ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކާއި ކުރިމަތިލި މުއައްޒަފަކަށް އެ ކުންފުނިން މެޑަލް އޮފް ބްރޭވަރީ ދީފިއެވެ.
ސްޓެލްކޯއިންވަނީ މެޑްލް ހަވާލުކުރުމަށްޓަކައި ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި ބްރޭވަރީއަށް މެޑަލް ދިނުމުގެ އިތުުރުން ހަނދާނީ ލިޔުންވެސް ހަވާލުކޮށްފައިވެއެވެ. އެ ކުންފުނިން ބުނެފަިއވާގޮތުން މި މަހުގެ 14 ވަނަ ދުވަުހުގެ ރޭގަނޑުގެ ވަގުތެއްގައި ދެވަނަ ފިޔަވަހީގައި ހުރި ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅުނު ދެމީހުން ހުއްޓުވައި އެމީހުން ކަމާއި ބެހޭ ފަރާތްތަކަށް ހާވާލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ މުއައްޒަފެއްކަމަށްވާ އަހުމަދު ވިޝާންކަމަށެވެ. އޭނާއަށް ހަމަލާއެއްވެސް އަމާޒުވިކަން ހާމަކޮށްފައިވާއިރު ވިޝާންއަށް އެހީތެރިވެދީފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި އިތުރު މުއައްޒަފެއްކަމަށްވާ ސަރުވާން މުއައްމަދުކަމަށެވެ. މި ދެ މުއައްޒަފުންނަށްވެސް ކުންފުނީގެ ފަރާތުން އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން އަރުވާފައިވާކަމަށް ހިއްސާކޮށްފައިވެއެވެ.
މެޑަލް ހަވާލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯއަކީ މުއައްޒަފުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރާ ކުންފުންޏެއްކަމަށެވެ. އަދި އެ ކުންފުންޏަކީ މުއައްޒަފުންނަށް ދިމާވާ ކަންކަމުގައި އަޅާލާ އޯގާތެރި މެނޭޖުމެންޓެއް އޮންނަ ކުންފުންޏެއްކަމަށާއި މިއަދުވެސް ކުންފުނީގެ މެނޭޖުމެންޓު އޮތީ އެގޮތުގެ މަތީގައިކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ފަހުމީ ވިދާޅުވީ އަނިޔާއެއް ލިބުނަސް އުފަލެއް ލިބުނަސް ކުންފުނީގެ މެނޭޖުމެންޓު އެކަމުގައި މުއައްޒަފުންނާއިއެކު ޝާމިލުވާނެކަމަށާއި އެއްބާރުލުން ލިބޭނެކަމަށެވެ.
މި ރަސްމިއްޔާތުގައި ކުންފުނީގެ ޑީއެމްޑީ ޢަބްދުﷲ ނާޡިރުވެސް ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ، ކުންފުންޏަށް މިހާތަނަށް ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ ފަހަތުގައިވަނީ މުއައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ލިބެންޖެހޭ ސަލާމަތާއި ރައްކައުތެރިކަމާއި އިތުބާރާއި ހަމަޖެހުން ހޯދައިދެވިފައިވުންކަމަށެވެ.
ސްޓެލްކޯއިން މައުލޫމާތު ދީފައިވާގޮތުން ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހުން އަތުލައިގަނެވިފައިވަނީ 14 ޖަނަވަރީ 2025 ވީ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުމާއި ގުޅިގެން، ޓްރާންސްފޯމަރުތައް ޗެކުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. އަދި ވަގުން މަސައްކަތްކޮށްފައިވަނީ ޓްރާންސްފޯމަރުތަކުގެ ތެރާގައި ލޮއިން ހަދާފައިވާ ބައިތައް ވަގަށް ނެގުމަށްކަމަށާއި ހުއްޓުވުމަށް މަސައްކަތްކުރި ވިޝާންއަށް ހަމަލާ ދީފައިވަނީ އެމީހުން ބޭނުންކުރަމުންދިޔަ ރެންޗަކުންކަމަށް ފާހަގަކޮށްފައިވެއެވެ.
މި ޙާދިސާއާއި ގުޅިގެން ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ސްޓެލްކޯގެ ލާޒިމް ވަސީލަތްތައް (ކްރިޓިކަލް ފެސިލިޓީސް) ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މިކަމަށް އިތުރު މަސައްކަތް ކުރުމަށް ނިންމާފައިކަންވެސް ހިއްސާކޮށްފައިވެއެވެ.

