ގއ ވިލިނގިއްޔާއި އެ އަތޮޅު ދާންދޫއަށް ކާޑުގެ ބާވަތްތައް ހިފައިގެން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.
ފަރަށް އަރާފައިވަނީ ލިއޯ ވިންގ ނަމަކަށް ކިޔާ ދޯންޏެކެވެ.
އެކަމާ ގުޅޭގޮތުން ”ސަންގު“އާ ވާހަކަ ދައްކަވަމުން ގއ ނިލަންދޫ ކައުންސިލުގެ ރައީސް ނާސިހު އިބްރާހިމް ވިދާޅުވީ، ފަރަށް އަރާފައިވާ ދޯންޏަކީ ލިއޯ ޓްރޭޑިންގ ގެ ފަރާތުން ގއ ނިލަންދޫއާއި ދާންދޫއަށް ކާޑުގެ ބާވަތްތައް ހިފައިގެން ދިޔަ ދޯންޏެއް ކަމަށެވެ. އެގޮތުން އެ ދޯނި ފަރަށް އަރާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައިކަމަށް އޭނާ ވިދާޅުވިއެވެ.
ނާސިހު ވިދާޅުވީ، ދޯނި އެ ސަރަޙައްދުގެ ގއ އެކެފަރު ނަމަކަށް ކިޔާ ފަރަށް އަރާފައިވާ ކަމަށާއި، ބޯޓު ފަޅައިގެން ގޮސް ގެއްލުންތަކެއްވެސް ވެފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެ ދޯނީގައި ހުރި 1075 ބަސްތާ ކާޑުގެ ބާވަތްތައް ކަނޑުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
މިހާރު ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމުގައި އެ އަތޮޅު ބައެއް ރައްޔިތުންނާއި، އެމްއެންޑީއެފް ކޯސްޓްގާޑު އަދި ކުންފުނީގެ ފަރާތުންވެސް ގެންދަނީ ޙަރަކާތްތެރިވަމުންނެވެ.

