ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ އެންމެހައި ޅެންވެރީންނަށް ހޫނު ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
މި މުނާސަބަތާ ގުޅުވައިގެން އެކްސް މެދުވެރިކޮށް ޙިއްޞާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޅެންވެރީންނަށް ޚާއްޞަ މެސެޖެއް އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިޝާރާތްކުރެއްވި ގޮތުގައި، ޅެންވެރީންގެ ފަންނީ ހުނަރާއި އިޙްސާސްތަކުގެ އަލީގައި ދަރީންގެ ތަރުބިއްޔަތަށް މަގުދެއްކުމަކީ މުހިންމު ކަމެކެވެ.
މީގެއިތުރުން، ޤައުމީ ލޯބި އާލާކޮށް، މަތިވެރި އަޚްލާޤު ދިރުވައި، ކުރިއެރުވުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޅެންވެރީންނަށް އާދޭހާއެކު އިލްތިމާސް ކުރައްވާފައެވެ.

