ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރު ނިމުނުއިރު ފުދިގެން ތިބުމުން، އުންމީދުކުރީ ރައްޔިތުން ފުނޑޭނެކަމަށް!

އެމްޑީޕީގެ ލީޑާޝިޕް: ފޮޓޯ: މިރާ އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަސައްކަތްތަކަކީ ފިތުނަ އުފެއްދުމާއި ދޮގު މައުލޫމާތު ފެތުރުމަށްވެ ނިމިއްޖެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިދެއްވި ގައުމުގެ ހަގީގަތް ހާމަކުރުމުގެ މަސައްކަތްތައް މިއަދު ފެނިގެންދަނީ އެ މަންޒިލާ ދުރުށް ގޮސްފައިވާ މަންޒަރެވެ. އޭރު އޮތް ގޮތުގައި އޮތް އިރު ރައްޔިތުން ތިބީ ދަތުރުކުރަމުންދިޔަ އޮޑި ދިޔަބޮޑުވެ ފެތިއްޖެ ހާލަތުގައި ނޭވައިން ވައި ޖަހައިގެންވެސް ފެނުމައްޗަށް ނެގުމަށް ތައްޔާރަށެވެ. ”މިއޮޑިއެއް ނުފެތޭނެ“ ކަމަށް ބުނެއުޅުނީ އެ ސަބަބާއި ގުޅިގެންކަމަށް ގަބޫލުކުރެވެއެވެ. އިހުލާސްތެރިކަމާއިއެކު ސަރުކާރެއް ޖަވާބުދާރީކުރުވުމަށްޓަކައި ފެށި ދަތުރުގައި ރައްޔިތުން ތިބީ ފަރަށް އަރައިފި ހާލަތެއްގައި ކޮނޑު ޖަހައިގެންވެސް ގެންގޮސް މަރާމާތުކޮށް ބޭލުމަށް ތައްޔާރަށެވެ. އެއް ދައުރު އަމިއްލައަށް ވެރިކަން ދޫކޮށްލުމުން ދެވަނަ ދައުރެއް ހޯދައިދީފައިވުމުން އެކަން ސާފުކޮށް ފެނިގެންދެއެވެ. ރަން ރީނދޫ ލަޝްކަރުގެ ވަރުގަދަ ފަހުލަވާނުން ސިޔާސީ ގޮތުން އުފައްދާފައިވާ އެކި ޕާޓީތަކަށް ގެންދިއުމުގެ މަސައްކަތްތައްވެސް ކުރެވިފައިވަނީ އިސްވެ ފާހަގަކުރި ހިތްވަރުގެ ބޭނުމުގައެވެ.

ނަމަވެސް އަދުގެ ހަގީގަތް ތަފާތެވެ. ބަޔަކު ނުރުހުނަސް މިހާރު އޮތީ ބައިބަޔަށް ބިންދައިގެންގޮސް ދަގަނޑު ވިރުވައިގެން އެޅިޔަސް އެއްކޮށް ނުހިފެހެއްޓޭ ހާލަތުގައި އޮތް ޕާޓީއެކެވެ. ފެންނަނީ ހުސް ރިޔާސީ ކެނޑިޑޭޓުންނެވެ. ހުސް ޕާޓީގެ ރައީސުންނާއި އިސްވެރިންނެވެ. އެކަކު އަނެކާއަށް އިހުތިރާމެއް ނެތެވެ. އެންމެ ފަހުން ޕާޓީ ފަނާކޮށްލުމަށް މަސައްކަތްކުރި މީހުންވެސް އަނބުރާ ގެނެސް މާލިމީންގެ ގޮތުގައި ހިމަނައިފިއެވެ. ބަޔަކު މީހުން ގަސްތުގައި ހިންގި އަމަލުތަކެއްގެ ސަބަބުން ޕާޓީ އެންމެ ހާލު ބޮޑުވި ދުވަހު، އެ ޕާޓީއަކަށްޓަކައި އެންމެ ހިދުމަތްތެރިވި ޒުވާން ފަހުލަވާނުން އިސްވެ ތިއްބާ އަނެއްކާވެސް ސަފެއް ފަހަތަށް ޖައްސާލައިފިއެވެ. ތާއީދުނެތި ވެންޓިލޭޓަރުގައި އޮތްކަމަށް ފެނުނުއިރު އައު ނޭވައެއްގައި ނެތެމުންދިޔަ އަޑުފަށްގަނޑު ގަދަކޮށްދިން މީހުން ވެރިންކަމަށް ބުނެ ގެނައި މީހުންގެ ހިޔަނީގެ ނިވާގަނޑުގައި ފޮރުވައިފިއެވެ. ޕޯޑިއަމް ގަނޑަކުން ޖާގައެއް ނުދެއެވެ. ޕާޓީ މޭޒުދޮށުގެ ބަދަލުގައި ގެންގޮސް ބަހައްޓަނީ ކޮފީ މޭޒު ކައިރީގައި އަލުން ޕާޓީއާއި ގުޅިވަޑައިގެންނެވި މީހުންނަށް ގިރާލުމަށްފަހު ތަށި ހަވާލުކޮށްލުމަށެވެ.

