މި އަހަރުގެ ބަޖެޓުން 19.46 ބިލިއަން ރުފިޔާ ބޭނުންކޮށްފަައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުގައި 2025 ވަނަ އަހަރުގެ ބަޖެޓުން ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މާލީ ހާލަތު ހުރިގޮތުގެ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ގްރާންޓުތައް ހިމަނައިގެން އާމްދަނީގެ އަދަދު ހަރަދުކުރި މިންވަރަށްވުރެ އިތުރުކަން ފެނިގެންދެއެވެ. ހަރަދުކޮށްފައިވަނީ 19.46 ބިލިއަންކަމަށްވާއިރު އާމްދަނީގެ ގޮތުގައި 20.52 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އާމްދަނީގެ ގޮތުގައި ލިބުނު އަދަދުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 15.66 ބިލިއަން ކަމަށްވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 4.69 ލިބިފައިވެއެވެ. މިހާތަނަށް ގްރާންޓުގެ ގޮތުގައި ލިބިފައިވަނީ 165.3 މިލިއަން ކަމަށް ފިނޭންސުން ބުނެފައިވެއެވެ. ޖުމުލަ އަދަދުގެ ތެރެއިން ރިކަރެންޓު ހަރަދަކީ 17.19 ބިލިއަން ރުފިޔާއެވެ. ނިމިދިޔަ އަހަރަށްވުރެ މުސާރައާއި އިނާޔަތްތައް ދިނުމުގެ ގޮތުން ކޮށްފައިވާ ހޭދަ އިތުރުކަން ފެނިގެންދެއެވެ.
ނިމިދިޔަ އަހަރުގެ މި މުއްދަތުގައި އެކަމަށް ހޭދަކުރީ 6.72 ބިލިއަން ކަމަށްވާއިރު މި އަހަރު 7.20 ބިލިއަން ހޭދަކޮށްފައިވެއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ 2.27 ބިލިއަން ރުފިޔާއެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި މިގޮތުން 5.87 ބިލިއަން ހަރަދުކޮށްފައިވެއެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު މައިގަނޑު ސަބަބަކީ ޖީއެސްޓީއާއި ޓީޖީއެސްޓީގެ އަދި ގްރީން ޓެކްސްއާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އަދަދު އިތުރުވެފައިވުމެވެ.
ދަތުރު ހަރަދުވެސް ނިމިދިޔަ އަހަރަށްވުރެ ކުޑަކަން ތަފާސްހިސާބުން ފެނިގެންދެއެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުފަތުރުކުރުމުގެ ގޮތުން 150.9 މިލިއަން ހަރަދުކުރިއިރު މިއަހަރު ހަރަދުކުރީ 138.9 މިލިއަން ރުފިޔާއެވެ. އިދާރީ މަސައްކަތްތަކަށް ބޭނުންވާ ސަޕްލައި ގަތުމަށްޓަކައި ކުރި ހޭދަ ފާހަގަކުރެވޭ މިންވަރަކަށް ދަށެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި އެ މަސައްކަތްތަކަށް 969 މިލިއަން ހަރަދުކުރިއިރު މި އަހަރު ހަރަދުކުރީ 323.3 މިލިއަން ރުފިޔާއެވެ.
ޖުލައި 17 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީގެ ގޮތުގައި ހަރަދުކޮށްފައިވަނީ 2.19 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 1.17 ބިލިއަން ރުފިޔާއަކީ ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށަް ކޮށްފައިވާ ހޭދައެވެ. ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތަކަށް 349.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ތިމާވެށީގެ ދާއިރާއިން 213 މިލިއަން އަދި ހައުސިންގް މަސައްކަތްތަކަށާް 108.6 މިލިއަން އާއި ސިއްހީ ދާއިރާގެ ތަރައްގީއަށްޓަކައި 73.6 މިލިއަން ހޭދަކޮށްފައިވާކަންވެސް ހިސާބުތަކުން ފެނިގެންދެއެވެ.

