ގައުމެއްގެ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކަމާއި އެކު ދެމެހެއްޓުމަށް ސަރުކާރެއްގެ ހައިސިއްޔަތުން އަޅަން ޖެހޭ ފިޔަވަޅުތައް ގިނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ސަންގުޓީވީން ގެނެސްދިން ”މިނިވަންކަމުގެ ހިޔަލުގައި 60“ ކަވަރޭޖަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގަ އެވެ.
ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މިނިވަންކަމާއި އަމިއްލަ ވަންތަކަން ސިޔާދަތީ ބާރު އޭގެ ފުރިހަމަކަމާ އެކީގައި ނޫނިއްޔާ އޮންނަންޖެހޭ މިންގަނޑުގައި ހިފެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އެޅުވިފަ ނޫނީ އެޅިފައި އޮންނަނީ ރައްޔިތުން ހޮވާފައިވާ ސަރުކާރަކަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ވެރި މީހާއަށް މަތިކޮށްފައިވާ ޒިންމާއެކެވެ.
އެ ގައުމެއްގެ މިނިވަންކަން ދަމަހައްޓައި އަންނަން އޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައުމެއްގެ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކަމާއި އެކު ދެމެހެއްޓުމަށް ސަރުކާރެއްގެ ހައިސިއްޔަތުން ފިޔަވަޅުތައް ވެސް އަޅަން ޖެހޭކަމަށެވެ. ރައީސް ވިދަޅުވީ އޭގެ ތެރޭގައި އެކި ގައުމުތަކާއި އެކުގައި ޚާރިޖީ ގުޅުން ގާއިމު ކުރުން، ނުވަތަ ކަނޑާލުމާއި މެދު ވެސް ސަރުކާރަކުން ވިސްނަން ޖެހޭކަމަށެވެ.
މިނިވަންކަމަށް 60 އަހަރު ވެގެން ދިޔައިރު ރައީސް ވިދާޅުވީ ވެރިން ޒިންމާ އަދާކޮށްގެން ނޫން ގޮތަކަށް މިއާއި ހަމައަށް ނާދެވުނީސް ކަމަށެވެ. އަދި ރައްޔިތުންގެ ކަންކަން ނިންމުމަށް އިހުތިޔާރު ކުރާ ވެރިއަކީ ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމުގެ ކިހާ ބޮޑު ޒިންމާއެއް އޮތް ފަރާތެއްކަން ރައްޔިތުން ވެސް ބަލާލުން މުހިންމުކަމަށް ވިދާޅުވި އެވެ.
އެތައް ބައެއްގެ ޒިންމާ އަދާކުރެވިފަ.. އަދި ވެރިކަން ކުރި ފަރާތްތަކުގެ ޒިންމާ އަދާކޮށްފަ… އެހެންނޫނަމަ ހަމަ ޔަގީންވެސް މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ބުރަ.. މިދެންނެވީ ނުރައްކާތަކެއް ކުރިމަތިވާނެ.. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަ މިއަދާއި ހަމައަށް އައުމުގައި ހަމަ އެތައް ބައެއްގެ ޒިންމާއެއް އޮތް އަދި އިހުލާސްތެރިކަން ތެދުވެރިކަން އެބަ އޮތް ހަމަ ޔަގީނުންވެސް
ރައީސް ވިދާޅުވީ ގައުމެއްގެ ވެރިން އިހުލާސްތެރިކަމާއި ތެދުވެރިކަން އިސް ނުކުރާނަމަ މިނިވަންކަމަށް ބުރޫ އަރާނެކަމަށެވެ. އަދި މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް ނުރައްކާތަށް ވެސް ކުރިމަތިވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ސަރުކާރުތަކުން އެހެން ގައުމުތަކާއި އެކު ގުޅުން ބަދަހި ކުރުމުގައި ވިސްނަން ޖެހޭ ކަންތަކާއި، ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އަދި ގައުމަކުން ބޭނުންވާހާ ގޮތަކަށް ދީލާލާނުލުމާއި، އެ ގައުމެއްގެ ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ.

