ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ދިވެހި ހުރިހާ ޙައްޖާޖީން ރާއްޖެ އަތުވެއްޖެއެވެ.
ދިވެހި ޙައްޖާޖީންގެ ފަހު ފްލައިޓް ރާއްޖެ އައީ ރޭ 10:54 ގައެވެ.
ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު ޙައްޖާޖީން އެނބުރި އަންނަން ފެށީ މިމަހުގެ 13ވަނަ ދުވަހުއެވެ. ދެވަނަ ގްރޫޕް ޖޫން 14 ވަނަ ދުވަހު އައިސްފައިވާއިރު ތިންވަނަ ގްރޫޕް އައީ ޖޫން 16 ވަނަ ދުވަހެވެ. އަދި އެންމެފަހު ގްރޫޕް އައިސްފައިވަނީ ރޭގައެވެ.
މިއަހަރަކީ ދިވެހި ހައްޖުވެރިންގެ ތާރީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެއް ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. ހައްޖުވެރިން މިފަހަރު ސައުދީއަށް ދަތުރުކޮށްފައި ވަނީ މައްކާ ރޫޓު އިނީޝިޓިއޭޓިވްގެ ދަށުން ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންނެވެ.
މިއަހަރު ރާއްޖެއިން 1000 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފައެވެ. ހުރިހާ ހައްޖުވެރިންވެސް ގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
ދިވެހި ހުރިހާ ހައްޖުވެރީން މާލެ އައިސްފައިވާއިރު ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒުވެސް ވަނީ ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންފަވެއެވެ.

