މިނިވަންކަމާއި، ޙައްޤުތަކަކީވެސް އޭގެ ޒާތުގައި އިމެއް ނެތި ހުޅުވާލެވިފައިވާ ކަމެއް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސަންގުޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އާބާދީ ބޮޑުތަނުން އިތުރުވެގެން ދިއުމުން ރައްޔިތުންގެ އެންމެ ބޮޑު ބޭނުމަކަށް މިއަދު ވެފައިވަނީ ބޯހިޔާވަހިކަން ކަމަށެވެ. އެގޮތުން ކުރިއާ އަޅާބަލާއިރު، ރައްޔިތުންގެ ބޭނުންތަކާއި، އެ ބޭނުންތަކާ ގުޅޭގޮތުން މަސައްކަތް ކުރެވޭ ގޮތްވެސް މިހާރު ވަރަށްބޮޑަށް ތަފާތުވެފައިވާކަމަށް ޔާމީން ވިދާޅުވިއެވެ.
ކުރީގަ އޮތް ގޮތަކަށް ނޫން. މިހާރުގެ ރައްޔިތުންގެ ނީޑްތަކާ،ރައްޔިތުންގެ ނީޑްތަކަށް އެޑްރެސްވެގެން ދާގޮތް ވަރަށް ބޮޑަށް ތަފާތުވެއްޖެކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޙައްޤުތަކަކީވެސް އޭގެ ޒާތުގައި އިމެއް ނެތި ހުޅުވާލެވިފައިވާ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެއްވެ އުޅުމުގެ ޙައްޤާއި، ހިޔާލުފާޅުކުރުމުގެ ޙައްޤު ލިބެންޖެހޭކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެ ޙައްޤުގެ ތެރޭގައި އިސްލާމް ދީނާ ޚިލާފު ނުވަތަ ޓެރަރިޒަމަށް ހިތްވަރުދީ، މީހުންގެ މުދާ ހަލާކުކޮށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް އެ ޙާލަތަށް ނުދާނަމަ ފުލުހުން ނެރެގެން މުޒާހަރާތައް ހުއްޓުވައި ޕެޕަރ ސްޕްރޭ ޖަހަންވީ ކީއްވެތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.
މިސާލަކަށް އެއްވެ އުޅުމުގެ ޙައްޤު، ހިޔާލުފާޅުކުރުމުގެ ޙައްޤު، ދެން އެ ޙައްޤުގެ ތެރޭގައި އިސްލާމް ދީނާ ޚިލާފު ވާހަކަ ދައްކާ، ނުރައްކާތެރި ބޮޑެތި ވާހަކަ ދައްކާ، ޓެރަރިޒަމަށް ހިތްވަރުދީ، މީހުންގެ މުދާ ހަލާކުކޮށްމި ހިސާބަށް ދަންޏާ އެއީ މައްސަލައެއް އިނގޭތޯ، އެއްވެސް ކަމަކީ އޭގެ ޒާތުގައި 100 އިންސައްތަ ދޮރު ހުޅުވާލާފައި އޮންނަ ކަމެއް ނޫން. އެކަމަކު އެނޫން ކަންކަމުގައި،ކީއްކުރަންތޯ މަގުމައްޗަށް ފުލުހުން ނެރެގެން ޕެޕަރ ސްޕްރޭ މި ޖަހަން ޖެހެނީ
ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުތަކުން އެ ކަންކަމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ.

