ރާއްޖޭގައި ބާއްވާ ފުރަތަމަ ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕަރޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
19 އިން 25 އޮގަސްޓް 2025 އަށް އއ. ތޮއްޑޫ ގައި ބާއްވާ މި ތާރީހީ މުބާރާތް ވެގެން ދާނީ މި ރަށުގައި މި ގޮތަށް ބޭއްވޭ ފުރަތަމަ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތަށެވެ.
ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް (ޓީއެލްއޭސީ) އާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީ (އައިޓީޓީއޭ) ގުޅިގެން އިންތިޒާމްކުރާ މި މުބާރާތުގައި ޖަރުމަން، ޗައިނާ، ސްޕެއިން، އިންޑިއާ، އިނގިރޭސިވިލާތް، އަދި އެމެރިކާ ހިމެނޭ ގޮތަށް 20 އަށް ވުރެ ގިނަ ގައުމުން 130 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މަގްސަދަކީ ތޮއްޑޫގެ ލޯކަލް ކޮމިއުނިޓީއަށް އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ޓޭބަލް ޓެނިސް އިތުރަށް ކުރިއެރުވުމެވެ.
މި ހަރަކާތާއި ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތުގެ ޑިޖިޓަލް ޕަރޓްނަރެއްގެ ގޮތުގައި އެ ކުންފުނިން ހަރަކާތްތެރިވުމަކީ ލިބޭ ފަހުރެއްކަމަށެވެ. އަދި މުޖުތަމައުގެ ތެރޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް އެއްބާރުލުންދީ، ކުޅިވަރު ތަރައްގީ ކުރުމަށް ދިރާގުން ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރި އެވެ. އޭނާ ވިދާޅުވީ މީގެ ސަބަބުން ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމަށެވެ.
ދިރާގުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި، މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ އިސް ސަފުގައި ބައިވެރިވަމުންނެވެ.

