ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުތަކާއި މެދު އަމަލު ކުރާނެ ގޮތާއި، ހާއްސަ ކުރެވޭ ވަކި ކަންތައްތަކަށް ހަރަދު ކުރެވޭ ގޮތަށް އުސޫލެއް އޮންނަން ޖެހޭކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމުގައި ހުރި އެކި މައްސަލަތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ފަޒާދު ވިދާޅުވީ، ބޭނުން ވަނީ ހަރުދަނާ ގޮތެއްގައި ކައުންސިލްތައް ހިންގޭނެ ގޮތެއް ކަމަށެވެ. ފަޒާދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ބާރުތައް ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް މަސައްކަތް ކުރަނީ އެގޮތުގެ މަތީން ނޫންކަމަށެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެކި ކައުންސިލްތަކުގެ ވިސްނުން ތަފާތުވުން ފާހަގަކުރައްވައި ފަޒާދު މިސާލެއްގެ ގޮތުގައި ނެންގެވީ ފަސް އިންސައްތައިގެ ގަރާންޓެވެ.
ފަޒާދު ވިދާޅުވީ ގްރާންޓު ދޭން ފެށި ފަހުން، ރަށުގައި ހުންނަ ކުދިކުދި މައްސަލަތައް ހައްލު ކުރުމަށް ކައުންސިލުން ގަންނަން ޖެހޭ އެއްވެސް ސާމާނެއް ނުހޯދާ ކަމަށެވެ. މިސާލެއްގެ ގޮތުން ފަޒާދު ދެއްކެވީ ރަށުގެ މިސްކިތުގެ ވުޟޫ ކުރާ އިސްކޫރު ބަރިން އެއްޗެއް ހަލާލުވުވުން އެކަން ހައްލު ނުކުރުމެވެ. އެހެން ނަމަވެސް މިއީ 60 އެއްހާ ރުފިޔާއަށް ލިބޭ އިސްކޫރު ނަމަވެސް، ކައުންސިލުން އެ ނުހޯދަނީ ބަޖެޓެއް ނެތިކަމަށް ބުނެކަމަށް ފަޒާދު ވިދަޅުވި އެވެ. އެއަށް ފަހު ކައުންސިލުން ބޭނުންވާ އެހެނިހެން ކަންކަން ގްރާންޓު ފައިސާގެ ތެރެއިން ކުރާކަމަށް ފަޒާދު ވިދާޅުވި އެވެ.
ފަޒާދު ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުން ގްރާންޓު ދޫކުރަންވީ، ހާއްސަ ކުރެވިފައިވާ ކަންތައްތަކަށް ހަރަދު ކުރެވޭ ގޮތަށް ބަޔާންކޮށް ކަމަށެވެ. ބައެއް ކައުންސިލުތަކުން އެތަނަށް ލިބޭ އާމްދަނީން އެކަނި ހަރަދު ކުރާއިރު، ގްރާންޓު ފައިސާގެ ސާކިއުލޭޓު ނުކުރާކަމަށް ފަޒާދު ވިދަޅުވި އެވެ. އޭގެ ސަބަބުން ބައެއް ކައުންސިލްތަކުގެ އެކައުންޓުގައި މިލިއަނުން ފައިސާ ހިފެހެއްޓި ދައުރު ނުވާކަމަށް ފަޒާދު ވަނީ ވިދާޅުވެފަ އެވެ.
ނަތީޖާއެއްގެ ގޮތުން ބައެއް ކައުންސިލްތަގެ އެ ފައިސާ ޑެފިސީޓްގައި ހުންނައިރު، އެހެން ކައުންސިލްތަކުގެ މަސައްކަތް ހުންނަނީ ސާޕްލަސްގައިކަމަށް ފަޒާދު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ލިބެން ޖެހޭ ފައިދާ، އޭގެ ހަގީގީ މާނައިގައި ނުލިބޭކަން ވެސް މެމްބަރު ފާހަގަކުރެއްވި އެވެ.