އެކި ފިކުރުތަކެއްގެ ބާރުވެރިކަމުގައި ހުރިހާ ކަނޑަކަށްވެސް ގަދަ އެއްކަލަ އޮޑީގައި މިއަދު އިތުރު ވިސްނުމަކަށް ޖާގައެއްވެސް ނެތެވެ. ތަފާސްހިސާބުތަކަށް ބަލާލުމުން ގިނަ އަދަދެއްގެ މީހުން އެއްވެސް ސިޔާސީ ޕާޓީއެއްގައި ނެތްކަން ފެންނައިރު އެ ހިތްތައް ދަމައިގަތުމަށްވެސް މަސައްކަތްތަކެއް ނުކުރެއެވެ. ސަބަބަކީ އެކި ފިކުރުތަކާއިއެކު މަސައްކަތްކުރުމުގެ ގާބިލުކަން މިއަދު ނެތުންކަމަށް ގަބޫލުކުރެވެއެވެ. އާ ބަޔަކު ގެނެސް އެ ބައެއްގެ އަޑު އެހުމަށްވެސް ތައްޔާރަށް ތިބިކަމަކަށް ނުފެނެއެވެ. ބޭފުޅިޒަމް ބަލައިނުގަނެދާނެކަމުގެ ބިރު އޮތުމާއި ހަމަ ބިމަށް ފޭބުމަށް ތައްޔާރަށް ނެތުމުން ޕާޓީން ޖާގައެއް ދެނީ ހަމައެކަނި ގާތް ގުޅުންތައް އޮތް މީހުންނަށެވެ. ހާލުގައި ޖެހުނު ރައްޔިތެއްގެ ކޮނޑަށް އަތްވައްޓާލައިގެން އެމީހަކު ގޮވައިގެންގޮސް ކުރިމަތިވި ބޭއިންސާފެއްގެ މައްސަލަ ބެލުމަށް އަޑުއުފުލާލުމެއްވެސް ނެތެވެ. މުޅިންހެންވެސް ފެންނަނީ ރައްޔިތުންނާ ދުރު އެޖެންޑާއެއްގައި މަސައްކަތްކުރާ މަންޒަރެވެ. މާލެ ފެންބޮޑުވުމުން ދިޔަ ހިއްކާލަން އެހީވެލަން ނުކުތް މަންޒަރުވެސް ނުފެނެއެވެ.

