ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތައް މި ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން، ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ މެންދުރުފަހު ވަނީ މާލޭގައި ހިންގަމުން އަންނަ ގަރާޖެއް ބަލައި ފާސްކޮށްފައެވެ. އަދި މިތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިއަ 02 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދު އެދެވޭ އެންމެ ހަލުވިމިނުގައި ކުރިއެރުވުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ބޭރު ފައިސާގެ މައްސަލަ ޙައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީވެސް އެ މައްސަލަކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް، ދިވެހިރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށް ސަރުކާރުން ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އެއީ އެފަރާތްތަކުގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު ބައޯމެޓްރިކްސް ނެގުމަށް ”އޮޕަރޭޝަން ކުރަނގީގެ“ ނަމުގައި 2 މޭ 2024 ގައި ފަށާފައިވާ އޮޕަރޭޝަނެވެ.
ރައީސް ވިދާޅުވީ، މި އޮޕަރޭޝަން ހަލުވިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި މި ވަގުތު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ބައެއް ތަފާސްހިސާބުތައްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 43،294 ބިދޭސީންގެ މައުލޫމާތު އޮޕަރޭޝަން ކުރަނގިން އެއްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

