އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ އިންތިހާބުވެފައި ގާނޫނީ ހައިސިއްޔަތު ލިބިފައިތިބި ބައެއް ނަމަވެސް އެމީހުންގެ އެ ހައިސިއްޔަތު ނޯންނަކަމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނިސާ އަހުމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ސިޔާސާތު“ ޕްރޮގްރާމްގައި އަނީސާ ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތު ވަރަށް ރަނގަޅަށް ގާނޫނުގައި ލިޔެވިފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރަނީ އެކަން ނޭންގޭތީ ނޫން ކަމަށް އަނީސާ ވިދާޅުވިއެވެ.
އަނީސާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ޑަބްލިޔުޑީސީއެއް ހުރިހާ ރަށެއްގައިވެސް އަދި މާލޭގައިވެސް އުފެދިގެން އައީ 1983 ވަނަ އަހަރު އެވެ.
އޭރު ކިޔަނީވެސް އަންހެނުންގެ ކޮމިޓީ ކަމަށާއި އަދި މެމްބަރުން އޭރު ހޮވަނީ ވޯޓުލައިގެންވެސް ނޫން ކަމަށް އަނީސާ ވިދާޅުވިއެވެ. އޭރު އަންހެނުންގެ ކޮމިޓީއަށް އިސްކޮށްފައި ތިބީ އެރަށެއްގެ އަންހެނުންގެ ހާލަތާއި މުޅި ރަށުގެ ހާލަތު ދަންނަ މީހުން ކަމަށް އަނީސާ ވިދާޅުވިއެވެ. އަނީސާ ވިދާޅުވީ މިހާރު މާބޮޑެތި މަގާމުތަކެއްގެ ގޮތުގައި އިންތިހާބު ވީނަމަވެސް، އޭރު ކޮމިޓީގެ މެމްބަރުން އުޅުނީ މާ އިއްޒަތްތެރިކޮށް ކަމަށެވެ.
”ރަށުގެ ތަރައްގީއަށް ކުރާ ކޮންމެ ކަމެއްގައި އަންހެނުންގެ ހިއްސާ އޮންނާނެ. އެކަމަކު ދަންނަވަނަ މިއުޅެނީ އެމީހުން ގޮސްގެން ނޫނޭ ތަންތަން ހަދަނީ. ބަނދަރު ހެދިޔަސް އެމީހުންނަށް ކާންދީ ބޯންދީ އެމީހުންގެ އެއްޗެހި ދޮވެ ހުރިހާ ކަމެއް ކުރާނީ. އަނެއްކާ އެމީހުން އަމިއްލަޔަށް ކުރާ މަސައްކަތުން ދޯނި އެއްޗެހި އެހެލައިގެން ލާރި ހޯދައިގެން، ހެދިކާ ހަދައިގެން ލާރި ހޯދައިގެން. އެމީހުން ވޮލެންޓަރީ ކޮށް ކުރާ ހުރިހާ މަސައްކަތަކުން ހޯދާ ހުރިހާ ފައިސާއަކުން ރަށްރަށުގެ އިންޖީނު ގެތަކަށް ހަރަދުކޮށްފައި ހުންނާނެ، ރަށްރަށުގެ ސްކޫލުތައް އެޅުމުގައި ހަރަދުކޮށްފައި ހުންނާނެ“
އަނީސާ ވިދާޅުވީ އޭރު އަންހެނުންގެ ކޮމިޓީގެ އަގު ރަށުގެ ހައިސިއްޔަތުން ބަލާއިރު ވަރަށް މަތިވާނެ ކަމަށާއި އެއީ ރައްޔިތުން ގަދަރުކުރި ބައެއް ކަމަށެވެ. އަނީސާ ވިދާޅުވީ މިހާރު ކަންކަން ވަނީ އެހެން ނޫން ކަމަށާއި، ގާނޫނުގައި ލިޔެފައިވަނީ ކޮން ޒިންމާތަކެއްތޯ ބަލައި އެޒިންމާތައް އަދާކުރަން މާބޮޑު މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވިއެވެ.
އަނީސާ ވިދާޅުވީ ރަށު ކައުންސިލުން ބުނާ ކޮންމެ ކަމެއް ޑަބްލިޔުޑީސީން ކޮށްކޮށް ތިބެނީ ކަމަށެވެ. އަދި މިހާރު ޑަބްލިޔުޑީސީ އޮންނަނީ ރަށު ކައުންސިލްތަކުގެ ދަށުގައި ކަމަށާއި، އެހެންވުމުގެ ސަބަބުން އިދާރީ އެހީތެރިކަން އެކަށީގެން ވާގޮތުގައި ނުލިބޭ ކަމަށް އަނީސާ ވިދާޅުވިއެވެ.

