ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި މައްސަލައެއް ކޯޓުގައި އޮތީތީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ހުއްޓެން ނުޖެހޭ: ޕީއެންސީ

ފަނޑިޔާރުކަމުން ވަކި ކުރި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި އެއްގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ފަށާ ވަގުތު ކޯޓުގައި ވަކި މައްސަލައެއް ކުރިޔަށް ދިއުމަކީ، ސުލޫކީ މައްސަލަ ހުއްޓެން ޖެހޭ ސަބަބެއް ނޫންކަމަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީ ބުނެފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ބަލަން ފަށައި ސަސްޕެންޑުކޮށްފައި ވަނީ އެ ކޯޓުގައި މެމްބަރުންގެ ގޮނޑިއާއި ބެހޭ މައްސަލަ ކުރިޔަށް ދަނިކޮށެވެ. އަދި އެ ނިންމުން ދިމާވީ ބެންޗުގެ އަދަދު 7 އިން 5 އަށް ދަށް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވަގުތަށެވެ. މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް ފަނޑިޔާރުކަމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި އެވެ.

އިސްތިއުފާގެ ސިޓީގައި ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވައި ވަކި ގޮތަކަށް، މައްސަލަ ނިންމުމަށް ބާރު ފޯރުވުމަށް މަސައްކަތް ކުރާކަމަށެވެ.

ސަސްޕެންޝަނުގައި ދެން ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ މައްސަލައިގައި ޖޭއެސްސީ އިތުރު ތަފްސީލެއް އާންމެއް ނުކުރެއެވެ.

މައްސަލައިގައި އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދީ އާންމު ކުރި ބަޔާނުގައި ޕީއެންސީ ބުނެފައި ވަނީ ދިވެހިރާއްޖޭގައި ގާއިމުވެފައި އޮތް ދުސްތޫރީ ނިޒާމަކީ ބާރުތައް ވަކިވެ އެއްބާރުން އަނެއް ބާރު ޖަވާބުދާރީ ކުރުވައި ބާރުތަކުގެ މައްޗަށް ފާރަވެރިވެގެންވާ މުސްތަގިއްލު މިނިވަން މުވައްސަސާތަކެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެއް ކަމަށެވެ.

މި ނިޒާމު ރަނގަޅަށް ތަރުތީބުވެގެން ހިނގަމުން ދިއުމަކީ، ޕީއެންސީ ބުނި ގޮތުގައި ބާރުތަކުގެ މެދުގައި އޮންނަ ޖަވާބުދާރީކުރުވުމުގައި މުސްތަގުބަލުގައި މުސްތަގިއްލު މިނިވަން މުވައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރެވުމެވެ. އަދި ތިން ބާރުގެ ތެރެއިން ޝަރުއީ ބާރަކީ ސިޔާސީ ކަންކަމާއި ދުރުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ މަތިވެރި ޒިންމާ ހަވާލުވެފައިވާ ބާރުކަމަށްވާއިރު އެ ބާރަށް އޮންނަ އިތުބާރުގެ އެއް އަސާސަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ޝަރުއީ ބާރުން ނުވަނުންކަމަށް ބުންޏެވެ.

ބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރެ ނުވަތަ ވަކިވުމަށް ފަހު ވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ގާނޫނީ ނިޒާމުތައް ދަންނަކަމެއް ނޫންކަމަށެވެ. އެއީ މުޅި ޖުޑިޝަރީގެ އިތުބާރު ގެއްލި ޝަރުއީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭ ފަދަ މައްސަލަތައްކަން ބަޔާނުގައި ފާހަގަކުރިއެވެ.

ސުއޫދު މަގާމުން އިސްތިއުފާ ދެއްވިއިރު، ސިޓީގައި ކުރި ތުހުމަތުތަކަށް ރައްދު ދީ ބަޔާނުގައި ބުނެފައި ވަނީ އެ ސިޓީން ވެސް ފެނިގެން ދިޔައީ މީގެ ކުރިން ވެސް އޭނާގެ ފަރާތުން ފެނިފައިފައިވާ ސިޔާސީ އެކްޓިވިސްޓު ވިސްނުންކަމަށެވެ. އަދި އިސްތިއުފާގެ ސިޓީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުފޮނުވައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް ފޮނުވާފައި ވަނީ ވެސް އެމަނިކުފާނަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ކުރުމުގެ ބޭނުމުގައިކަމަށް ވެއެވެ.

އެ ސިޓީ ޕީއެންސީ ސިފަކޮށްފައި ވަނީ ސުއޫދު އަނެއްކާވެސް ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ނިކުތުމުގެ ވިސްނުން ގެންގުޅުއްވާކަމެވެ.

ޕީއެންސީން ބުނީ ސުއޫދު ހިމެނުނު ގޮތަށް، އެހެން ފަނޑިޔާރުންނާއި މެދު ވެސް އަމަލުކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އެކަހަށައަޅާފައިވާ ގޮތުގެ މަތީން ކަމަށެވެ. އަދި ފަނޑިޔާރަކާއި މެދު ޖިނާއީ ތަހުގީގެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީ ގޮތުން މަސައްކަތުން އެކަހެރި ކުރުމަކީ ގާނޫނު ބަޔާން ކުރާގޮތްކަމަށް އެ ޕާޓީން ބުންޏެވެ.

ޕީއެންސީ ބުނި ގޮތުގައި މިއީ ވަކި މައްސަލައެއް ކޯޓެއްގައި ކުރިޔަށް ދާތީ ނުވަތަ ވަކި ފަނޑިޔާރެއް ހުރީތީ ހުއްޓުވަން ޖެހޭކަމެއް ނޫނެވެ. ގާނޫނީ ނިޒާމު އެންމެ ހަރުދަނާ ގޮތުގައި ހިނގާނަމަ، އެކަމެއް ފެންމަތިވުމާއި އެކު މައްސަލަ ބެލެން ޖެހޭކަމަށް ޕީއެންސީ ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: