ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިމިގެން ނޫނީ، މާލެ އަތޮޅު ގުޅީގެ ބިންހިއްކުމުގެ މަޝްރޫޢު ދެން ނުހުއްޓޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ގުޅީ ރައްޔިތުންނަށް ދެއްވާފައިވަނީ، ގުޅިއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނޭކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ، ކުރީ ސަރުކާރު ނިމެން ދަނިކޮށް ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް، އެ މައްސަލައަށް އަމަލީ ސިފައެއް ގެނެވޭނޭ ފަދަ ބަޖެޓެއް ފަހިކޮށްދީފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، މި ވަގުތު ވެސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޓީމު ގުޅީގައި ހަރަކާތްތެރި ވަމުންދާ ދިއުމުންވެސް ދޭހަކޮށްދެނީ، ކުރިން ވީހެން މިހާރު ނުވާނޭކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރިއަށްގެންދަވާނީ، ކައުންސިލުން ބައްޓަންކޮށްފައިވާ ގޮތަށް، އިތުރު ބަދަލެއް ނުގެނެސްކަމަށް ވިދާޅުވިއެވެ.
ރަށަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މަސައްކަތް ކުރައްވާނީ އިތުރު ބަނދަރެއް އަޅައިގެންތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކޮށްގެންތޯ ނިންމާނީ ރަށު ކައުންސިލާއި، ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްވަރާކުރުމަށްފަހު އެވެ. އަދި މި މަޝްވަރާގައި ނިންމުންތައް ނިންމަންވާނީ ރަށަށް ފައިދާ ބޮޑުވާނޭ އަދި އިގްތިސާދީ ނަފާ ބޮޑުވާނޭ ގޮތަށް އިސްކަންދެއްވައިގެންކަމަށް ވިދާޅުވިއެވެ.
އެހެންވީމާ، ތިޔަބޭފުޅުން ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތް ގޮތަށް، އެއީ، ވަކި ބަނދަރެއްތޯ، ނޫނީވިއްޔާ މިހާރު އޮތް ބަނދަރު އޮތް ތަނުން ބޮޑުކުރުންތޯ، އަޅުގަނޑަކަށް މިވަގުތު ކޮންމެގޮތެއްވިޔަސް ނުދެންނެވޭނެ. އެހެން ނަމަވެސް، އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، ބަނދަރުގެ މައްސަލަ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް، މި ރަށުގެ އިޤްތިޞާދީ ތަރައްޤީއަށްވެސް އެންމެ ނަފާ ލިބޭގޮތަށް، މި ބިން ހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރުގައި، އަދި އޭގެކުރިންވެސް، މިހާރުން މިހާރަށްވެސް ނެރުފައިކަށްޓަށް ދިމާވެފައިވާ، ނެރުފައިކަށި އޮތްގޮތުގެ ސަބަބުން ބަނދަރަށް ދިމާވެފައިވާ ދަތިކަމަށް ޙައްލު ގެނައުމާއި، މިކަންކަން ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ ވީ އެންމެ ރަނގަޅު ގޮތަކަށް، އެ މަސައްކަތް ކޮށްދީ، ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން.
މީގެ އިތުރުން، ބަނދަރުގެ ނެރުފައިކަށީގެ މައްސަލައިގައި، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޙައްލެއް ހޯދެން އޮތްތޯ ބެއްލެވުމަށް ފަންނީ ލަފާއަށް އެދިވަޑައިގެން، އެ ފަދަ ޙައްލެއް އޮތްނަމަ، ޙައްލު ހޯއްދަވައިދެއްވާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. ބިމުގެ ދަތިކަން ނައްތާލެވި، ބަނދަރުގެ މައްސަލަ ހައްލުކުރުމަކީ، ގުޅީގެ ތަރައްޤީއަށް ލާޒިމު މަސައްކަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށަށް ފައިދާއެއް ނުވާނޭގޮތަށް ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެޓަރނީ ޖެނެރަލާއި ފަތުރުވެރިކަމުގެ ވުޒާރާ އާއި ރަށު ކައުންސިލުން މި މައްސަލަ ދިރާސާކޮށް، ރަށަށް އެންމެ ފައިދާވާނޭ ގޮތަކީ އެ އެއްބަސްވުން ނިމުމަކަށް ގެނައުންކަމުގައި ނިންމަވައިފިނަމަ، އެކަން އެގޮތަށް ކުރުމަށް މަގުފަހިކޮށްދެއްވާނޭ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާގައި ހުއްޓިފައިހުރި މަސައްކަތްތައް އަލުން ފަށައި، ރަށުގެ ސިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަކީ މި އަހަރުގެ ބަޖެޓުގައި އަހަންމިއްޔަތުކަން ދެއްވާ ކަންތައްތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގުޅިއަށް ދިމާވެފައިވާ މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ކުނި މެނޭޖުކުރުމުގެ މައްސަލައަށްވެސް ޙައްލެއް ހޯއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

