަސްފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އިޞްލާޙަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް އިތުރުކުރެވޭ ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކުރެވިފައިވެއެވެ.

މިގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

މި އިސްލާޙަށް ފާޑުކިޔައި އިދިކޮޅު މައިޕާޓީ އެމްޑީޕީން ބުނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށް ގާނޫނުއަސާސީގެ 04 ވަނަ މާއްދާގައި ބަޔާންކުރާކަމަށެވެ. އެހެން ނަމަވެސް އެ މާއްދާއަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރުމެއް ނެތި، އަދި ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރާނެ މަންދޫބަކު ހިޔާރު ކުރުމަށް ލިބިދޭ ހައްގު ގެއްލިގެން ގޮސްފައިވާކަމަށް ވަނީ ބުނެފަ އެވެ.

އެހެންކަމުން އެމްޑީޕީން ވަނީ މި އިސްލާޙު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަށް އެމްޑީޕީ ތަދައްހުލުވެސްވުމަށެވެ.

މި އިސްލާޙަކީ އެންޓި ޑިފެކްޝަން ޤާނޫނުގެ ހަގީގީ މަޤްސަދުތައް ޙާސިލު ކުރެވޭނެ އިސްލާޙެއްކަން ސަރުކާރު މެމްބަރުން ފާހަގަ ކުރެއެވެ.

އެގޮތުން ބަލާއިރު،

އެންޓ-ިޑިފެކްޝަން ގާނޫނުގެ މަގްސަދުތަކަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން އެ އިންތިހާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދ،ި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުމެވެ.

އެހެންކަމުން އެ މަޤްސަދުތައް ހަގީގީ މާނައިގައި މި އިސްލާޙާއެކު ޙާސިލުވާކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: