ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކަށްވާންޖެހޭނީ ސިފައިންނަށާއި ފުލުހުންނަށް އެ 2 މުއައްސަސާ ކުރިއެރުވުމަށްޓަކައި، އެ މުއައްސަސާއަށް ޚިދުމަތްކުރާ ޚިދުމަތްތެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އިސްކަން ދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކަށްވާންޖެހޭނީ ސިފައިންނަށާއި ފުލުހުންނަށް އެ 2 މުއައްސަސާ ކުރިއެރުވުމަށްޓަކައި، އެ މުއައްސަސާއަށް ޚިދުމަތްކުރާ ޚިދުމަތްތެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އިސްކަން ދިނުން ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީވެސް އެއީކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ގޮތުގައި ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެއީ އަޅުގަނޑަށް ލިބޭ ފަޚުރެއްގެ ގޮތުގައި އަޅުގަނޑު ދެކެން. އަދި އަޅުގަނޑުގެ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑު ދެކެން
ރައީސް އިތުރަށް ވިދާޅުވީ، މިނިވަންކަން ހިމާޔަތްކޮށް، އެ މިނިވަންކަން ދިފާޢުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހެނީ ފުލުހުންނާއި ސިފައިން ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަންކަމުގައި ފަޚުރުވެރި، ދިގު މާޒީއެއް އޮތް ޤައުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، އެ މިނިވަންކަން ދިފާޢު ކުރުމުގައި ޤައުމީ ސަލާމަތީ ބާރުތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ތަމްރީނާއި އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމުގައި ކުރިއަށް އޮތްތަނުގައިވެސް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ސަފަށް ނުކުންނަނީ ސިފައިންނާއި ފުލުހުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެޚިދުމަތް ބަލައިގަންނަ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ސިފައިންނާއި ފުލުހުން ވަނީ މަތިވެރި ޤުރުބާނީއެއް ކަމަށާއި ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށްޓަކައި އަދި ޤައުމަށްޓަކާ ކޮށްދެވޭ ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