ފަސް އަހަރު ނިންމާލިއިރު، ފުދިގެން ތިބުމުން، ސިޔާސީ ގޮތުން ހަރަކާތްތެރިނުވެ އަހަރު ދުވަސް ހޭދަކޮށްލީ ގައުމާއި ރައްޔިތުން ފުނޑިގެންދާނެކަމަށެވެ. އެގޮތަށް އުންމީދުކުރީ މާލިއްޔާތަށް ދިން ގެއްލުންތައް ބޮޑުކަމުން އައު ވެރިންނަށް އެކަމުން އަރައިނުގަނެވޭނެކަމަށް ގަބޫލުކުރެވިފައި ތިބުމުންކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުން ދައްކަވާ ވާހަކަތަކުން ސިފަވެއެވެ. އެއް ދުވަސްކޮޅަކު ބަނގުރޫޓުވަނީކަމަށް ބުނެ އަޑުއުފުލަމުންދިއުމަށްފަހު އެވާހަކައިގައި ހަގީގަތުގެ ކުލަވަރެއް ނުޖެހުމުން ދެން އެވާހަކަތައް ހުއްޓާލުމަށްފަހު މަޑުކޮށްގެން ތިބީ ކުރާނެކަމެއް ފެނޭތޯއެވެ. މަސްވެރިކަމުގެ ސިނާއަތު ވީރާނާކޮށްލުމަށްފަހު އިދިކޮޅަށް އައިސް އެކަމުގެ ޒިންމާ އައު ސަރުކާރުގެ ބޮލަށް ޖަހާލައިގެން ތިބެ އެ ވާހަކަތައްވެސް ދެއްކިއެވެ. އެކަމަކު ކޮޅެއްގައި ޖެއްސުނު މަންޒަރެއް ނުފެނެއެވެ. ހައްލެއް ހޯދުމާއި ހިސާބަށް މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި އަޑު އުފުލީ ނަފުރަތު އުފެއްދުމުގެ ބޭނުމުގައެވެ. އެވާހަކަތައްވެސް ހުއްޓާލައިފިއެވެ. މިއަދު ދައްކާނެ މާ ބޮޑު އިތުރު ވާހަކައެއް ނެތުމުން އިވެނީ ދުންފަތުން ނެއްޓެން ނޭނގިގެން އުޅޭ އަޑެވެ. މިއީ ވެރިކަމުގައި ތިބިއިރު ދެން އަންނަ އެއްވެސް ވެރިކަމެއްގައި އަސާސީ ހިދުމަތްތައް ފުރިހަމަކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ނުޖެހޭނެކަމަށް ބުނަމުން އައި ވާހަކަތަކާއި އެއްފަދަ ވާހަކަތަކެކެވެ. އަސާސެއް ނެތް ހަގީގަތާއި ދުރު ވާހަކަތަކެކެވެ.

އޭރު ހިދުމަތްތައް ފުރިހަމަކުރާކަމަށް ބުނެ ރައްޔިތުންގެ ތެރޭގައި އުފާވެރިކަން އާލާކުރިގޮތަށް މިއަދު ދުންފަތޭ ކިޔައިގެން ރައްޔިތުންގެ ތެރޭގައި އާލާކުރަނީ ރުޅިވެރިކަމެވެ. ކަސްޓަމްސްއިން އާންމު އުސޫލުން ޝިޕްމެންޓެއް ޗެކުކުރުމަށް ހިފެހެއްޓިއްޔާ ހިފަހައްޓައިފިކަމަށް ބުނެ ފިތުނަ އުފައްދާއިރު ދޫކޮށްލިއްޔާ ދޫކޮށްލައިފިކަމަށް ބުނެވެސް ރައްޔިތުންގެ ތެރޭގައި ފިތުނަ އުފައްދައެވެ. އަހަރެއް ނިމުނުއިރު ޖަވާބުދާރީކުރުމަށްޓަކައި ކުރެވުނު އެއްވެސް މަސައްކަތްތަކެއް ނެތެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ މަސައްކަތްތައް ކުރިއެރުވުމަށް ކުރާ ހޭދަ ބޭކާރަށް ދާ ހެން ހީވެއެވެ. ތުހުމަތުތަކެއް ކުރެވިދާނެއެވެ. ނަމަވެސް ސާބިތު ނުހިފޭނަމަ ރައްޔިތުން ތެރޭގައި އެކަމެއް ބަލައިގަންނަ މަދު ބަޔަކުވެސް ބަލައިގަންނާނީ މަދުވަގުތުތަކަށެވެ. އެހެންކަމުން މިއަދު ދިވެހިރާއްޖޭގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތްކަމަށް ބުނަން ދަތިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: