ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުނާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެނބުރި އެމްޑީޕީއާއި ގުޅިވަޑައިގަތުމަކީ ލިބޭ ހިތްވަރެއްކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދު އުފެދުނު ސިޔާސީ ހިޔާލުތަފާތުވުންތަކުގައި، ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ގެއްލުވާލުމަށެވެ. އެގޮތުން ދެ އިންތިހާބަށް ވެސް ކެނޑިޑޭޓުން ނެރެ ވިދާޅުވީ ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން ޖެހޭ ސަބަބެއް ނެތްކަމަށެވެ.
ރައީސް ނަޝީދާއި އެންމެ ބޮޑަށް މައްސަލަ ޖެހުނު ބޭފުޅުންގެ ތެރޭގައި ފައްޔާޒް ހިމެނެ އެވެ.
ސިޔާސީ މަސްރަހަށް އައި ބަދަލާއި އެކު ރައީސް ނަޝީދު އެންމެ ފުރަތަމަ އިއުލާނު ކުރީ 2028 ގެ ރިޔާސީ ރޭހަށް ޝައުގުވެރިވާ ކަމަށެވެ. އޭގެ ފަހުން ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދުގެ އިތުރުން ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާއި ގުޅުމަށް ނިންމީ ޕާޓީގެ ބައްދަލުވުމެއް ބާއްވައި އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. އެކަމާއި ގުޅޭ ގޮތެއް ނިންމުމަށް އެމްޑީޕީ ނުރަސްމީ ގައުމީ މަޖިލިސް ބައްދަލުވުމެއް ގެންދިޔަ އިރު، ރައީސް ނަޝީދަށް އެއްވެސް ބޭފުޅަކު ދެކޮޅު ހެދިކަން ސާފެއް ނޫނެވެ.
ގައުމީ މަޖިލިސް ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ ރައީސް ނަޝީދާއި އެކު، އެމްޑީޕިއަށް އެނބުރި ވަޑައިގަތުމަށް ނިންމެވި މެމްބަރުންނަށް މަރުހަބާ ކިޔާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ ތައާރަފުވެ އިސްލާހަށް އެންމެ ބޮޑެތި މަސައްކަތް ކުރި ބަޔަކީ އެމްޑީޕީކަމަށެވެ. އަދި ރާއްޖެ ހަމަމަގަށް އެޅުވުމުގެ ނިޔަތުގައި ނިކުތް އެމްޑީޕީއަކީ، ސިޔާސީ މަސްރަހުގެ އެންމެ ދޮށީ ޕާޓީކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖެ ހަމަ މަގުން ނެއްޓިގެން ދިޔަ ކޮންމެ ފަހަރަކު ވެސް، އިސްލާހަށް މަސަައްކަތް ކުރީ އެމްޑީޕީ ކަމަށެވެ. އަދި ގައުމަށް ހަމަޖެހުން ގެނެވެނީ އެމްޑީޕީގެ މެމްބަރުން ކުރާ ހިތްވަރުންކަމުގައި ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކަންކަމުގެ މައްޗަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވަން ޖެހޭ ވަގުތު ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާއި ގުޅުމަކީ ލިބޭ ހިތްވަރެއްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

