މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރުކަމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް، ފަރުހަތު ޝަހީރު އައްޔަނުކޮށްފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައި ވަނީ، ޑރ. ވިޓާލީ ލުބިމޯވް ވަކި ކުރުމުންނެވެ. މިފްކޯގެ ތާރީހުގައި ވެސް އައްޔަނު ކުރި ބޭރުގެ އެމްޑީ، އަދި ސީއީއޯ މަގާމުން ވަކިކޮށްފައި ވަނީ ކޮން ސަބަބަކާއި ހުރެކަން ސާފެއް ނޫނެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މިރޭ ކުރި ޕޯސްޓެއްގައި ބުނީ މިފްކޯގެ ސީއީއޯ، އަދި އެމްޑީކަމަށް ފަރުހަތު އައްޔަނުކޮށްފައިވާކަމަށެވެ.
ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިިކަމުގެ ވައިސް ޗީފް ޑިފެންސް ފޯސްއެވެ. އަދި ސިފައިންގޭގެ ހިދުމަތަށް ފަހު ރިޓަޔަރ ކުރައްވާފައި ވަނީ 2012 ވަނަ އަހަރު އެވެ.
އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ސީއީއޯކަން ވެސް ފަރުހަތު އަދާކުރެއްވި އެވެ. އޭރު ފަރުހަތު ފާހަގަކުރެވިގެން ދިޔައީ، އައިޖީއެމްއެޗްގެ ހިންގެވުމާއި، ތަނުގެ ހިދުމަތަށް ބޮޑެތި ބަދަލުތައް ގެންނެވި ބޭފުޅެއްގެ ގޮތުގައެވެ.

