ރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށް ހެދުމަށް ދުނިޔޭގެ އެންމެ ބޮޑެތި ޓުއަރ އޮޕަރޭޓަރުންގެ ތެރެއިން އެކެއްކަމަށްވާ ޓުއިއާއެކު މަސައްކަތްކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އައި.ޓީ.ބީ ބަރުލިން 2025 ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ޓުއިގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
”މި ބައްދަލުވުމުގައި ފަތުރުވެރިންގެ މާކެޓާއި އެ ފަރާތްތަކުގެ އުންމީދުތަކާ ގުޅޭ ގޮތުން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެވުނު،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މަޝްވަރާތަކުން ލިބުނު މަޢުލޫމާތުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ތަރައްޤީކުރުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެކެވެ. މީގެ އިތުރުން، އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ގޮތްތައް ރޭވުމަށް ޓުއިއާއެކު މަސައްކަތްކުރެވޭނެ ކަމަށްވެސް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އައި.ޓީ.ބީ ބަރުލިންއަކީ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއަރ ކަމަށްވާއިރު، މި ފެއަރގައި ރާއްޖެ ބައިވެރިވުމަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.
ޓުއި އާއެކު ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް ފައިދާހުރި ބައްދަލުވުމެއް. ފަތުރުވެރިކަމުގެ މާކެޓާއި ފަތުރުވެރިންގެ އުންމީދުތަކާ ގުޅޭ ގޮތުން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ދިޔަ. މި މަޢުލޫމާތުތަކަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް.
މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށް ހެދުމަށްޓަކައި ޓުއި އާއެކު މަސައްކަތްކުރުމަށް ބޭނުންވާކަމަށެވެ. ފަތުރުވެރިކަމުގެ މާކެޓް އިތުރަށް ފުޅާކުރުމަށް ޓުއި އާއެކު މަސައްކަތްކުރުމަށް ސަރުކާރުން ތައްޔާރަށް ތިބިކަންވެސް ފާހަގަކުރެއްވިއެވެ.
އައި.ޓީ.ބީ ބަރުލިން 2025 ގައި ރާއްޖެ ތަމްސީލުކުރައްވަނީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރުގެ އިތުރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ އިސްވެރިންނެވެ. މި މައުރަޒުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.

