ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުއަކީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ދައުލަތަށް އެކި ހައިސިއްޔަތުތަކުން ހިދުމަތް ކުރައްވާފައިވާއިރު އެދެވޭ އަދި ނޭދެވޭ ވާހަކަތައްވެސް އެމަނިކުފާނާއި ގުޅިފައިވެއެވެ. ނަމަވެސް މީގެ ތެރެއިން ދިވެހިންގެ ހަނދާނުން ފޮހެވިގެން ނުދާނެ އެންމެ މުހިންމުކަމެއްގެ ގޮތުގައި އޮތީ ރާއްޖެ މިނިވަން ގައުމަކަށް ހެއްދެވުމުގައި އަދާކުރެއްވި ދައުރެވެެ. ނުގުޑާނެ އަޒުމެއްގެ މަތިން ކުރެވިގެންދިޔަ ހާރިޖީ މަސައްކަތްކެއް މެދުވެރިކޮށް އިނގިރޭސިންގެ ހިމާޔަތުން އަމިއްލަވަންތަކަމުގެ ތެރެއަށް ދިވެހިން ގެންގޮސްދެއްވީ އެމަނިކުފާނެވެ.
ރާއްޖޭގެ މައްޗަށް އިނގިރޭސިންގެ ހިމާޔަތުގެ ހިޔަނި އެޅިގެންދިޔައީ 1887 ވަނަ އަހަރުގައެވެ. އެ ހިސާބުން ފެށިގެން ދިވެހިނާއި އެހެނިހެން ގައުމުތަކާއި ދެމެދު ކުރެވުނު މުއާމަލާތްތަކާއި ދިފާއީ މަސައްކަތްތައް އޮތީ އެވެރިންގެ އަތްދަށުގައެވެ. އިބްރާހިމް ނާސިރުއަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވީ އިނގިރޭސިންގެ ހާޒިރީއާއިމެދު ދިވެހިންގެ ތެރޭގައި ނުތަނަވަސްކަން އުފެދިގެންދިޔަ ދުވަސްވަރެއްގައެވެ. އެއީ ސުލްތާން މުހައްމަދު ފަރީދު ދީދީގެ ދައުރުގައި 1957 ވަނަ އަހަރުގެ ތެރޭގައެވެ. މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންނެވި ހިސާބުން ގައުމީ ވިސްނުންފުޅެއްގެ މަތިން މަސައްކަތްތައް ކުރައްވަމުންދާ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނުގެ ނަން ވިދާލިއެވެ. ނާސިރުގެ ވިސްނުންފުޅުހުރީ އިނގިރޭސިން ރާއްޖޭގެ މައްޗަށް އަތްގަދަކުރުމަށް އިތުރަށް ޖާގަ ނުދިނުމަށާއި ދިވެހިން މިނިވަން ހާލަތަކަށް ގެނަައުމަށެވެ.
1956 ވަނަ އަހަރުގެ ތެރޭގައި 100 އަހަރުގެ މުއްދަތަކަށް އައްޑޫގެ ގަން އަދި ހިތަދޫގެ ބިންތަކެއް އިނގިރޭސިންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހުށައެޅިއެވެ. ނާސިރުވަނީ މި އެއްބަސްވުމާއި ދެކޮޅު ހައްދަވާފައެވެ. އޭރު އެއްބަސްވުމުގައި ސޮއިކުރެވިފައި އޮތްއިރު ކެބިނެޓުން ފާސްކުރެވިފައިނުވެއެވެ. މި މަސައްކަތްފުޅުގައި ނާސިރު ކާމިޔާބު ހޯއްދެވިއެވެ. ފާހަގަކުރެވޭ ހާއްސަަ ކަންކަމުގެ ތެރޭގައި އާންމު އުސޫލުތައް މުގުރާލައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ހާރިޖީ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ވަލު ދޮރާށިން ވަނުމަށް އެދުނު އިނގިރޭސިންގެ މަންދޫބުންނާއި ބައްދަލުކުރެއްވުމަށް ނާސިރު ދެކޮޅު ހެއްދެވިކަން ހިމެނެއެވެ.
ނާސިރު ކުރައްވަމުންދިޔަ މަސައްކަތްފުޅާއި ދެކޮޅަށް އިނގިރޭސިން ޖެހި މަޅިތަކުގެ ތެރޭގައި ޔުނައިޓެޑް ސުވަޑީވްސް ރިޕަބްލިކް އުފެއްދުމަށް ދެކުނުގެ އަތޮޅުތައް ބާރުވެރިކުރުވުން ހިމެނެއެވެ. 1959 ވަނަ އަހަރުގެ ތެރޭގައި އެ ސަރަހައްދުންވަނީ ވަކިވެގަތުމުގެ އިއުލާނުކޮށްފައެވެ. އެކަމުގައި އިސްވެ ހުންނެވީ ނާސިރުއާއި އާއިލީގޮތުން ގުޅުންއޮތް އަބްދުﷲ އަފީފް ދީދީއެވެ. ނަމަވެސް އެކަމަށް ޖާގަ ދެއްވުމުގެ ބަދަލުގައި ވަކިވެގަތުން ހުއްޓުވައި ދިވެހި މައި ސަރުކާރުގެ ބެލުމުގެ ދަށަށް އެ ސަރަހައްދު ގެންނެވިއެވެ. މި ހަލަބޮލިކަމުގެ ތެރެއިން ޖެހިލުން ކުޑަ މިންވަރުވެސް ފެނިގެންދިޔަކަން ތާރީހުން ހެކިދެއެވެ. ސޭޝެލްސްގައި އަފީފް ދީދީއަށް ހިމާޔަތް ދިނުމުން ނާސިރުވަނީ އިނގިރޭސިންގެ އެ އަމަލުތަކާއި ދެކޮޅަށް އަޑުއުފުއްލަވާފައެވެ. އެމަނިކުފާނު ގޮވާލެއްވީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމްކުރުމަށެވެ.
ހަމަނުޖެހުންތަކާއި ފިނިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިއުމަށްފަހު ނާސިރުވަނީ އިނގިރޭސިންގެ ކިބައިން ދިވެހިންނަށް ފުރިހަމަ މިނިވަންކަން ހޯއްދަވަައިދެއްވުމަށް ވަކާލާތުކުރައްވާފައެވެ. އެ މަޝްވަރާތައް ފެށުމުގެ ކުރިން އިނގިރޭސިންގެ ދެމެދު އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ދެކޮޅު ހެއްދެވިއެވެ. އެ އިހުލާސްތެރިކަމުގެ މަތީ ހުންނެވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ 1964 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމުގެ ގޮތުގައި އޮތް އިނގިރޭސިވިލާތާއިދެމެދު ދިވެހިންގެ މިނިވަންކަމުގެ މަޝްވަރާތައް ފެށިގެންދިއުމެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިޔައީ ސްރީލަންކާގައެވެ. އިސްކޮށް ހުންނެވި މަންދޫބަކީ އަބްދުއްސައްތާރު މޫސާ ދީދީއެވެ. މިއަށްފަހު 1965 ވަނަ އަހަރުގެ ޖުލުއި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްުވުމުގައި ސޮއިކުރެވުނެވެ. އިނގިރޭސިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސަފީރު ސާރ މައިކަލް ވޯލކާރއެވެ. ދިވެހިންގެ ފަރާތުން ސޮއިކުރެއްވީ އިބްރާހިމް ނާސިރުއެވެ.