އަސްލު ގްރާންޓް އެގޮތަށް ދިނުމުގެ ބަދަލުގައި ގްރާންޓް ވެސް މި ދޭން މި ޖެހެނީ ހަމަ އެލޮކޭޓެޑް ވަކި ކަންކަން ވަކި ގޮތްގޮތަކަށް ބަޔާންކޮށްފައި.. މިސާލަކަށް އޭގެ ތެރޭގައި ބައެއް ކައުންސިލުތަކުން ހަމައެކަނި އެމީހުންގެ އާމްދަނީ ޚަރަދު މިކުރަނީ.. ގްރާންޓަށް ލިބޭތީ އެ ބޭފުޅުން ހަމަ ގާތްގަނޑަކަށް ފްރީޒްކޮށް ބަހައްޓަނީ.. ގާތްގަނޑަކަށް މި ރާއްޖޭގައި ސާކިއުލޭޓުވާ މި ފައިސާގެ ތިން މިލިއަނެއް ހާ ރުފިޔާ މި އިންނަނީ ކައުންސިލުތަކުން އެކައުންޓުން ހިފެހެއްޓެފައި.. ދައުރެއް ނުވޭ.. މިއީ އަސްލު ބައެއް ކައުންސިލުތަކުގައި މި ޑެފިސިޓްކޮށް އަނެއް ބަޔަކު ކައުންސިލުތަކަށް ސާޕްލަސްކޮށް މި މަސައްކަތް ކުރަނީ.. މިގޮތަށް މި ކަންތައްތައް އިނީމާ އަސްލު ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ފައިދާތަކެއް ނުއެއް ލިބޭ..
މީގެއިތުރުން ފަޒާދު ވިދާޅުވީ ބައެއް ކައުންސިލްތަކަށް ވިސްނިފައިވާ ގޮތުން، އެ ބައެއްގެ މަސްއޫލިއްޔަތަކީ ރަށުގެ ކުޅިވަރުގެ ކަންކަމަށް މަސައްކަތް ކުރުމެވެ. އަދި ވިދާޅުވީ ދެމެހެއްޓެނިވި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓުތަކާއި ގުޅުން ހުރި ވިސްނުންތަކާއި އެކު އެކު މަސައްކަތް ނުކުރާކަމަށެވެ.
މިފަދަ މައްސަލަތަކަށް ކައުންސިލްތަކުން އަބަދުވެސް ދޭ ޖަވާބަކީ، ފަޒާދު ވިދާޅުވި ގޮތުގައި އެއީ މައި ސަރުކާރުގެ ޒިންމާއެއްކަމަށް ބުނެ އެކަމެއް ދޫކޮށްލުމެވެ. އަދި ގިނަ ފަހަރަށް އެ ޝަކުވާތަކާއި އެކު ކައުންސިލްތަކުގެ ތެރޭގައި ހިޔާލުތަފާތުވުންތައް އައިސް ޝަކުވާތަކުން ދަނީ ތަޅާފޮޅުމެއްގެ ތެރެއަށްކަމަށް ފަޒާދު ވިދާޅުވި އެވެ.
ފަޒާދު ވަނީ ކައުންސިލްތަކުން ގާނޫނާއި ގަވައިދުތަކާއި ހިލާފަށް އަމަލެއް ހިންގުމުން އެކަމަށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތައް ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން ކައުންސިލަކާއި މެދު ބެލެނިވެރި ފަރާތުން ފިޔަވަޅެއް އެޅުމާއި އެކު، ނުވަތަ އެންގުމެއް އެންގުމުން އެއީ ޑިމޮކްރަސީއަށް ދޭ ހަމަލާއެއްކަމަށް ބުނެ ކައުންސިލަތަކުން ދެކޮޅު ބަޔާންތައް ނެރެ ކުރާ ޝަކުވާތައް ވެސް ހުންނަކަމަށް ވިދާޅުވި އެވެ.
މިފަދަ އެކި މައްސަލަތައް ދިމާވެ، ކައުންސިލްތަކުން އެންގުންތައް އަމަލު ކުރުމަށް ދެކޮޅު ހަދާފައި ހުރިކަން މިފަހުގެ އެކި ހަބަރުތަކުން ވެސް ފެންނަން އެބަހުރިކަމަށް ފަޒާދު ވިދާޅުވި އެވެ.

