ބްރޭންޑިންއާއި ހުރިހާ ގޮތަކުން ބަލާއިރު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް އެއްވެސް ބަދަލެއް ގެނައުމަށް ސަރުކާރުގެ ވިސްނުމެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދަޅުވީ މިނިވަން ދުވަހުގެ ހާއްސަ ކަވަރޭޖުގައި ސަންގުޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މައި ދޮރާށީގެ މިހާރުގެ ނަން ”ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް“ އަކީ އެންމެ ރަނގަޅު ނަން ކަމަށާއި، މި އެއަރޕޯޓް ބިނާކުރުމަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ހިކުމަތު އަމަލީއާއި ދުރުވިސްނިވަޑައިގެންނެވުމުގެ ނަތީޖާ ކަމަށެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައި ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދާއިރު، އެއާޕޯޓުގެ ނަމަށް އެއްވެސް ބަދަލެއް ގެނައުމަށް ގަސްދު ކުރައްވަން ތޯ ސުވާލު ކުރުމުންނެވެ. އަދި ކުރީގައި އެއާޕޯޓަށް ދެވިފައިވާ ނަންތައް ހިމެނޭ ގޮތަށް، އެމަނިކުފާނަށް އެންމެ ކަމުދަނީ ކޮން ނަމެއްތޯ ސުވާލު ކުރުމުން ދެއްވި ޖަވާބުގަ އެވެ.
ރައީސް ފާހަގަކުރެއްވީ، ވީއައިއޭއަކީ ރައީސް ނާސިރުގެ ވެރިކަމުގައި އެ މަނިކުފާނުގެ ހިކުމަތު އަމަލީއާއި، ދުރުވިސްނިވަޑައިގެންނެވުމުގެ ތަސައްވުރުގެ ތެރެއިން، އެތައް ދިވެހި ރައްޔިތުންނެއްގެ ޤުރުބާނީއާއެކު އުފެއްދި ތަނެއްކަމެވެ. އެގޮތުން، އެތައް ދިވެހި ރައްޔިތުން އެއަޕޯޓް ބިނާކުރުމަށް ކޮނޑުމަތީގައި އެއްޗެހި އުފުލައިގެން ކުރި ގުރުބާނީ ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
ވަރަށް ޓްރިކީ ސުވާލެއްތީ… ދެން މިހާރު ކިޔާފައި މި އޮތް ނަން ވެސް ވަރަށް ކަމުދޭ. އެއީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގެ އެ މަނިކުފާނުގެ ހިކުމަތު އަމަލީ ބުރަ މަސައްކަތް އެ ވިޜަނަރީ ތިންކިން އެ ލީޑަރޝިޕް.. އެއީ މި އެއަޕޯޓު އުފެއްދުމުގެ ހަގީގަތަކީ. ދެން އެތައް ދިވެހިންނެއްގެ ގުރުބާނީ އެތައް ދިވެހިންނެއް ކޮނޑުމަތީގައި އެއްޗެހި އުފުލާ ދެން ވީ ގުރުބާނީ. އެހެންވީމާ އެއީ ފެށުން.. އެހެންވީމާ އެމަނިކުފާނަށް ނިސްބަތް ކުރުމަކީ ވަރަށް އައުލާކަން ބޮޑު ކަމެއް… ދެން ސީދާ އެ މަނިކުފާނުގެ ނަމުން އެއް ޒަމާނެއްގައި ކީ.. ދެން މިހާރު އެ މަނިކުފާނަށް ނިސްބަތްވާ އެހެން ލަގަޤަބެއް މި ބޭނުން ކުރެވެނީ. ދެން ދިގުކޮށް ނަން ކިޔުންތޯ.. މިހާރު މި އޮތް ގޮތް ދަންނަވަންޏާ މިހާރު ތަންކޮޅެއް ރަނގަޅު. އެއީ ބްރޭންޑިންއަށް ބަލައިވެސް ނޫނިއްޔާ.. ނޫނީ ނަން ޖަހާފައި.. މި ޓެކްނިކަލް ވާހަކަތަކެއް ދެން..
ރައީސް މުއިއްޒު ވިދާޅުވީ، އެއާޕޯޓްގެ ފެށުން ރައީސް ނާސިރަށް ނިސްބަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެއް އިރެއްގައި އެމަނިކުފާނުގެ ސީދާ ނަމުން އެއަޕޯޓަށް ނަން ދެވިފައި އޮތް ނަމަވެސް، މިހާރު ބޭނުންކުރަނީ އެ މަނިކުފާނަށް ނިސްބަތްވާ އެހެން ލަޤަބެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުން ނަން ކިއުން ރަނގަޅުކަން ފާހަގަކުރެއްވި އެވެ.
އެއީ ބްރޭންޑިންއަށް ބެލިނަމަވެސް ނުވަތަ ޓެކްނިކަލް ގޮތުން ބެލިނަމަވެސް، ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، ރައީސް މުޢިއްޒު ނިންމެވީ މިހާރު އޮތް ނަން ރަނގަޅު ކަމަށާއި، ހުރިހާ ކަމެއް ވަށާޖެހިގެން ވިސްނާއިރުގައި އެންމެ ރަނގަޅީ މިހާރު ނަން ކިޔާފައި އޮތް ގޮތަށް ކުރިއަށް ދިއުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މިއީ ބަހުސްކުރެވޭނެ ކަމެއް ނަމަވެސް، މިހާރު މިކަމާ މާ ބޮޑު ބޭނުމެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން، މިހާރުގެ ނަން އެއީ އެންމެ ރަނގަޅު ނަން ކަމަށް އެ މަނިކުފާނު ނިންމަވައިފިއެވެ.

