މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން، ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.
ވަޒީރުގެ މި ދަތުރުފުޅަކީ 2025 ޖޫން 27 ން 29 އަށް ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ބާއްވާ ”ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025“ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިސްވެރިންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާކޮށް، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްޤީކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ފޯރަމްގައި 20 އަށްވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
މި ފޯރަމްގެ މަޝްވަރާތައް އަމާޒުކުރެވިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށްޓާ ރައްޓެހި ބަދަލުތަކާއި، އަދި ދުނިޔޭގެ ފެންވަރުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށެވެ.
މީގެ އިތުރުން، މި ފޯރަމްގައި ޚާއްޞަ ސަމާލުކަމެއް ދެވޭނީ ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަތައް އެއްކޮށްލައިގެން ރަނގަޅަށް ތަރައްޤީކުރާނެ ގޮތާއި، އަސާސީ ވަސީލަތްތަކަށް އިންވެސްޓްކުރުމުގައި ހުރި ދަތިތައް ފޫބެއްދުމާއި، އަދި ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއި އަދި އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށެވެ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އިފްތިތާޙްކޮށްދެއްވާ މި ފޯރަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި އަމީން ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމެޖެހިފައެވެ. މި ސެޝަނަކީ އެކި ޤައުމުތަކާއި މުއައްސަސާތަކުގެ މެދުގައި ކަނޑުމަގުގެ ގުޅުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ދެމިގެންދާ އިސްކަންދޭ ކަންތައްތަކާއި، ޢަމަލީ ޙަޤީޤަތްތަކާއި، އެއްބާރުލުމުގެ މަގުތަކާ ބެހޭގޮތުން އިސްތިރާޖީ މަޝްވަރާކުރުމަށް ރޭވިފައިވާ މުހިންމު މަންޞައެކެވެ.

